ރޯދައަށް ތައްޔާރުވުން :17 ރަމަޟާން މަހަކީ ކެއުމުގެ މަހެއް ނޫން- ކާން ދިނުމުގެ މަސް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ރޯދައަށް ތައްޔާރުވުން :17 ރަމަޟާން މަހަކީ ކެއުމުގެ މަހެއް ނޫން- ކާން ދިނުމުގެ މަސް!
ބައެއް މީހުން ރަމަޟާން މަސް ހަދަނީ ކެއުމުގެ މަހަކަށެވެ. ބައެއް މީހުންކަމަށް ބުނެ ނިންމައިލެވޭކަށްވެސް ނެތެވެ. 90 އިންސައްތަ މީހުންނަކީ ބައެއް މީހުން ކަމަށް ބުނެގެން ނުވާނެތީއެވެ.

މިއީ މިކަން އިސްލާމް ދީނުގައި އޮތް ގޮތެއް ނޫނެވެ. ރަމަޟާން މަސް ހަދަންޖެހޭނީ ކެއުމުގެ މަހަކަށް ނޫނެވެ. ކާން ދިނުމުގެ މަހަކަށެވެ. ގޭގައި އަގު ބޮޑުހައި ތަކެތި ކައްކައިގެން ކާންވީއެއް ނޫނެވެ. ގޭގެ ޚަރަދު ކުޑަކުރުމަށްފަހު ލިބުނު މިންވަރަކުން ފަޤީރުންނަށް ކާންދޭންވީއެވެ. ޞަދަޤާތްކުރަންވީއެވެ. މާތްﷲ އެންގެވި ގޮތުގައި ރޯދަ ހިފޭނީ އެއިރުންނެވެ.

ފާއިތުވި އަހަރުތަކުގައި ކަންކަން ކުރެވިފައިވަނީ މިގޮތަށް ނޫންކަމަށްވާނަމަ މިއަހަރަކީ މިފަދައިން އަމަލުކުރަން ފަށާ އަހަރުކަމަށް ހަދާށެވެ. މާޒީގައި ކަމެއް ރަނގަޅު ނޫން ގޮތުގައި ކުރެވިފައި ވުމަކީ އެކަމެއް އިޞްލާޙް ނުކުރަން އޮތް ސަބަބަކަށް ނުހަދާށެވެ. އަވަހަށް އިޞްލާޙްކޮށްލާށެވެ.

އެއިރުން ތިބާއަށް މާތްﷲ ދެއްވަވާނެ ސަވާބުގެ މިންވަރު ވިސްނަން ވެސް ނުއެނގޭނެއެވެ. ރޯދަވެރިން ކުރާ އަމަލުތަކަށް ސަވާބު ދެއްވުމުގައި މާތްﷲ އީ ދީލަތިވަންތަ ރަސްކަލާނގެއެވެ.

ގޭގައި ކައްކައިގެން ގެންގޮސް ވެސް ކާން ދެވިދާނެއެވެ. ފައިސާ ވެސް ދެވިދާނެއެވެ. ބަލަންވީ ފޯރުންތެރިކަން ހުރިނަމަ އެންމެ މީހަކަށް ނަމަވެސް ކާން ދިނުމަށެވެ. ފައިސާ ދޭނަމަ މަދުވެގެން އެއް ފަހަރު ކެވޭ ވަރަށް ފައިސާ ދޭށެވެ. އެވަރަށް އަތުގައި ނެތް ނަމަ އަތުގައި އޮތްވަރަކުން ޞަދަޤާތް ކުރާށެވެ.

--ޝައިޚް މުޙައްމަދު އަލްޝަރީފްގެ ދަރުސަކުން
މިއަދު އޮންލައިން