ރަމަޟާން މަސް ފެށެން ކައިރިވަމުން އަންނައިރު އިޞްލާޙްކުރަންޖެހޭ ކަންކަން ކުރިއާލައި ފާހަގަކުރަންޖެހެއެވެ. އެކަންކަން އިޞްލާޙްކުރަން އަޅާނެ ފިޔަވަޅުތައް ކުރިއާލައި ރާވަން ޖެހެއެވެ.
އެގޮތުން ހާރު ކެއުމަކީވެސް ވިސްނައިލުން ރަނގަޅު ކަމެކެވެ. ބައެއް މީހުން ނިދަންވުމުން ހާރުކައެވެ. އަނެއްބައިމީހުން ރޭގަނޑުން ބައަކު ނިދާފައި ދަންވަރު ތެދުވެ 2:00 ހައިއިރުވެސް ކައެވެ. ކައިގެން އަލުން ނިދައެވެ. އެގޮތަށް ނިދާ ގިނަ މީހުންނަށް އޮންނަނީ ފަތިސް ނަމާދު ނުކުރެވިފައެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅުކުރައްވަވާފައިވަނީ ހާރުކެއުން ވީހައި ފަސްކުރުމަށެވެ. އެހެންކަމުން އެއީ އެކަމުގައި އޮތް އެންމެ ރަނގަޅު ގޮތެވެ.
ހާރުކެއުން ފަސްކުރުމުގައި އިތުރު ފައިދާތަކެއް ވެސް ލިބެއެވެ. އެއީ ހާރުކައި ނިމިގެން އަލުން ނިދުމުގެ ބަދަލުގައި ފަތިސް ނަމާދުކޮށްގެން ނިދުމަށް މަގުފަހިވުމެވެ. ހާރު ކެއުމާއި ފަތިސް ނަމާދާއި ދެމެދު ވަގުތުކޮޅެއް އޮތްނަމަ ޤްރްއާން ކިޔަވައިލުން، ސުންނަތް ނަމާދެއް ކޮށްލުން ކީއްހެއްޔެވެ؟
-- ޑރ. ޒާކިރު ނައިކުގެ ދަރުސަކުން
ރާއްޖޭގައި ކަންކަން ކުރަމުން އަންނަ އުޞޫލަށް ބަލައިފިނަމަ ދަމުނަމާދުން ނިމިގެން ހާރު ކައިފިނަމަ އެކެވުނީ ފަޖުރުލުމާއި ދާދި ގާތްވެފައިވަނިކޮށެވެ. އެހެންކަމުން ދަމު ނަމާދު ނިމިގެން ގޮސް ހާރު ކެއުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ބެލިދާނެއެވެ.
ރަމަޟާން މަހު އޮތީ އަވަހަށް ނިދުމެވެ. ތަރާވީސް ކޮށް ނިންމައިގެން ގޮސް ބޭކާރު ގޮތުގައި ވަގުތުތައް ހޭދަނުކޮށް އަވަހަށް ނިދުމަށްފަހު މަސައްކަތްކުރަންވީ ހޭލައިގެން ދަމު ނަމާދަށް ދެވޭތޯއެވެ! ތަރާވީސް ނަމާދަށްފަހު އިޙްޔާ ފޯރަމް އަޑުއަހައިލުމަކީ ރަނގަޅު ކަމެކެވެ. އިޙްޔާ ފޯރަމް ނިންމައި ނިދިނަމަވެސް ދަމުނަމާދާއި ދެމެދު އެކަށީގެންވާ ވަގުތުކޮޅެއް ނިދާލަން ލިބޭނެއެވެ.
ކުޅިވަރާއި މުންކަރާތްތަކުގައި ވަގުތު ހޭދަކޮށް ހިފި ރޯދައިން ބައެއް ގެއްލުވައި ނުލަމާތޯއެވެ! ރަމަޟާން މަހު ކުޅިވަރާއި މިޔުޒިކާއި އެނޫންވެސް ފަދަ ކަންކަން އިންތިޒާމުކުރަނީ ޝައިޠާނާގެ އެޖެންޓުންކަން އިއްޔެގެ ލިޔުމަކުން ސާފުކޮށް އެނގިވަޑައިގަންނަވާނެއެވެ!