ދައްޖާލުގެ އަސްލު މާނައަށް ބަަލައިފިނަމަ އެއީ ފިތުނަ އުފައްދާ މީހާއެވެ. ދޮގުވެރިޔާއެވެ. މިމާނަތަކަށް ބަލައިފިނަމަ ހާދަ ގިނަ ދައްޖާލުންތަކެއް މިހާރު ވެސް އެބަ އުޅެއެވެ.
އަހަރެމެން އެންމެން އެ ދައްޖާލަކަށް ބިރުން މިތިބަ ދައްޖާލު އޭނާއަކީ ކަލާނގެ ކަމަށް ދައުވާ ކުރާނެއެވެ. އެއީ އޭނާ ހަދާނެ އެންމެ ބޮޑު ދޮގެވެ. އޭނާ އަކީ ކަލަކު ނަމަ މީސްތަކުންނަށް ބިރު ދައްކައިގެން އޭނާއަށް ލަންބުވަން މަސައްކަތްކުރަންޖެހެންވީ ކީއްވެގެން ހެއްޔެވެ؟
ފާހަގަކުރަން ބޭނުންވާ ކަމަކީ ބާރުގަދަ ޤައުމުތަކޭ މިކިޔާ ޤައުމުތަކުގެ ވެރިންގެ ކިބައިން ދައްޖާލުގެ ސިފަތައް ފެންނަމުންދާ ކަމަށެވެ. އެމީހުން ބޭނުންވާ ގޮތަށް އަމަލުނުކޮށްފިނަމަ ޤައުމުތަކަށް ހަމަލާދީ ސުންނާފަތިކުރަމުން ގެންދާ ވާހަކައެވެ. އެފަދަ އަނިޔާވެރި ވެރިން އެއްވެސް އިންސާނަކަށް ރަހުްމް ނުކުރާ ވާހަކައެވެ. އެމީހުން ބޭނުންވާހައި ގޮތަކަށް ކަންކަން ކޮށްފައި ދޮގު ހަދައި ދުނިޔެއަށް ކަންކަން އޮޅުވައިލާ ވާހަކައެވެ. ދުނިޔޭގައި ފިތުނަ ފަސާދަ އާންމުކުރާ ވާހަކައެވެ.
ތެދެކެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އެ ދައްޖާލަކާއިމެދު ބިރުވެރިކަމުގެ އިންޒާރު ދެއްވެވި ދައްޖާލު އަދި ފައުޅެއް ނުވެއެވެ. ނަމަވެސް ބާރުގަދަ ވެރިންގެ ގޮތުގައި ފައުޅުވެގެން މިއުޅޭ މީހުން ދުނިޔެއަށް މިދައްކަނީ ހަމަ އެއްގޮތް ކަންތައްތަކެކެވެ. މިބުނީ ތިމާގެ ބާރުގަދަކަން ދެއްކުމާއި ދޮގުހެދުމާއި ފިތުނަ އުފެއްދުމާއި އަނިޔާވެރިކަން އިސްކުރާ ވާހަކައެވެ.
އަރަބި ޤައުމުތަކުގައި ކުރަމުން ގެންދާ ހަނގުރާމަތަކުން މިބުނި ކަންތައްތައް ފިޔަވައި މިއަދު މިފެންނަނީ ކޮންކަންތައްތަކެއް ހެއްޔެވެ؟ ފުންކޮށް ވިސްނައިލާށެވެ. އެއިރުން ޤަބޫލުކުރެވޭނެއެވެ. ޢަރަބި ޤައުމުތައް ފުނޑުފުނޑުވަމުންދަނީ އެވެ. މުސްލިމް އުންމަތް ނިކަމެތިވެ ނިމެނީއެވެ. އިރާޤް، އަފްޣާނިސްތާން، ސީރިޔާ، ލީބިޔާ އަދި ޔަމަނުން މިފެންނަނީ ދެން އެހެން ކޮންކަންތައްތަކެއް ހެއްޔެވެ؟
މިއީ ޤައުމުތަކުގެ ބޭރުފުށުގެ ހާލަތެވެ. ޤައުމުތަކުގެ އެތެރޭގެ ހާލަތު އޮތީ ކިހިނަކުންހެއްޔެވެ؟ އަދުލުވެރިކަން އޮތީ ކޮން ޤައުމެއްގައި ހެއްޔެވެ؟ ރައްޔިތުންނަށް އަމާންކަމެއް އޮތީ ކޮން ޤައުމެއްގައި ހެއްޔެވެ؟ ތިމާގެ އަމިއްލަ އާއިލާ ފިތުނައިން ސަލާމަތްވެފައި އޮތީ ކޮން މުޖުތަމައުއެއްގައި ހެއްޔެވެ؟
މިކަންކަމަށް ހޭލުންތެރިވާން އެބަޖެހެއެވެ. ކަންތައްތައް މިދަނީ ގޯހުން ގޯހަށްކަން އެންމެންނަށްވެސް އެބަ އެނގެއެވެ. އެހެންކަމަށްވާއިރު ކަންކަން އިޞްލާޙުކުރަން މަސައްކަތް ނުކޮށް އަތް އުރާލައިގެން ތިބެން ހެޔޮ ނުވާނެއެވެ. މާތްﷲ އަހަރެމެންނަށް އަންގަވާފައިވަނީ ހުރިހާ ކަމެއް ވަރިހަަމކޮށްގެން އަތް އުރާލައިގެން ތިބޭކަށް ނޫނެވެ. އިބްލާހަށްޓަކައި މަސައްކަތްކުރުމަށެވެ.
އެންމެ ފުރަތަމަ އަމިއްލަ ޢާއިލާ ތެރެއިން ފިތުނަވެރިކަން ނައްތައިލަން މަސައްކަތްކުރާށެވެ. އެއަށްފަހު އަމިއްލަ މުޖުތަމައުއަށް ސަމާލުކަން ދޭށެވެ. އެއަށްފަހު ފިތުނަތަކުން ޤައުމު ސަލާމަތްކުރަން މަސައްކަތްކުރަން އަވަހަށް ފަށާށެވެ.
މުސްލިމް އުންމަތަކީ އެންމެ ބާރުގަދަ އުންމަތެވެ. ނަމަވެސް އެކަން ނުދެއްކިގެން މިއުޅެނީ މުސްލިމް އުންމަތުގެ ތެރޭގައި އުފެދިފައިވާ ފިތުނަތަކުގެ ސަބަބުންނެވެ. ފިތުނަވެރިކަން އުފެދިގެން މިއުޅެނީ ޚުދުމުޚުތާރުކަން ބޮޑުބައަކު މުސްލިމް އުންމަތުގެ މައްޗަށް ވެރިވެގަނެގެން އުޅޭތީއެވެ. އެމީހުންގެ ޚުދުމުޚުތާރުކަން ދެމެހެއްޓުމުގެ ބޭނުމުގައި ކާފަރުންގެ އެހީއާއި މަދަދަށް އެދެމުންދާތީއެވެ.
މިހާލަތުން މުސްލިމް އުންމަތް ސަލާމަތް ކުރަން ހުރިހާ މުސްލިމުން އެކުގައި ނުކުމެ މަސައްކަތްކުރަން މިވަނީ ޖެހިފައެވެ. މާތްﷲ އެންގެވި ގޮތުގައި އިޚްލާޞްތެރިކަމާއިއެކު މަސައްކަތްކުރަން މިވަނީ މަޖުބޫރުވެފައެވެ. މުސްލިމުންނަށް މިހާރު ކުރިމަތިވެފައިމިވާ މައްސަލަތައް ޙައްލުކުރެވޭނީ އެފަދަ މަސައްކަތްތަކެއް ކުރެވިގެންނެވެ.
-- އިސްލާމީ ތިލަފަތުގެ ދަރުސަކުން