މަޝްހޫރު ދީނީ ޢިލްމުވެރިޔާ ޔޫސުފު އެސްޓިސްގެ ދަރުހެއް ހުޅުމާލޭގައި ބާއްވަނީ
މުޅި ދުނިޔެއަށް މަޝްހޫރު އެމެރިކާގެ ދީނީ ޢިލްމުވެރިޔާ ޔޫސުފު އެސްޓިސް ދެއްވާ ދީނީ ދަރުހެއް ހުޅުމާލޭގައި ބާއްވަން ހަމަޖައްސައިފިއެވެ.
"އިސްލާމް ދީނާމެދު ސުވާލު އުފެދިފައިވާ ކުށްހީތައް" މި ނަމުގައި ބާއްވާ އެ ދަރުސް އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ރޭގަނޑު 8:30 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ދަރުހަކީ ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ބާއްވާ ދަރުހެކެވެ. މި ދަރުހުގައި ބައިވެރިވުމަށް އާންމުކޮށް ވަނީ ހުޅުވާލައިފައެވެ.
އުމުރުން 74 އަހަރުގެ އައްޝައިޚް ޔޫސުފު އެސްޓިސްއަކީ ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ދީނީ ޢިލްމުވެރިންގެ ތެރެއިން އެއް ޢިލްމުވެރިޔެކެވެ. ޔޫސުފަކީ އެންމެ ފުރަތަމަ ކްރިސްޓިއަން ދީނުގެ މީހެކެވެ. ކްރިސްޓިއަން ދީން ދޫކުރައްވައި ޔޫސުފު އިސްލާމް ދީން ޤަބޫލުކުރެއްވީ 1991 ވަނަ އަހަރުގައެވެ. އެއަށްފަހުގައި އޭނާ އަންނަނީ ދުނިޔޭގެ ބާއްވާ ގިނަ އީވެންޓުތަކުގައި ދީނީ ދަރުސް ދެއްވަމުންނެވެ.