ތިބާގެ ދުމުން ތިބާގެ ޢާއިލާގެ މީހަކު ބަލިވި ނަމަވެސް ޤިޔާމަތް ދުވަހުން ބަދަލުދޭން ޖެހޭނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
ތިބާގެ ދުމުން ތިބާގެ ޢާއިލާގެ މީހަކު ބަލިވި ނަމަވެސް ޤިޔާމަތް ދުވަހުން ބަދަލުދޭން ޖެހޭނެ!
ތިބާ ދުންފަތުގެ އިސްތިއުމާލުކުރުމުގެ ސަބަބުން ތިބާގެ ޢާއިލާގެ މީހަކަށް ކެންސަރު ޖެހުނު ނަމަވެސް ނުވަތަ އެނޫން ބައްޔެއް ޖެހުނު ނަމަވެސް ޤިޔާމަތް ދުވަހުން ބަދަލުދޭން ތިބާއަށް ޖެހޭނެއެވެ. ތިބާގެ ލޯބިވާ މައިން ބަފައިންނާއި އަނބިދަރިން ވެސް އެދުވަހު ތިބާގެ ކިބައިން ބަދަލު އަތުލާނެއެވެ. އެ ބަދަލު ދެވޭނެ ހެއްޔެވެ؟

ތިބާ ބޭރުކުރާ ދުމުން އެހެން މީހުންނަށް ނުރައްކާތެރި ބަލިތައް ޖެހޭކަން ތިބާއަށް ރަނގަޅަށް އެނގެއެވެ. އެކަން ޤަބޫލުވެސް ކުރެވެއެވެ. ނަމަވެސް ތިބާ އެކަމަށް އެއްވެސް ސަމާލުކަމެއް ނުދެއެވެ. ވީއިރު އެކަމުގެ ޒިންމާ އުފުލަން ތިބާއަށް ނުޖެހެންވީ ކީއްވެގެންހެއްޔެވެ؟

ތިބާގެ އަތުގައި ފައިސާ ގިނަވެއްޖެނަމަ އެ ފައިސާތަކުގައި އަލިފާން ރޯކޮށް އަންދަމުން ގެންދިއުމުގެ ބަދަލުގައި އެ ފައިސާ މާތްﷲގެ މަގުގައި ޞަދަޤާތްކުރާނަމަ ތިބާގެ ޞިއްޙަތު ސަލާމަތް ކުރެވި އަދި ޢާޚިރަތް ދުވަހު އެކަމުގެ ފައިދާ ކުރާނެއެވެ.

ނިކަން ބުނެބަލާށެވެ. އިރުއިރުކޮޅުން ފައިސާތަކެއްގައި އަލިފާން ރޯކޮށް އަންދާއިރު އެކަމުން ތިބާއަށް ލިބެނީ ގެއްލުމެއް ފިޔަވައި އިތުރު ކޮން ކަމެއް ހެއްޔެވެ؟ މާލީ ގޮތުން ގެއްލުންތަކެއް ލިބޭއިރު ތިބާގެ ޞިއްޙަތަށް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ. އަދި ތިބާގެ ސަބަބުން އެހެން މީހުންގެ ޞިއްހަތަށް ވެސް އަންނަނީ ގެއްލުން ލިބެމުންނެވެ.

އެއީ އަދި މާނުރައްކާތެރި ކަމެކެވެ. ތިބާގެ ހަށިގަނޑަކީ ތިބާގެ އަމިއްލަ މިލްކެއް ނޫނެވެ. ތިބާ އުފެއްދެވި މާތްﷲގެ ޙައްޤެކެވެ. ތިބާގެ އަމިއްލަ ނަފުސަށް ތިބާ ދޭ ގެއްލުންތަކުގެ ޒިންމާ އުފުލަން ތިބާއަށް ޖެހޭނެކަން ކީރިތި ޤްރްއާނުގެ އާޔަތްތަކުން އެނގެން ނެތީހެއްޔެވެ؟

އަވަހަށް އިޞްލާޙްކޮށްލާށެވެ! ހުރިހާ ފައިދާއެއް ދެދުނިޔޭގައި ވެސް ލިބޭނީ ހަމަ ތިބާއަށެވެ!

-- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިއަދު އޮންލައިން