ތިބާ މިދުނިޔޭގައި ތިއަ އުޅެނީ ލޮލަށް ފެންނަ މީހެއްގެ ގޮތުގައެވެ. ޤިޔާމަތް ދުވަހު ތިބާއަކީ ދެލޯކަނު މީހެއްގެ ގޮތުގައި މަޙްޝަރުކުރެވެން ބޭނުން ހެއްޔެވެ؟ ޚާއްޞަކޮށް ތިބާ އަކީ އެމީހެއްގެމަތިން މާތްﷲ ހަނދުމަފުޅު ނެތިކޮށްލައްވާައިިފައިވާ އަދި ގަދަފަދަ އަޒާބު ދާއިމަށް ލިބޭނެ މީހެއްގެ ގޮތުގައި ވުމަށް އެދެނީ ހެއްޔެވެ؟ އެހެން ނޫންކަމަށްވާނަމަ ރަނގަޅަށް ވިސްނާށެވެ!
ބައެއް މީހުންނަށް މާތްﷲ ބާރާއި އިޚްތިޔާރު ދެއްވެވުމުން މާތްﷲ ބާވައިލެއްވެވި އާޔަތްތައް މަތިން ހަނދާނެއް ނުހުރެއެވެ. ކަންކަން ކުރަނީ ހިތަށް އެރިހައިގޮތަކަށެވެ. މާތްﷲ ދެއްވެވި އިޚްތިޔާރާއި ބާރުގެ ބޭނުންކުރަނީ އެހެން މީހުންނަށް އަނިޔާވެރިވުމަށެވެ.
ޢާއިލާގެ ވެރިކަން ލިބުމުން ޢާއިލާ އާއިމެދު ކަންކަން ކުރަނީ ހިތަށް އެރިގޮތަކަށެވެ. މަޤާމުގެ ބާރެއް ދެއްވަވައިފިނަމަ އަމަލުކުރަނީ ބޭނުން ގޮތަކަށެވެ. ޙުކުމް ކުރުމުގެ ބާރު ދެއްވަވައިފިނަމަ ޙުކުމް ކުރަނީ އަދުލުވެރިކަމެއް ނެތިއެވެ. މިހުރިހާ ކަންކަންވެސް ކުރަނީ ތިމަންމެންނީ މާތްﷲގެ އާޔަތްތައް ތެދުކޮށްގެން ތިބި ބައެއް ކަމަށް ބުނަމުންނެވެ.
ކައިވެނިކުރުމަށްފަހު އަނބިމިހާގެ މަތިން ހަނދާންވަނީ ގެއަށް ވަދެވުމުންނެވެ. ބޭރުގައި އުޅެނީ ހިލޭ އަންހެނުންނާއިއެކުގައެވެ. ހުރިހާ އުފަލެއް ކުރަނީ ހިލޭ އަންހެނުންނާިއެކު އެވެ. މާތްﷲ އެންގެވި ގޮތް ހަމަ ނުއެނގެނީ ހެއްޔެވެ؟ މި ހާލަތާއި ގުޅުވައިގެން އަނބިންނާއި ވެސް ހަމަ މިސުވާލުކުރަން މިވަނީ ޖެހިފައެވެ. ބޮސް އާއިއެކު ކޮސް ހަދަމުން ގެންދާތީއެވެ.
މާތްﷲގެ އާޔަތްތައް ތެދުކުރުމަކީ ދުލުން އެކަނި ކުރެވޭ ކަމެއް ނޫނެވެ. ދުލުން އެހެން ބުނަމުން އަމަލުން ވެސް އެކަން ސާބިތުކޮށްދޭން ޖެހެއެވެ.
މާތްﷲ ބާވައިލެއްވެވި އާޔަތްތައް ތެދުކުރާ މީހަކަށްވާނީ މާތްﷲ އެންގެވިގޮތަށް އަމަލުތައް ބަހެއްޓުމުންނެވެ. ވަކިކަމެއްގައެއް ނޫނެވެ. ކުރާ ކޮންމެ ކަމެއްގައިވެސް މެއެވެ.
އެއިގެތެރޭގައި މާތްﷲ އަށް އީމާންވުމާއި ނަމާދުކުރުމުން ފެށިގެން ގޮސް އެންމެހައި މަސްއޫލިއްޔަތުތައް ހިމެނެއެވެ. އެއްވެސް ކަމެއް އިސްތިސްނާއެއް ނުކުރެވޭނެއެވެ. އެ އިޚްތިޔާރު މާތްﷲ އެއްވެސް އިންސާނަކަށް ދެއްވަވައިފައެއް ނުވެއެވެ.
ކީރިތި ޤްރްއާނުގެ މި 4 އާޔަތުން އެކަނިވެސް މިބުނި ބަސްތަކުގެ ތެދުކަން އެނގިގެންދާނެއެވެ.
"އަދި ތިމަން ރަސްކަލާނގެ (ތިމަން ﷲ ބާވައިލެއްވެވި) ޤްރްއާނަށް ފުރަގަސްދީފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށް އޮތީ، ދަތި ދިރިއުޅުމެކެވެ. އަދި ޤިޔާމަތް ދުވަހުން އެމީހަކު ކަނު މީހެއްގެ ގޮތުގައި މަޙްޝަރަށް ފޮނުއްވާހުށީމެ،
އެމީހާ ދަންނަވާނެތެވެ. އަޅުގެ ވެރި ރަސްކަލާކޮ! ކަނު މީހެއްގެ ގޮތުގައި މިއަޅާ މަޙްޝަރަށް ފޮނުއްވީ ކީއްވެގެންތޯއެވެ؟ ހަމަކަށަވަރުން، ލޮލަށް ފެންނަ މީހަކު ކަމުގައި (ދުނިޔެމަތީގައި) މިއަޅާވީމެވެ.
އެކަލާނގެ ވަޙީކުރައްވަވާނެތެވެ. ހަމަ އެފަދައިން ތިމަން ރަސްކަލާނގެ އާޔަތްތައް ކަލެއާއި ހަމައަށް އައެވެ. ފަހެ، އެ އާޔަތްތައް ކަލޭ ހަނދާން ނައްތައިލީމުއެވެ. ހަމަ އެފަދައިން، މިއަދު ކަލޭގެމަތިން ހަނދާންނައްތައިލެވޭނެއެވެ. (އެބަހީ ﷲގެ ރަޙްމަތުން މަހްރޫމްކޮށްލެވޭނެތެވެ.)
އަދި (އުރެދުމުގައި) ހައްދުފަހަނައަޅައި ގޮސް އޭނާގެ ވެރި ރަސްކަލާނގެ އާޔަތްތަކަށް އީމާން ނުވި މީހާއަށް، ތިމަން ރަސްކަލާނގެ ޖަޒާ ދެއްވަނީ ހަމައެފަދައިންނެވެ. ހަމަކަށަވަރުން އާޚިރަތުގެ އަޒާބު މާގަދައެވެ. އަދި ދެމިހުރުން މާބޮޑުމެއެވެ."
(ޠާހާ ސޫރަތުގެ ،124 ،125 ،126 127)
-- އިސްލާމީ ތިލަފަތުގެ ދަރުސަކުން