އިސްލާމީ މުޖުތަމައުގައި މިހާރު ކަންކަން ހިނގާ ގޮތަށް ބަލާއިރު ބޮޑަށް މުހިންމީ ޢީދުކަން ނުވަތަ ރޯދަކަން މިވަނީ ވަަރަށް ބޮޑަށް އޮޅިފައެވެ.
ރަމަޟާން މަހުގެ ފުރަތަމަ 15 ނުނިމެނީސް އީދަށް ބޭނުންވާ ސާމާނު އެއްކުރަން ފަށައެވެ. ޢީދު ހެދުމާއި އަރާނެ ފައިވާން ފަދަ ތަކެތި ގަނެއެވެ. ޢީދު ނަމާދަށް ދާނެ މިސްކިތް ކަނޑައަޅައެވެ. އަދި ޢިދު ދުވަހު ކައްކާނެ ތަކެއްޗާއި ދައުވަތު ދޭނެ މީހުން ވެސް ކަނޑައަޅައެވެ.
ޢީދު ދުވަހާއި ގުޅުވައިގެން ޗުއްޓީއަށް އެހެން ޤައުމަކަށް ދިއުމުގެ ކަންކަން ވެސް އިންތިޒާމުކުރެއެވެެ. ބައެއް މީހުން ރޯދަ މަސް ފެށުމުގެ މާކުރިންވެސް ޢީދު ބަންދަށް ގޮތް ނިންމައެވެ. ޤައުމުން ބޭރަށްދާނަމަ އެއާޓިކެޓް ގަނެހަދައެވެ. މިބުނެލީ އީދާއި ގުޅުވައިގެން ކުރާ ވަރަށް މަދު ކަންކަމުގެ ލިސްޓެކެވެ. އަސްލު ލިސްޓް މިއަށްވުރެ މާދިގުވާނެއެވެ.
ދެން ބަލައިލަންވީ ރޯދައަށް ތައްޔާރުވާން ތިބާ ކުރި ކަންކަމުގެ ލިސްޓަށެވެ. ރަނގަޅަށް ތެދުވެރިކަމާއިއެކު ބަލައިފިނަމަ ޢީދު ލިސްޓަށްވުރެ މާކުރުވާނެއެވެ. އަޞްލަށް ބަލައިފިނަމަ ޢީދު ލިސްޓާއި ގާތްވެސް ނުކުރާނެއެވެ. ގިނަ ބައަކަށް އޮންނަނީ ކުރަންޖެހޭ ހަމަ އެންމެ ކަމެއްވެސް ނުކުރެވިފައެވެ.
ސުވާލަކީ ޢީދަކީ ކޮބައިހެއްޔެވެ؟ ރޯދައަކީ ކޮބައިހެއްޔެވެ؟ މުހިންމީ ޢީދުހެއްޔެވެ؟ ނޫނީ ރޯދަ ހެއްޔެވެ؟ ޢީދު އަންނަނީ ރޯދަ ހިފި މީހުންނަށް ނޫންހެއްޔެވެ؟ ރޯދަ ހިފުމުގެ ނަމުގައި ފިރުކުނު މީހަކަށް ދުވެ އުފާކުރާނެ ޢީދެއް ނުއަންނާނެއެވެ.
ރޯދަ މަސް އައިސް ޖެހިއްޖެއެވެ. އެ މައްސަރުގެ މަތިވެރިކަމުގެ ވާހަކަތައް ކޮންމެ ރޯދަމަހެއްގައި ދައްކާތީ އެއީ އައު ވާހަކަތަކެއް ނޫނެވެ. ނަމަވެސް އެއީ ދައްކަންޖެހޭ ވާހަކަތަކެކެވެ.
ރޯދަ މަހަށް ހަނދުބަލަން ވަންދެން ނައިޓްކްލަބަށް ދާ މީހުން އެބައުޅެއެވެ. އެ ރޭ އެތަނުން ނުކުންނާނީ އެ ރެއިން ފެށިގެން 1 މަސް ދުވަހުގެ ޗުއްޓީއެއް ނެގީ ކަމަށް ރައްޓެހިން ގާތު ބުނެފައެވެ. މާނައަކީ އެފަދަ މީހުން ރޯދަ މަސް ނިމުމުން އެނބުރި ނައިޓް ކްލަބަށް ދާން ފާށާނެ ކަމެވެ.
އެފަދަ މީހުން ރޯދަ ހިފަން އެފަށަނީވެސް ހަމަ އެ ނިޔަތުގައެވެ. މީހަކު ހިފާ ރޯދައަށް ބަހެއް ބުނާކަށް ނެތީމެވެ. އެކަން ވަނީ އެމީހަކާއި މާތްﷲ އާއި ދެމެދުގައެވެ. ނަމަވެސް އެނގޭކަމަކީ ރޯދަ މަސް ނިމުމާއިއެކު ކުރީގެ ޖާހިލު ދިރިއުޅުމަށް އެނބުރި ހިނގައްޖެނަމަ އެމީހަކީ ގެއްލެނިވެގެންވާ މީހެއް ކަމަށް ބުނުމުގެ ފުރުޞަތު އެބައޮތްކަމަށެވެ.
މިރޭގެ ދަރުސުގެ މުޅި ޚުލާޞާއަކީ ދުރާލައި ވަަރަށް ރަނގަޅަށް ތައްޔާރުވެގެން އައު އަޒުމަކާއިއެކު ރޯދަ މަހާއި ކުރިމަތިލުމަށް ނަޞޭހަތްތެރިވުމެވެ. ފުރަތަމަ ރޯދައާއިއެކު މުޅިން އައު ހަޔާތެއް ފެށުމަށް ނަޞޭޙަތްތެރިވުމެވެ. މާނައަކީ ރޯދަމަހާއިއެކު މީހާ މުޅިން ބަދަލުވުމެވެ. ރޯދަމަހަށްފަހު އެނބުރި ފާފަކުރަން ނުފެށުުމެވެ. އެ މަޤްޞަދު ޙާޞިލުކުރެވޭނީ ހަމަ ކުރިން ބުނި ފަދައިން ވަރަށް ވަރުގަދަ އަޒުމަކާއިއެކު ރޯދަމަޙާއި ބައްދަލުކޮށްގެންނެވެ.
-- މުފްތީ މެންކުގެ ދަރުސަކުން