ރޯދައަށް ތައްޔާރުވުން :19 ރޯދަ މަހު މާކްސް ލިބެނީ ކާއެއްޗެހީގެ ފެންވަރަށާ ބަދިގޭގަ ހޭދަކުރާ ވަގުތަކަށް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ރޯދައަށް ތައްޔާރުވުން :19 ރޯދަ މަހު މާކްސް ލިބެނީ ކާއެއްޗެހީގެ ފެންވަރަށާ ބަދިގޭގަ ހޭދަކުރާ ވަގުތަކަށް ނޫން!
ރަމަޟާން މަހަކީ ދުނިޔޭގެ އެންމެ ގިނަ ބައަކު ސަމާލުކަން ދޭ މަހެވެ. ދުނިޔޭގައި ކުރާ ހުރިހާ އަޅުކަމަކަށް ބެލި ނަމަވެސް އެންމެ ގިނަ ބައަކު އެއްފަހަރާ އެ އަޅުކަމެއްގައި ސާމިލުވެ ބައިވެރިވާ އަޅުކަމަކީ ރޯދަ ހިފުމެވެ. އެކަން ދަނީ ދުނިޔޭގެ ކަންކޮޅުތަކުން ކޮންމެ އަހަރަކުވެސް ފެންނަމުންނެވެ.

ސުވާލަކީ މިފެށޭ ރަމަޟާން މަހު ތިބާގެ ހަޔާތަށް ގެންނާނީ ކޮން ބަދަލެއް ހެއްޔެވެ؟ ދުވާލު ނުކައި ހުރުމާއި ކުޅިވަރާއި މަޖަލުގައި ދުއްވައިލާނީ ހެއްޔެވެ؟ ގޭގައި މޮޅަށް ކެއުމުގެ މުބާރާތެއް ބާއްވައި އެހެން މީހުންގެ ކުރިމަތީގައި މެޑެލްޖަހައި ނިންމާލާނީ ހެއްޔެވެ؟

ފުންކޮށް ވިސްނައިލާށެވެ. ރޯދަމަހު ކުރަންވީ ކަންކަން މާތްﷲ ވަނީ އަންގަވައިފައެވެ. އެއިގެ ތެރޭގައި މޮޅަށް ކެއުމެއް ނެތެވެ. އެހެންވީމާ ކިތަންމެ އަގު ބޮޑު ކެއުންތަކެއް ކެއި ނަމަވެސް އެކަމަކުން ރޯޯދައަށް ކުރާނެ އެއްވެސް ފައިދާއެއް ނެތެވެ.

ައަންހެނުންނަށް ބުނަން އޮތް ވާހަކައަކީ ކިތަންމެ ގިނައިރު ބަދިގޭގައި އުޅުނު ނަމަވެސް އެކަމުން ރޯދައަށް ކުރާނެ އެއްވެސް ފައިދާއެއް ނެތް ވާހަކައެވެ.

ރަމަޟާން މަސް އައުމުން އެބައެއްގެ ކިބައިގައި ތަނަވަސްކަން ހުރި މިންވަރަކުން ރަނގަޅު އެއްޗެތި ކައި އުޅުމަކީ ހަމަ އެންމެ ރަނގަޅު ކަމެކެވެ. ބަލަންވީ ކޮންމެހެން އަގުބޮޑު ކެއުންތަކަކަށް ނޫނެވެ. ހަށިގަނޑަށް އެންމެ ފައިދާހުރި ކެއުންތަކަށެވެ. ބަލަންވީ ކާ ތަކެތީގެ އަދަދު ގިނަ ކުރުމަށާއި ވީހައި ގިނަ ތަކެތި ހެދުމަކަށް ވެސް ނޫނެވެ. ބަލަންވީ ވީހައި މަދު އެހެން ނަމަވެސް ފައިދާ ހުރި ތަކެތި ތައްޔާރުކޮށް ކެއުމަށެވެ.

ރަމަޟާން މަސް އައުމުން އެންމެންވެސް ސަމާލުކަން ދޭންވީ އެމަހުގައި ކުރަން މާތްﷲ އަންގަވާފައިވާ ކަންކަން ކުރުމަށެވެ. ވީހައި ގިނަ އަޅުކަން ކުރުމަށެވެ. ނަމާދުކުރުމަށެވެ. ޚާއްޞަކޮށް ރޭ އަޅުކަން ކުރުމަށާއި ކީރިތި ޤްރްއާން ކިޔެވުމަށެވެ. ކީރިތި ޤްރްއާން މުރާޖަޢާ ކުރުމަށެވެ. ޞަދަޤާތް ދިނުމަށެވެ. ދޫ ރައްކައުތެރި ކުރުމަށެވެ.

ހިފާ ރޯދައަށް ފައިދާކުރާނީ މާތްﷲ އަންގަވާފައިވާ ކަންކަން ކުރުމުންނެވެ. ރަމަފާން މަހަކީ ފައިދާހުރި މަހަކަށްވަނީ އެމަހުގައި ކުރަން އެންގެވި ކަންކަން ކުރުމުންނެވެ. ބޭނުންހައި ކަމެއް ކުރުމަކުން ނޫނެވެ.

-- އިސްލާމީ ތިލަފަތުގެ ދަރުސަކުން
މިއަދު އޮންލައިން