ﷲގެ ޙަޟްރަތަށް ގެންދެވުނު ހެޔޮ އަމަލުތައް ގިނަކަމުން ފަޚުވެރިވެފަ ހުއްޓާ ނުވެސް ދަންނަ ބައަކު އައިސް ޖަހައިގަންނާނެ މީހަކަށް ނުވެބަލަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ﷲގެ ޙަޟްރަތަށް ގެންދެވުނު ހެޔޮ އަމަލުތައް ގިނަކަމުން ފަޚުވެރިވެފަ ހުއްޓާ ނުވެސް ދަންނަ ބައަކު އައިސް ޖަހައިގަންނާނެ މީހަކަށް ނުވެބަލަ!
ޤިޔާމަތް ދުވަހު މާތްﷲގެ ޙަޟްރަތަށް ގެންދެވުނު ހެޔޮ އަމަލުތައް ގިނަވުމުން އެކަމާއިމެދު ވަަރަށް ބޮޑަށް ފަޚުވެރިވެފައި ހުއްޓާ ނުވެސް ދަންނަ އަދި ހަނދާންވެސް ނެތް ބައަކު އައިސް އެމީހާގެ ހެޔޮ އަމަލުކޮޅު ޖަހައިގަންނާނެ ބައަކު މަހްޝަރަށްދާނެއެވެ.

އެމީހުންތައް ގޮސް މާތްﷲ އަށް ދަންނަވާނެތެވެ.

"ތި މީހާ ވަނީ އަޅުގަނޑަށް މިވެނި އަނިޔާއެއް ކޮށްފައެވެ. މިވެނި ގެއްލުމެއް ދީފައެވެ. އަޅުގަނޑުގެ މުދަލުން މިވެނި ވައްކަމެއް ކޮށްފައެވެ. މިވެނި ހައްޤަކަށް އަރައިގެންފައެވެ. މިވެނިކަމެއްގައިި އިހުމާލުވެފައެވެ. މިވެނި ޙުކުމެއް ނުބައިކޮށް ކޮށްފައެވެ. މިވެނިކަމެއް އަޅުގަނޑުގެ ބޮލުގައި އަޅުވައިފައެވެ. މިހެން ގޮސް ދިގު ލިސްޓުތައް ކިޔާނެއެވެ.

އެމީހުންގެ މަތިން އެއިރު އެމީހާ ހަނދާންވެސް ނުހުންނާނެއެވެ. އެކަންކަން ކުރެވުނުކަންވެސް ހަނދާނެއް ނުހުންނާނެއެވެ. އެހިނދު މާތްﷲ އެމީހަކަށް އެކަންކަން ހަނދުމަކޮށްދެއްވަވާނެތެވެ. އެކުރީ ރަނގަޅު ޝަކުވާތަކެއްކަން ސާބިތުކޮށްދެއްވަވާނެތެވެ.

އެއަށްފަހު އެމީހާގެ ތިލަފަތުގައި ހުރި ހެޔޮ އަމަލުތަކުން އުނިކުރެވެން ފަށާނެއެވެ. ޝަކުވާ ކުރި މީހުންނަށް ހައްޤު ބަދަލު ދެއްވަވާނެތެވެ. ބަދަލު ދެއްވަވަމުން ގެންދަވައި އެއްކަލަ ހެޔޮކަމުގެ ބޑެތި ފުނިވަރުތައް ހިފައިގެން ދިއަ މީހާގެ ހެޔޮ އަމަލުތައް ހުސްވުމުން އެމީހުން ކޮށްފައިވާ ފާފަތައް އެމީހާ ކޮށްފައިވާ ފާފަތަކުގެ ތިލަފަތަށް އެޅެން ފަށާނެއެވެ. އެންމެ ފަހުން ޖެހޭނީ އެހެން މީހުން ކުރި ނުބައި އަމަލުތަކުގެ ފާފަތައް ކޮނޑުޖަހައިގެން ނަރަކައަށް ދާށެވެ."

މިއަދު ބައެއް މީހުން މީހުންގެ ހައްޤުތަކަށް އަރައިގެންފައި އެބަބުނެއެވެ. އެއީ މިވެނި މީހަކު ބުނެގެން ކުރި ކަމެކެވެ. ވަޒީފާގައި ހުރީތީ ކުރަންޖެހުނު ކަމެކެވެ. އެދުވަހަކުން އެފަދަ އެއްވެސް ބަހަނާއެއް ނުދެއްކޭނެއެވެ.

އެމީހަކު ކުރި އަމަލަކަށް އެމީހަކު ޒިންމާ ނުއުފުލައި އެދުވަހަކުން ސަލާމަތެއް ނުވެވޭނެއެވެ.

އެހެން މީހުންގެ ހައްޤުތަކަށް އަރައިގަންނަން ޖެހޭ ވަޒީފާތައް އަދާނުކުރާށެވެ. އަދި ކޮންޓްރެކްޓަށްވެސް އެފަދަ މަސައްކަތްތައް ނުކުރާށެވެ. ޙަލާލު ގޮތުައި ނޫނީ އެއްވެސް ފައިސާއެއް ނުހޯދާށެވެ. ބޭނުންކުރާ އެންމެ ފައިސާ ފޮތްޗަކީ ވެސް ޙަލާލު ގޮތުގައި ލިބުނު އެއްޗެއްކަން ކަށަވަރުކުރާށެވެ. އަމިއްލަ ހަށިގަނޑުން ދައު އޮހޮރުވައިގެން ކުރާ ޙަލާލު މަސައްކަތްތަކަށް މާތްﷲ ސަވާބު ދެއްވަވަނީ އެ ސަބަބަށްޓަކައެވެ.

އާޚިރަތް ދުވަހުގެ ޙާލަތަށް ބިރުވެތިވެ އަވަހަށް ތައުބާވާށެވެ.

-- ބިލާލް އައްސަދުގެ ދަރުސަކުން
މިއަދު އޮންލައިން