އެއްގަމު ޖަނަވާރަށް ކަނޑުގަ އުޅޭ ބާރުގަދަ މިޔަރު ކެއުމުގެ ފުރުޞަތު ލިބުމާއިމެދު ވިސްނައިލުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 17ސ
އެއްގަމު ޖަނަވާރަށް ކަނޑުގަ އުޅޭ ބާރުގަދަ މިޔަރު ކެއުމުގެ ފުރުޞަތު ލިބުމާއިމެދު ވިސްނައިލުން
މިއަރަކީ ކަނޑުގައި ވެރިކަންކުރާ އެންމެ ބާރުގަދަ އެއް ބާވަތެވެ. ބޭނުން ކޮންމެ އެއްޗެއް ޝިކާރަކުރުމުގެ ބާރު ލިބިގެންވެއެވެ. މޫދަށް އެރިއުޅޭ އިންސާނުންނަށްވެސް އެންމެ ގިނަ މުޞީބާތްތައް ކުރުމަތިކުރުވާ އެއް ބާވަތަކީ މިޔަރެވެ.

ފޮޓޯއިން ތިއަފެނިވަޑައިގަންނަވަނީ އެ ބާރުގަދަ މިޔަރުގެ މަސް ކުޑަކުޑަ އެއްގަމު ޖަނަވާރެއް ކާތަނެވެ. މޫދުގައި އޮއްވައެވެ. ނަމަވެސް އެއޮތީ މަރުވެފައެވެ. އެއްވެސް ބާރެއް ނެތިއެވެ.

މިއީ ވަރަށް މާނަފުން މަންޒަރެކެވެ. ފުންކޮށް ވިސްނާލައިފިނަމަ ގިނަ އިބްރަތްތަކެއް ލިބިގެންދާނެއެވެ. ކޮންމެ އެއްޗަކަށް ނަމަވެސް މާތްﷲ ބާރުތައް ދެއްވަވަނީ ވަކި މިންތަކެއްގެ ތެރެއިން ކަމާއި އެބާރު އަނބުރައި ގެންދެވުމުން ކުނިވެ ފުޅައަޅާނެކަން އެނގިގެންދާނެއެވެ.

މިހާރަކަށް އައިސް އެންމެ ގިނައިން ބުނާ އަޑު އިވޭ އެއްވާހަކައަކީ އަހަރެން އެއްވެސް ކުށެއް ނުކުރާކަމުގެ ވާހަކަ އާއި ކޮންމެވެސް މުޞީބާތްތަކެއް އެމީހަކާއި ކުރިމަތިވެފައިވާ ކަމުގެ ވާހަކަތަކެވެ
.
މުޞީބާތެއް ކުރިމަތިވާ ކޮންމެ މީހަކީ ކުށެއް ކޮށްފައި ހުރި މީހަކަށް ނުވެދާނެއެވެ. މީސްތަކުން އިމްތިހާން ކުރެއްވެވުމުގެ ގޮތުން ވެސް މާތްﷲ މުޞީބާތްތައް ކުރިމަތިކުރައްވަވައެވެ. ހަމައެފަދައިން ކުރާ ބައެއް ކުށްތަކަކީ އެންމެންނަށް އެނގޭ ކަންކަމެއް ނޫނެވެ. ނަމަވެސް ޔަޤީންކުރަންވީ ކަމަކީ ތިމާކުރާ ހުރިހާ އަމަލުތަކެއް މާތްﷲ ދެކެދެނެވޮޑިގެންވާ ކަމެވެ. އެކަލާނގެއަށް ވަންހަނާ ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނުއޮންނާނެ ކަމެވެ.

ކަންތައްތައް ދިމާވާ ގޮތުން ކިތަންމެ ބޮޑެތި ކުށްތައް ކުރިނަމަވެސް ކޯޓުގެ ޙުކުމެއް އެމީހެއްގެ މައްޗަށް ނުއިއްވައިވެސް އޮވެދާނެއެވެ. އެއީ އެމީހާގެ ނުފޫޒު ގަދަކަމުން ކޯޓާއި ހަމައަށް އެއްވެސް މައްސަލައަކަށް ނުދެވޭތީ ކަމަށްވެސް ވެދާނެއެވެ. ނަމަވެސް އެއިގެ މާނައަކީ އެމީހަކީ އެއްވެސް ކުށެއް ނުކުރާމީހެއް ކަމަށްވުމެއް ނޫނެވެ.

ރާއްޖޭގައި ވެސް އެފަދަ މީހުން އެބަތިއްބެވެ. އެފަދަ ބައެއް މީހުން އެންމެ ގިނައިން ބުނާ އެއްބަހަކީ އެމީހެއްގެ މައްޗަށް އެއްވެސް ކުށެއް ސާބިތުވެފައިި ނުއޮންނާނެ ވާހަކައެވެ. އެއީ ވެސް ހަމަ ވަރަށް ބޮޑު ތެދެކެވެ. ކޯޓުގައި ކުށެއް ސާބިތުވާނީ ކޯޓަށް މައްސަލައެއް ހުށަހަޅައި އަދި ޝަރީޢަތްވެސް ކުރެވިގެންނެވެ.

އެފަދަ ބާރާއި ނުފޫޒު ގަަދަ މީހުންވެސް ވިސްނައިލަންވީ ހަމަ މިފޮޓޯއަށެވެ. ތިމާގެ ހުރިހާ ބާރުތަކެއް ކެނޑިގެންދިއުމަކީ ހަަމަ ވެދާނެ ކަމެއް ކަމެވެ. ކޮންމެ ފަދަ މުޞީބާތެއްވެސް ކުރިމަތިވެދާނެ ކަމެވެ. އެއްވެސް ބާރެއް ނެތި އަމާން ދޭން ޖެހޭ ވަގުތެއް ކުރިމަތިވެދާނެ ކަމެވެ.

މިސާލަކަށް ނިކަމެތި ކުދިންކޮޅެއްގެ ބިން އަތުލައިގަނެ އެބިމުން މަހަކު 300،000 ރުފިޔާގެ އާމްދަނީއެއް ހޯދަމުން އަހަރެން ހަމަ އެއްވެސް ކުށެއް ނުކުރާކަމަށް ބުނާއިރު އެ އަޑު އައްސަވަން މާތްﷲ ވޮޑިގެންވާކަން ވިސްނައިލުން ރަނގަޅުވާނެއެވެ. ބުއްދިވެރިންނަކީ މިފަދަ ކަންކަމަށް ވިސްނައި އެއްވެސް މީހެއްގެ ޙައްޤަކަށް އަރައި ނުގަނެ ދިރިއުޅޭ މީހުންނެވެ.
މިއަދު އޮންލައިން