ކައްވަޅަކީ އަނދިރިތަނެއްކަން އެންމެންނަށްވެސް އެނގެއެވެ. ނަމަވެސް ހަމައެކަނި ކައްޥަޅުގެ އަނދިރިކަމަކީ ކިހައިވަރެއްގެ އަނދިރިކަމެއްކަން އެނގޭނަމަ ވެސް އެމީހަކު އެއްވެސް ފާފައެއް ނުކުރާނެއެވެ.
ބައެއް މީހުންނަށް ޤަބޫލުކުރެވެނީ އެއީ ދެލޯ މަރައިލުމުން ނުވަތަ ކޮޓަރީގެ ބޮކި ނިވައިލުމުން މިފެންނަ ފަދަ އަނދިރިކަމެއް ކަމަށެވެ. މިއީ ވަރަށް ކުށް ހީއެކެވެ. ކައްވަޅުގެ އަނދިރިކަމަކީ އެތައް ގުނައެއް އަނދިރި އަނދިރިކަމެކެވެ. ހަމަ އެކަނި އަނދިރީއަކީއެއް ނޫނެވެ. އެ އަނދިރިކަމަކީ އަނދިރިކަމުގެ އިތުރުން ބިރުވެރިކަމުން ފުރިގެންވާ އަނދިރިކަމެކެވެ.
ކައްވަޅުގެ އަޒާބާއި ސަވާބުގެ ވާހަކަ ވަރަށް ގިނައިން ދެކެވެއެވެ. ކައްވަޅުގައި ކުރެވޭނެ 3 ސުވާލުގެ ވާހަކަތައްވެސް ދެކެވެއެވެ. އަދި ކައްވަޅުގެ އަނދިރިކަމުގެ ވާހަކަވެސް ދެކެވެއެވެ. އެހެން ނަަމަވެސް އެ އަޑުތައް އިވުމާއިއެކު ދަނީ ހަނދާންނެތިގެންނެވެ.
ނަރަކައިގެ އަޒާބުގެ ވާހަކަ އިހަށް ދުރުުގައި ބާއްވާށެވެ. ކައްވަޅުގެ އަޒާބާއިމެދު ވިސްނައިލަބަލާށެވެ.
ކައްވަޅުގައި ކުރެވޭ ސުވާލުތަކާއިމެދު ކަލޭ ވިސްނާނެ ކަމެއް ނެތެވެ. ކަލޭގެ ފަރާތުން ޖަވާބުދޭނީ އަހަރެން ކަމަށް ބުނާ ސޫފީން އެބައުޅެއެވެ. ނަމަވެސް އެބާވަތުގެ އެއްވެސް ވާހަކައެއް ޤަބޫލުނުކުރާށެވެ. ކައްވަޅުގައި ސުވާލުކުރެވޭނީ ހަމަ ސީދާ ތިބާއަށެވެ. ޖަވާބުދޭންޖެހޭނީ ހަމަ ތިބާއަށެވެ. އެއީ ކީރިތި ޞައްޙަ ޙަދީޘްފުުތަކުން އެނގެން އޮތް ކަމެކެވެ. އެކަން ދެން ބަދަލުކުރެވޭނީ ކާކަށް ހެއްޔެވެ؟ އެކަންކުރެވޭނެ އެއްވެސް މީހަކު ނުހުންނާނެއެވެ.
މައްޔިތާ ވަޅުލެވޭ ވަގުތު ކުރިމަތިވާ އަޒާބުން ސަލާމަތްވާނެ އެކަކުވެސް ނުހުންނާނެއެވެ. މިސާލަކަށް ކައްވަޅު އެމިހާ ފިއްތުލުމަަށް ބަލާށެވެ. ސަޢުދް ބިން މުޢާޛްގެ ޖަނާޒާއަށް 70،000 މަލާއިކަތް ބޭކަލުން ފައިބައިވަޑައިގެންނެވިއެވެ. ނަމަވެސް ވަޅުފުޅުލެވުމާއިއެކު ހަށިކޮޅު ފިއްތައިލެވުނެވެ. ނަމަވެސް އެންމެ ފަހަރަކުއެވެ.
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ އެއްވެސް މީހެއްގެ ހަށިކޮޅު ފިއްތައި ނުލެވޭނެ ނަމަ ސަޢުދްގެފާނުގެ ހަށިކޮޅު ފިއްތައިނުލެވުނީސް ކަމަށެވެ.
ދެން ނިކަން ވިސްނައިލަބަލާށެވެ. ޤިޔާމަތާއި ހަމައަށް އަޒާބު ލިބިލިބި އޮންނާނެ މީހާގެ ޙާލަތާއިމެދުގައެވެ. ކައްވަޅުގައި ލިބެމުންދާ އަޒާބުގެ އަޑު އިންސާނުން ފިޔަވައި ހުރިހާ ތަކެއްޗަށް އިވެއެވެ. ފަރުބަދަތަކަށާއި ގަސްގަހާއި ގެއްސަށްވެސް އިވެއެވެ.
އިންސާނުންނަށް އެ ބިރުވެރި އަޑުތައް މާތްﷲ ނުއިއްވަވާ ސަބަބު ބަޔާންކޮށްދެއްވަވަމުން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ އިންސާނުންނަށް އެ އަޑުތައް އިވޭނަމަ އެއްވެސް މީހަކު މަރުވުމުން ވަޅުނުލާނެ ކަމަށެވެ.
ކައްވަޅުގެ އަޒާބަކީ، ލިބެންޖެހޭ މީހަކަށް ނުލިބިދާނެ އެއްޗެއް ނޫނެވެ. މިސައިލެއް ހަށިގަނޑު ފުނޑުފުނޑުވެ ކުދިކުދިވެގެން ދިއަ ނަަމަވެސް އަދި ކަނޑު އަޑީގައި މަރުވެ ކުނިވެގެން ދިއަ ނަމަވެސް ބެއެވެ. މަރުވުމުން ނުވާގޮތް ހަދާފައި ކިތަންމެ އަރާމު ތަންމައްޗެއްގައި ބާއްވާފައި އޮތް ނަަމަވެސް އެމީހަކަށް ލިބެންޖެހޭ ކައްވަޅުގެ އަޒާބު ދާނީ ލިބެމުންނެވެ.
ބައެއް އިލްމްވެރުން ވިދާޅުވަނީ ބަނޑަށް މައްސަލަޖެހި ބޮޑުކަމު ނުދެވޭ ޖަނަވާރުތައް، ކާފަރުން ވަޅުލާފައި ތިބޭ ސަހަރާތަކަށް ވެއްދުމުން އެމީހުންނަށް ލިބެމުންދާ އަޒާބުގެ ގދަ ފަދަ އަޑުތައް އިވުމުން ބިރުން ވަގުތުން ބޮޑުކަމުދާ ކަމަށެވެ. އިބްން ތައިމިއްޔާއަކީ ވެސް މިފަދައިން ބަޔާންކުރައްވަވައިފައިވާ ޢިލްމުވެރިއެކެވެ.
ބިރުވެތިވާށެވެ. މާތްﷲގެ ޢަޒާބަށް ބިރުވެތިވާށެވެ. މަރުވުމުގެ ކުރިން ކައްވަޅާއި އާޚިރަތުގެ ސަލާމަތްކަމަށް އެދިގެން މަސައްކަތްކުރާށެވެ.
-- ޝައިޚް އަބޫ އިބްރާހީމް ހުސްނައިންގެ ދަރުސަކުން