އަޅުގަނޑުމެން ކުރާ ކޮންމެ ނަމާދެއްގެ ކޮންމެ ރަކްއަތެއްގައި "ޞިރާޠަލްމުސްތަޤީމް" ކިޔައި ސީދާވެގެންވާ ތެދުމަގު ދެއްކެވުމަށް އެދި މާތްﷲގެ ޙަޟްރަތުގައި އެބަ ދަންނަވަމުއެވެ. އެހެންކަމުން ފަރުޟު 5 ނަމާދަށް އެކަނި ބެލި ނަމަވެސް ދުވާލަކު 17 ފަހަރު އެކަމަށް އެދި އެބަ ދުޢާކުރަމުއެވެ.
ރަމަޟާން މަހަކީ ސީދާވެގެންވާ ތެދުމަގު ލިބިގަތުމަށް އެދޭ މީހާއަށް މާތްﷲ ދެއްވަވާ ރަނުގެ ފުރުޞަތެކެވެ. އެއަށްވުރެ ވަކިން ރަނގަޅު ފުރުޞަތެއް ނުލިބޭނެއެވެ. އެކަން އެނގިގެންދާ ސަބަބުތައް ވަރަށް ގިނައެވެ.
ރަމަޟާންމަހަކީ ރަޙްމަތުން ފުރިގެންވާ މައްސަރެއް ކަމުގައި މާތްﷲ ލެއްވެވުމަށްފަހު އެވަރުން ފުއްދަވައިލެއްވެވީއެއް ނޫނެވެ. ރަޙްމަތުގެ ބޭނުން އެންމެ ރަނގަޅު ގޮތުގައި ހިފުމަށް ބޭނުންވާ ފުރުޞަތުތައްވެސް ވަނީ ފަހިކޮށްދެއްވަވައިފައެވެ.
މިސާލަކަށް ޝައިޠާނުންގެ ތެރެއިން ބޮޑެތި ޝައިޠާނުންތައް މާތްﷲ ރަމަޟާން މަހަށް ކަސްތޮޅު އަޅުއްވަވައެވެ. މީސްތަކުން ޝައިޠާނާ އާއި ދުރަށް ދިއުމަށް މަގުފަހިކޮށްދެއްވެވުމަށެވެ. ޝައިޠާނާގެ ބާރާއި ނުފޫޒުން ސަލާމަތްވުމުގެ ފުރުޞަތު ފަހިކޮށްދެއްވެވުމަށެވެ. ވިސްނައިފި މީހަކަށް މިކަމުގައި އިބްރަތްތަކެއް ވެއެވެ.
ސީދާވެގެންވާ ތެދުމަގަށް އެދުމަކީ ވަކިމީހަކަށް އޮތްކަމެއް ނޫނެވެ. އިސްލާމްކަން ފުރިހަމައަށް އަދާނުކުރާ މީހުން މިކަމުގައި އިތުރަށް ވިސްނަން ޖެހެއެވެ. ހަމަ އެއާއިއެކު ސީދާވެގެންދާ ތެދުމަގު ލިބިގަތުމަށް މިހާރުވެސް ގަދައަޅައި މަސައްކަތްކުރަމުން ގެންދާ މީހުންވެސް މިކަމަށް ސަމާލުކަންދޭން ޖެހެއެވެ.
މިކަންކަމަށް ވިސްނަނީ މަދު މީހެއް ކަަމަށް ބުނެވިދާނެއެވެ. ރަމަޟާން މަސް އައުން ގިނަ ބައަކު ދެކެނީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައެވެ. "ރަމަޟާން މަސް އަންނާނެއެވެ. ރަމަޟާން މަސް ދާނެއެވެ. އެއީ ދުނިޔެ ހިނގާތީ ވަމުންދާ ކަމެކެވެ." ބުނާމީހުން ދަނީ ގިނަވަމުންނެވެ.
އެފަދަ މީހުންގެ ތެރޭގައި ނުހިމެނޭށެވެ. ތެދެކެވެ. ދުނިޔެ ހިނގާނަމަ މަސްތަކާއި ދުވަސްތައް އައިސް ދާނެއެވެ. އެއީ ޠަބީޢީ ކަމެކެވެ. ވިސްނަންވީ ފާއިތުވި ދުވަސް އަދި ގެއްލުނު ފުރުޞަތު އަލުން އަނބުރައި ތިމާއާއި ބައްދަލު ނުކުރާނެ ކަމެވެ. އެހެންކަމުން ރަމަޟާން މަހާއި ބައްދަލުކުރަންވީ މަތިވެރި ނިޔަތަކާއި އަދި އަޒުމަކާއިއެކުގައެވެ. މި ފެށޭ ރަމަޟާން މަހަކީ "ޞިރާޠަލްމުސްތަޤީމް" ހާސިލުކުރަން ގަދައަޅައި މަސައްކަތްކުރާނެ މަހަކަށް ހެދުމުގެ އަޒުމުގައެވެ.