ވުޟޫކުރަން ޕިން ނައްޓައިފިނަމަ ގޭގަ އެޅިހާ ރީތިކޮށް ބުރުގާ ނުއެޅިދާނެތީ ނަމާދުނުކުރާ އަންހެނުން ޤިޔާމަތް ދުވަހު ހަދާނީ ކިހިނެއް؟
އޮފީސް މާހައުލުގައި ނަމާދުކުރެވެން ހުރި ނަމަވެސް އަޅައިގެން ހުންނަ ބުރުގާއިން ޕިންތައް ނައްޓައިގެން ވުޟޫ ކުރަންޖެހޭތީ ނަމާދު ނުކުރާ އަންހެނުން އެބައުޅެއެވެ. މިއީ ކޮންފަދަ ބޮޑު ހިތާމައެއްތޯއެވެ؟
ހަވީރު ،3 ،4 5 ޖަހަންދެން އޮފީހުގައި މަސައްކަތްކުރާ މީހުންގެ މެންދުރު ނަމާދު އެދަނީ ގެއްލިގެންނެވެ. މާނައަކީ މެންދުރު ނަމާދުގެ ވަގުތު ހޭދަވެގެންދަނީ އޮފީހުގައެވެ. ނަމާދުނުކުރަން ބިރުން މިއުޅެނީ ކޮންކަމަކަށްތޯއެވެ؟ ވުޟޫކުރަން ބުރުގާ ނަގައިފިނަަމަ ގޭގައި ހުރެ ބައިގަޑިއިރު ވަންދެން ފަރިވެގެން އެޅިހައި ރީތިކޮށް އޮފީހުގައި ވުޟޫކުރަން ބުރުގާ ނެގުމަށްފަހު ނުއެޅިދާނެތީއެވެ.
އާޚިރަތް ދުވަހު މާތްﷲގެ ދަރުބާރުގައި އެ އުޒުރު ދައްކައިގެން ސަލާމަތްވެވިދާނެތޯއެެވެ! ބުރުގާ އަލުން އަޅާއިރު ރުލެއް ހުރެދާނެތީ ލަދުން ވުޟޫނުކުރާ އަންހެނުން، ޤިޔާމަތް ދުވަހު ދެރަވެ ނިކަމެތިވެ މާތްﷲގެ ކުރިފުޅުމަތީގައި ފަޟީޙަތްވެގެންދާނެ ކަމާއިމެދު ލަދެއް ނުގަނެއެވެ.
(ބުރުގާ އަޅަނީ މާތްﷲއަށް ބިރުވެތިވެ މާތްﷲ އެންގެވުމަށް ބޯލަނބަން ކަމަށްވާނަމަ އެމީހަކަށް އެކަން ބުރަކަމަކަށް ނުވާނެއެވެ. އެހެނީ ނަމާދަށް ބަންގި ގޮވުމުން ނަމާދުކުރުމަށްވުރެ މުހިންމު ކަމެއް މާތްﷲ އަށް ބިރުވެތިވާ މީހުންނަށް ނުއޮންނާނެއެވެ.)
ބައެއް މީހުން ދެކޭ ގޮތުގައި ނަމާދުކުރުމަކީ އެމީހަކަށް ހުސްވަގުތު ލިބުމުން ކުރަން އޮތް ކަމެކެވެ. މިއީ މިކަން އޮތް ގޮތެއް ނޫނެވެ. ބަންގި ގޮވީމާ އޮތީ ނަމާދުކުރުމެވެ. ދުނިޔަވީ ކަންކަމުގައި ސާމިލުވެގެން އުޅުމެއް ނޫނެވެ. ފައިސާ ހޯދަން މަސައްކަތްކުރުމެއް ނޫނެވެ. ބަންގި ގޮވީމާ އޮތީ ނަމާދުކުރުމެވެ.
ފައިސާގެ ދަހިވެތިކަން ބޮޑުވެ ނިދަނީވެސް ފައިސާ ފައިސާ ހިތުގައި ބާއްވައިގެންނެވެ. ނިދަނީވެސް ފައިސާ ފައިސާ ހޯދާނެ ގޮތަށް ވިސްނަމުންނެވެ. ހޭލުމަށްފަހު ތެޅިފޮޅެނީ ފައިސާ ހޯދާށެވެ.
ޞަހާބީންގެ އަތްޕުޅަށް ފައިސާ ފޮތްޗެއް އަރައިފިނަމަ އަވަހާރަފުޅު ލައްޕަވަނީ އެއިގެ ހައްޤުވެރިންނަށް ބައްސަވާ ލައްވައިފައެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ ހުރިހާ ސަމާލުކަމެއް ގުޅިފައިވަނީ ވީހައި ގިނަ ފައިސާ ޖަމާކުރުމަށެވެ. އަޅުގަނޑުމެންނާއި ޞަހާބީންނާއި ހުރި ތަފާތަކީ މިއީއެވެ.
އާމްދަނީ ހޯދަން މަސައްކަތްކުރުމަކީ ކުރަންޖެހޭ ކަމެކެވެ. މިބުނަނީ އެކަން ނުކުރުމަކަށް ނޫނެވެ. ނަމަވެސް އެ މަސައްކަތް ކުރަންޖެހޭނީ އިސްލާމް ދީނުގައިވާ ގޮތަށެވެ. މާދިއްޔަތަށް އެދިގެން މަސައްކަތްކުރި ނަަމަވެސް އިސްކަން ދޭންޖެހޭނީ ނަމާދަށާއި އެހެނިހެން އަޅުކަންތައްތައް ކުރުމަށެވެ.
އެމީހަކަސް ވީވަރަކުން ސުންނަތް އަލުކަންތައްވެސް ކުރަންޖެހޭނެއެވެ. އެންމެ ރަނގަޅީ ވީހައި ގިނައިން ކުރުމެވެ. ނަމަވެސް ހުރިހާ ސުންނަތް ނަމާދުތައް ކުރުމަކީ އެއްވެސް މީހަކަށް ފަށޭހަކަމަކަށް ނުވެދާނެއެވެ. އެފަދަ މީޙުންނަށް އޮތީ ކުރެވޭނެ ވަރަކުން ކުރުންމަތީގައި ދެމިތިބުމެވެ.
މިސާލަކަށް ބައެއް މީހުންނަށް ޟުޙާ ނަމާދުކުރަން ފަސޭހަވެދާނެއެވެ. އަނެއް ބައަކަށް ވިތުރި ކުރަން ފަސޭހަވެދާނެއެވެ. މޮޅީ ދެ ނަމާދުވެސް ކުރުމެވެ. ނަމަވެސް ދެ ނަމާދު ޤަވާއިދުން ނުކުރެވޭނެ ނަމަ ކުރެވޭނެ އެއް ނަމާދު ނަމަވެސް ޤަވާއިދުން ކުރުންމަތީގައި ދެމިތިބޭށެވެ.
-- ޝައިޚް މުޙައްމަދު ނިމާލްގެ ދަރުސަކުން