"ޔާﷲ! ރަމަޟާން މަހު މި ގަދަ ހޫނުގައި ތިބެން ނުޖެހި ހެޔޮ އަގުގައި މަސްކޮޅެއް ލިބޭނެ ގޮތް މިންވަރުކުރައްވަވާނދޭވެ!"މިއީ ހުޅުމާލޭ މަދީނާގައި ދިރިއުޅޭ ގިނަ ބައެއްގެ ދުޢާއެވެ.
ފޮޓޯއިން ތިއަ ފެނިވަޑައިގަންނަވަނީ ގަދަ އަވީގައި އިއްޔެ މަސް ގަންނަން ގޮސް ކިޔޫގައި ތިބި ހުޅުމާލޭގައި ދިރިއުޅޭ ބައެއް ރައްޔިތުންނެވެ. އަންހެނުންނާއި ކުޑަ ނަގައިގެން ތިބި މީހުން ވެސް ފެނިވަޑައިގަންނަވާނެއެވެ.
އެމީހުން ބުނަނީ އިއްޔެ ވެސް މަސް ދޯނިން ފަލަ ގޮދާ ވިއްކީ 30 ރުފިޔާއަށް ކިލޯއެއް ކަމަށެވެ. ނަމަވެސް ފިހާރަތަކުން ކިލޯއެއް ވިއްކަނީ 80- 90 ރުފިޔާއަށް ކިލޯއެއް ކަމަށްވާތީ އަވީގައި ފިހުނު ނަަމަވެސް ކިޔޫގައި ނުތިބެ މަސްކޮޅު ގަތުމަކީ އެމީހުންގެ ޖީބުތަކުން ކުރެވޭ ވަރުގެ ޚަރަދަކަށް ނުވާތީ ކިޔޫގައި ތިބެންޖެހެނީ ކަމަށެވެ.
"20 އަަހަރުވީ މިހާލުގަ އަޅުގަނޑުމެން އުޅޭތާ. ރަށުގަ ފުޓްސެލް ދަނޑުތަކާ ކުޅިވަރު ކުޅޭ ތަންތަން ހަދާ ފުރައިފި. ޒުވާނުންގެ މަދީނާ ވީމަ. ޒުވާނުންގެ މަދީނާގަ އުޅޭ މީހުން ކާންޖެހޭނެ ކަމެއް އެމީހުންނަކަށް ނޭނގެ. އެންމެންނަށް ފިނިކޮޓަރީގައި ތިއްބައި ހާސްތަކުންނާ ބައިލައްކައިން މުސާރަ ނުލިބޭ ކަމެއްވެސް ނޭނގެ. މިހާރުވެސް ބުނަނީ އަލަށް އަޅާ މާރުކޭޓުގަ މަސްވިއްކާ ދެ ގޮޅި ހުންނާނޭ. އެތަންތަނުން ވިއްކާނީ ހަމަ ފިހާރަތަކުން ވިއްކާއަގުތަކަށް. ގަންނަން ޖެހޭނީ ކިތައް ދުވަސްވެފައި ހުރި މަހެއްކަމެއްވެސް ނުއެނގޭނެ." ކިޔޫގައި ތިބި ބައެއް މީހުން އެމީހުންގެ އިހްސާސްތައް އޮއްސާލަމުން ބުނެފައިވެއެވެ.
އެމީހުންގެ އާދޭހަކީ ވަގުތީ ގޮތުން ނަމަވެސް ކޮންމެވެސް ވަރެއްގެ މަސް މާރުކޭޓެއް ހަދައި ތަންކޮޅެއް ފަސޭހައިން މަސްވެރިންގެ އަތުން މަސްކޮޅު ގަނެގެން ކަނޑައިލެވޭނެ ގޮތެއްވުމެވެ. "އަޅެ ކީއްތޯވާނީ ސިމެންތި އަށްޓެއް އަޅާފަ މަތީގަ ޓިނުކޮޅެއް އަތުރާލަ ދިނިއްޔާ. މޫދު މިއޮތީ ޖެހިގެން. ހަމަ އެންމެ 4 ވަރަކަށް ބައި އިންޗީގެ ހޮޅިންވެސް ލޮނު ގުޅައިލެވިދާނެ. އަނބުރާ މޫދަށް ގުޅަން ވެސް ބޭނުންވާނީ 4 ވަރަކަށް ފަލަ ހޮޅި. ޖުމުލަ ބައިލައްކަ ރުފިޔާ ޚަރަދެއް ނުވާނެ. މިވާހަކަ ދައްކާއިރަށް ބުނާނެ ދެ އުޑު ދޭތެރޭގަ މާރުކޭޓެއް އަޅާ ވާހަކަ. 20 އަހަރުވީ އެމާރުކޭޓު އަޅާތާ. އަޅެ އެ މާރުކޭޓު ދެއުޑު ދޭތެރޭގަ އެޅެންދެން ނަމަވެސް މިވަރުކަމެއް ކޮށްލައިދިނިއްޔާ ކީއްތޯވާނީ؟"
އެމީހުން ބުނީ ކިތަންމެ ގިނަ އިރަކު ގަދަ އަވީގައި ތިބެން ޖެހުނު ނަަމަވެސް މަސްވެރިންގެ އަތުން މަސްގަންނަން ނުލިބި އެމީހުންގެ އަނގައާ އަތް ދިމާނުކުރެވޭނެ ކަަމަށެވެ. އެހެންކަމުން އެމީހުންނަށް އޮތީ މިހާލަތުން ސަލާމަތްކޮށްދެއްވެވުން އެދި މާތްﷲއަށް ދުޢާކުރުން ކަމަށެވެ.
ގިނަބައަކަށް އަވީގައި ތިބެންޖެހެނީ ދިރިއުޅޭ ފްލެޓުގައި މަސް ކެނޑެން ނެތުމުން ދޯނީގައި މަސް ކަނޑުވަންޖެހޭތީއެވެ. މިލިޔުމުގެ ސަބަބުން ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް އަވީގައި ތިބެގެން ނަަމަވެސް ހެޔޮ އަގުގައި މިހާރު ލިބޭ މަސްކޮޅު ނުލިބޭނެ ގޮތެއް ނުހަދާނެ ކަމަށް އުންމީދުކުރަމެވެ. ދޯނި ފަަހަރުން މަސްވިއްކުމާ މަސްކެނޑުން މަނާކޮށްފިނަމަ ގިނަ ބައަކަށް ވަރަށް ބޮޑެތި ދަތިތައް ކުރިމަތިވާނެއެވެ.
މި މައްސަލަ މިއަދުނޫހުން ވާނީ އެޗްޑީސީގެ އެމްޑީ ސައިމަންގެ ސަމާލުކަމަށް ފާއިތުވި 2 އަަހަރުވެސް ގެނެސްފައެވެ. މަޝްވަރާވެސް ކޮށްފައެވެ.