މިއަަހަރުގެ ރަމަޟާން މަސް އައިސް އަހަރެމެންނާއި ބައްދަލުކުރަން ދެން އޮތީ އެންމެ ދެ ހަފްތާއެއްހައި ދުވަހެވެ. އެހެންކަމުން ރޯދަ އާއި ގުޅިފައިވާ ކަންކަން އިތުރަށް ހަނދާނަށް ގެންނަން އެބަޖެހެއެވެ. ރަމަޟާން މަަހަށްޓަކައި އަމަލުތައް ސީދާ ކުރުމަށް ބާރުއެޅުމުގެ ގޮތުންނެވެ.
ކުރީ ދަރުސެއްގައިވެސް ކިޔައިދިން ފަދައިން އެންމެ އަޖައިބެއް ފަދަ ގޮތަކަށް ނަރަކައިން ސަލާމަތްކުރައްވަވާނީ ރޯދަވެރިންނެވެ. އެއީ ރޯދަވެރިންގެ ތެެރޭގައި ހިމެނޭ އެހެން ނަމަވެސް ބައެއް ފާފަތައް ކުރެވުނު މީހުންނެވެ.
އެމީހުންގެ ފަތަށް ބެއްލެވުމުން މަލާއިކަތް ބޭކަލުންނަށް ފެނިވަޑައިގަންނަވާނީ ނަރަކަވަންތަވެރިންގެ ގޮތުގައެވެ. މީޒާނުގައި ބުރަދަން އެގޮތަށް ދައްކާތީއެވެ. ނުބައި އަމަލުތަކުގެ ކޮޅު ބަރުވެފައިވާތީއެވެ.
އެމީހުން ނަރަކައަށް ގެންދަވަން މަލާއިކަތްބޭކަލުން އުޅުއްވަވާނެތެވެ. ނަމަވެސް މާތްﷲ އެކަން ހުއްޓުއްވަވާނެތެވެ. އިހަށް މަޑުކޮށްލަން މަލާއިކަތް ބޭކަލުންނަށް އަންގަވާނެތެވެ. އެއަށްފަހު ނުވެސް އެނގޭފަދަ ގޮތަކުން އެމީހުންގެ ހެޔޮ އަމަލުތަކުގެ ތިލަފަތް ބަރުކޮށްލައްވަވާނެތެވެ. އެއީ އެމީހުން ފުރިހަމަ ގޮތުގައި ހިފި ރޯދަތަކުގެ ސަބަބުންނެވެ. "ހިފަންވީ ގޮތުގައި ރޯދަ ހިފާ މީހުންނަށް ޖަޒާ ދެއްވަވާނެ މިންވަރު ކަނޑައަޅުއްވަވާނީ ތިމަންﷲ" ކަމަށް މާތްﷲ ބަޔާންކުރައްވަވާފައި އެވަނީ ހިފަންވީ ގޮތުގައި ރޯދަ ހިފާ މީހުންނަށް މިފަދައިން ސަވާބު ދެއްވެވުމަށްޓަކައެވެ.
އެހައިތަނަށް އެމީހުންގެ މޫނުތައް ހުންނާނީ މިލައި މޯޅިވެފައެވެ. އެއީ އެމީހުންގެ އަމަލުތަކުގެ ތިލަފަތުގެ ބަރުދަން ދެއްކި ގޮތުންނެވެ. ނަރަކައިން ސަލާމަތްވެވޭނެ ކަމުގެ އުންމީދެއް ނެތުމުންނެވެ. ތިލަފަތަށް މާތްﷲ ގެންނަވާ މި ބޮޑު ބަދަލާއިއެކު އެމީހުންގެ މޫނުތައް ފަރިވެ އުޖާލާވެގެންދާނެއެވެ. ސުވަރުގެ ވަދެވޭނެކަން އެނގުމުންނެވެ.
(މިބަސްތައް ނުބައި ގޮތަކަށް މާނަ ނުކުރާށެވެ. މީގެ މާނައަކީ ރޯދަ ހިފަމުން އެމީހަކު ހިތަށް އެރިހައިކަމެއް ކުރަމުން ދުނިޔޭގައި އުޅުނު މީހުން ނަރަކައިން ސަލާމަތް ކުރައްވަވާނެ ކަމަށް ޤަބޫލުކުރުމެއް ނޫނެވެ. މީސްތަކުންގެ ހިތްތައް އެންމެ މޮޅަށް ދެކެދެނެވޮޑިގެންވަނީ މާތްﷲއެވެ. މީހާ އަމަލުތައް ކުރާއިރު އެމީހާގެ ނިޔަތް އެންމެ މޮޅަށް ދެނެވޮޑިގެންވަނީ މާތްﷲ އެވެ. މާތްﷲ އެންގެވި ގޮތުގައި ރޯދަ ހިފޭނީ ތިމާގެ ކިބައިގައި އެވަރަށް ތަޤްވާވެރިކަން ހުރެގެންނެވެ. ރޯދަ ހިފަމުން މާތްﷲ ހަރާމް ކުރެއްވެވި ކަންކަން ކުރާނަމަ އެކަން ވާނީ ވަރަށް ބޮޑަށް ދެކޮޅު ނުޖެހޭ ކަމަކަށެވެ. އެއީ ކުރެވޭނެ ކަމެއްވެސް ނޫނެވެ. ސަބަބަކީ ރޯދައަކީ ބޭރުފުށުގެ އަމަލެއް ނޫން ކަމަށްވެފައި ރޯދައަކީ އެތެރެފުށުގެ އަމަލަކަށްވާތީއެވެ. ރޯދައަށް އެހައި މަތީ ދަރަޖައެއް މާތްﷲ ދެއްވަވާފައި އެވަނީވެސް އެ ސަބަބަށްޓަކައެވެ. ވީމާ އެކަން ހިތުގައި އަބަދުވެސް ބާއްވަން ވާނެއެވެ.)
ބިލާލް އައްސަދުގެ ދަރުސަކުން..