ގެއަށް ޙަރާމް ފައިސާ ވެއްދީމާ ހުސްވާގޮތް ނުވެސް އެނގޭނެ- ޙަލާލް ފައިސާ ދާނީ ފުދި އިތުރުވަމުން: ޢަޒީބެ
ގެއަށް ވައްދަންޖެހޭނީ ހަލާލު ފައިސާއެވެ. އެހެން ނޫންނަމަ ކިތަންމެ ގިނަ އަދަދެއްގެ ފައިސާ ގެއަށް ވެއްދި ނަަމަވެސް އެފައިސާގައި މާތް ﷲ ބަރަކާތެއް ނުލައްވަވާނެއެވެ.
ވައްކަންކޮށްގެންނާއި ރިބާގެ ގޮތުގައާއި މަސްތުވާތަކެތި ވިއްކައިގެން ފަދަ މާތްﷲ ޙަރާމް ކުރެއްވެވި ކަންކަންކޮށްގެން ހޯދާ ފައިސާ ކިތަންމެ ގިނައިން ގެއަށް ވެއްދި ނަަމަވެސް އަަބަދުވެސް އުޅެންޖެހޭނީ ނުފުދިގެންނެވެ. ޚަރަދުކުރަން ބޭނުންވާ ކަންކަމަށް ޚަރަދުކުރާނެ ފައިސާ އަތުގައި ނެތިގެންނެވެ. އެއީ މާތްﷲ ޙަރާމް ކުރައްވަވާފައިވާ ގޮތުގައި ހޯދާފައިވާ ފައިސާ ކަމަށްވާތީއެވެ.
ރިބާގެ އުޞޫލުން ހިންގާ ބޭންކްތަކުގައި މަސައްކަތްކޮށްގެން ހޯދާ ފައިސާއަކީ ވެސް ޙަރާމް ފައިސާއެވެ. ރިބާ ހިމެނޭ އެއްވެސް ކަމަކުން ފައިސާ ހޯދުމެއް ނެތެވެ. މާތްﷲ ވަނީ ރިބާ ޙަރާމްކުރައްވަވައިފައެވެ. ހަލާލު ކުރައްވަވާފައިވަނީ މާތްﷲ ހުއްދަ ކުރައްވަވާފައިވާ ގޮތުގައި ކުރާ ވިޔަފާރިއެވެ.
"އަހަރެން ވަރަށް ގިނަ ފައިސާ ހޯދަމޭ، ނަމަވެސް އެ ފައިސާތަކަށް ވާގޮތެއް ނުއެނގޭ" ކަމަށްބުނެ ވަރަށް ގިނަ މީހުން ވާހަކަ ދައްކައެވެ. "ލާރިއަށް ވާގޮތެއް ނޭނގޭނެނު. އެހޯދީ ކޮންގޮތަކަށް. އެހެންވީމާ ﷲ އެއިގައި ބަރަކާތެއް ނުލައްވަވާނެނު."
މިފަދަ ވާހަކަތައް ދައްކަން ތިބުމުގެ އެއްވެސް ބޭނުމެއް ނެތެވެ. ބަލަންވީ މާތްﷲގެ އެންގެވުންތައް ތަންފީޒުކުރެވޭ މިންވަރާއި މެދުގައެވެ. މާތްﷲގެ އެންގެވުންތައް ތަންފީޒު ނުކުރެވޭނަމަ އެއީ އަހަރެމެންގެ މައްސަލައެކެވެ.
މާތްﷲ އެންގެވި ގޮތުގައި އަމަލުތައް ބަހައްޓާ ބައަކަށް އެކަމުގެ ފައިދާކުރާނެއެވެ. ބައެއް މީހުންނަށް ލިބޭ މަދު ފައިސާކޮޅުން ނުހަނު އުފަލުގައި އުޅެމުންދާތަން ފެންނާނެއެވެ. "ކުޑަކުޑަ އެތިކޮޅެއް ލިބިގެން އެމީހުން އުޅެނީ. އެކަމަކު އެމީހުންގެ ދިރިއުޅުން ފޫބެދިގެންދާގޮތް ނުވެސް އެނގޭނެ. އެއީ ކީއްވެގެން. މާތްﷲ އެންގެވި ގޮތް އިޚްތިޔާރުކުރީމަ މާތްﷲ އޭނާއަށް ބަރަކާތް ލައްވަވަނީ."
ކިތައް ދުވަހު ހިތަށް ނުވެސް އަރާ ގޮތްގޮތަށް ގެއަށް ކާތަކެތި ލިބޭ ހެއްޔެވެ؟ ކިތައް ދުވަހު ހަމަ އެގޮތަށް ރުފިޔާ ލިބޭ ހެއްޔެވެ؟ އަންނާނެއެވެ. ލިބޭނެއެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ އަޅުގަނޑުމެން ކިޔަމަންތެރިކަން އަދާކުރީމަ މާތްﷲ ވަނީ އެކަންތައްތައް އަޅުގަނޑުމެންނަށް ހަމަޖައްސަވައިދެއްވައިފައެވެ.
އިމާންތެރިކަން ނެތުމުން ވާގޮތަކީ ފައިސާ ހޯދަން ކޮންމެ ގޮތެއް ވަރިހަމަވަނީއެވެ.
"ޖިބްރީލްގެފާނު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)އަށް ދެންނެވި ބަސްފުޅު ޤަބޫލުކުރައްވާ! އެއީ 2 އެއްޗެއް ހަމަވެގެން ނޫނީ މީހާ މަރުނުވާނެކަން. އެ 2 އެއްޗަކީ އެމީހާއަށް ކަނޑައަޅުއްވަވާފައިވާ ރިޒުޤާއި އެމީހާގެ އަޖަލު. އެކަން ހިތުގެ އަޑިިން ޤަބުލުކޮށްގެން ރިޒުޤު ހޯދަން މަސައްކަތްކުރަންވީ."
ތިމާއަށް ދެއްވަވަން މާތްﷲ ކަނޑައަޅުއްވަވާފައިވާ އެއްވެސް އެއްޗެއް ހުއްޓުވައި ހުރަސް އެޅޭނެ ހަމައެކަކުވެސް ނުހުންނާނެއެވެ. މުޞީބާތްތައް ކުރިމަތިވުމުން އެހީއެއް ހޯދޭނެ ފަރާތަކާއިމެދު ކަންބޮޑުވެގެން އުޅޭކަށް ނުޖެހޭނެއެވެ. މާތްﷲ އެންގެވި ގޮތުގައި އުޅޭ މީހުންނަށް އޮތީ މާތްﷲއަށް ދެންނެވުމެވެ. އެފަދަ މީހުންނަށް ދެއްވަވާނެކަން މާތްﷲ ވަނީ ޞަޙީޙް އިބާރާތުން ބަޔާން ކުރައްވަވައިފައެވެ.
-- އައްޝައިޚް ޢަބްދުލްޢަޒީޒް ޙުސައިން (އަޒީބެގެ) ދަރުސަކުން