ވަޒީރުންގެ ހެލްތް އިންޝުއަރެންސް ޕްރިމިއަމް 24000 ރުފިޔާއަށް ބޮޑުކުރަން މަޖިލީހުން ފާސްކޮށްފި

ކިޔުމަށް ހޭދަވާނީ 1މ 27ސ
ވަޒީރުންގެ ހެލްތް އިންޝުއަރެންސް ޕްރިމިއަމް 24000 ރުފިޔާއަށް ބޮޑުކުރަން މަޖިލީހުން ފާސްކޮށްފި
ވަޒީރުންނަށާއި ވަޒީރުންގެ ޢާއިލާތަކަށް ދެމުން އަންނަ ހެލްތު އިންޝުއަރެންސް ޕްރިމިއަމް 24000 ރުފިޔާއަށް ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

ވަޒީރުންނާއި އެ ވަޒީރުންގެ އަނބިކަނބަލުން ނުވަތަ ފިރިކަލުންނާއި އުމުރުން 18 އަހަރު ނުފުރޭ ދަރިންނަށް ދެމުން އަންނެ ހެލްތު އިންޝުއަރެންސްގެ އަހަރީ ޕްރިމިއަމަށް ދައުލަތުން ދޭ އަދަދު މުރާޖައާ ކޮށްދެއްވުމަށް އެދި މަޖިލީހަށް ހުށަހެޅުއްވީ ސީދާ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ.

މި މައްސަލަ ދިރާސާ ކުރުމަށްފަހު މާލިއްޔަތު ކޮމިޓީން ނިންމާފައިވަނީ ވަޒީރުންނަށްދޭ ހެލްޓް އިންޝުއަރެންސް ޕްރިމިއަމް ބޮޑުކުރަން ފެންނަކަމަށެވެ. މާލިއްޔަތު ކޮމިޓީގެ ރިޕޯޓުގައިވާ ގޮތުން، ވަޒީރުންގެ އިންޝުއަރެންސް ޕެކޭޖަށް ކުރިން 19000 ރުފިޔާ ޚަރަދު ކުރަމުން އައީ އެ ޚިދުމަތްދޭ އެލައިޑު އިންޝުއަރެންސް ކުންފުނިން ކުރިން އެ ޕެކޭޖު އަގުހެޔޮކޮށް ދިނުމުންނެވެ. އެހެން ނަމަވެސް އެ އަގުގައި އެ ޕެކޭޖުގެ ޚިދުމަތް ދިނުމުގައި މިހާރު ދަތިތަކެއް ކުރިމަތިވާކަމަށް ކޮމިޓީ ރިޕޯޓުގައިވެއެވެ.

19000 ރުފިޔާއިން 24000 ރުފިޔާއަށް ވަޒީރުންގެ ހެލްތު އިންޝުއަރެންސް ބޮޑުކުރުމަށް މިއަދު މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ 36 މެންބަރުންގެ އިއްތިފާގުންނެވެ. މި ޖަލްސާގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އެއްވެސް މެންބަރެއް ބައިވެރިވެވަޑައިގެންފައެއް ނުވެއެވެ.

ރައްޔިތުންގެ މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި ދެން ކުރިއަށް ގެންދިޔައީ އާންމު ޤަވާއިދުތަކާ ބެހޭ ޤާނޫނުގެ ޖަދުވަލު އެކެއް އަދި ދޭއްގައިވާ ޤަވާއިދުތަކަށް ޢަމަލުކުރުމުގެ މުއްދަތު އިތުރުކުރުމާ ގުޅޭ މައްސަލަ ޤަވާއިދު ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓުގެ މައްސަލައެވެ.
މިއަދު އޮންލައިން