މިކަމަކީ އޭގެ އަމިއްލަ ޒާތުގައި ވެސް، އެކަމެއް ކޮށްފިނަމަ ނުހަނު ގިނަގުނަ މައްސަލަތަކާއި ގެއްލުންތައް ކުރިމަތިވާ ކަމެކެވެ. އެގޮތުން ޣީބަ ބުނުމުގެ ސަަބަބުން ތިމާއަށް ލިބޭ ފާފައިގެ އިތުުރުން އެކަކު އަނެކަކާއި މޫނުކެނޑި ރުޅިވެރިކަން އިތުރުވެއެވެ. އެއީ ތިމާގެ އަމިއްލަ އާއިލާގެ ތެރޭގައި ވިޔަސް ނުވަތަ އެކުވެރި ރަޙުމަތްތެރިންގެ މެދުގައި ވިޔަސް، ޣީބަ ބުނެގެން މިފަދަ ގެންލުންތަކާއި ހަލާކާއި ކުރިމަތިލާން ޖެހެއެވެ.
ޣީބަ ބުނުމަކީ އަޅުގަނޑުމެންގެ އިސްލާމްދީނުގައި ވެސް އެކަމެއް ނުކުރުމަށް ނުހަނު ބޮޑަށް ބާރު އަޅާފައިވާ ކަމެކެވެ.
އެގޮތުން ކީރިތި ޤުރްއާން ގައި މާތް ﷲ ވަޙީ ކުރައްވާފައިވާ އާޔަތެއްގެ މާނައިގާ ވެއެވެ.
"އަދި ތިބާޔަށް އެކަމަކާމެދު އުނގެނުމެއް ނުވާކަމަކަށް، ތިބާ ތަބަޢާ ނުވާށެވެ! ހަމަކަށަވަރުން އިވުމާއި، ފެނުމާއި، ހިތާއި، މިއިން ކޮންމެ ކަމަކީ އެއާއިމެދު ސުވާލު ކުރައްވާނެ ކަމެއް ކަމުގައިވެއެވެ." (ޤުރްއާން 17:36)
އެހެން އާޔަތެއްގެ މާނައިގާ ވެސް ވެއެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ގާތަށް ފާސިޤަކު ޚަބަރަކައިގެން އަތުވެއްޖެނަމަ، އޭގެ ދޮގު ތެދު ބަލައި، ޙަގީގަތް ހޯދާށެވެ! (އެއީ) ނޭނގި ތިބެ، ތިޔަބައިމީހުންނަށް ބަޔަކަށް ގެއްލުން ދެވިދާނެތީއެވެ. ފަހެ، އެހެންވެއްޖެނަމަ، ތިޔަބައިމީހުން ކުރިކަންތަކުގެ މައްޗަށް ހިތާމަކުރާ ބަޔަކު ކަމުގައި ތިޔަބައިމީހުން ވެދަނެއެވެ." (ޤުރްއާން 49:6)
ޣީބަ ބުނުމުގެ ނުބައި ކަމުގެ އިތުރުން އެކަކު އަނެކަކުގެ ކިބައިގާ ހުންނަ ޢައިބު ސިފަތަކުގެ ވާހަކަ ދެއްކުމާއި ފުރައްސާރަ ކުރުން އަދި އެއްބަޔަކު އަނެއްބަޔަކާއި ދިމާލަށް ނުރުހޭ ކަހަލަ ނަންނަމުން ނުގޮވުމަށް ވެސް ކީރިތި ޤުރްއާންގައި މާތް ﷲ ވަޙީ ކުރައްވާ އަންގަވާ ދެއްވާފައިވެއެވެ.
އެގޮތުން މާތް ﷲ ވަޙީ ކުރެއްވެވި އާޔަތެއްގެ މާނައިގާ ވެއެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެފުރައްސާރަ ކުރި މީހުންނަށްވުރެ، އެފުރައްސާރަ ކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި އަންހެނުންގެ އެއްބަޔަކު އަނެއްބަޔަކަށް ފުރައްސާރަ ނުކުރާހުށިކަމެވެ! އެހެނީ އެފުރައްސާރަ ކުރި މީހުންނަށްވުރެ، އެފުރައްސާރަ ކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެތެވެ. އަދި ތިޔަބައިމީހުން އަމިއްލަ ނަފްސު ތަކަށް ޢައިބު ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ!) އަދި އެއްބަޔަކު އަނެއްބަޔަކަށް ނުރުހޭ ކަހަލަ ލަގަބު ތަކުން ނުގޮވާށެވެ! އީމާންވުމަށްފަހު ފާސިގުވުމުގެ ނަން ލިބުމަކީ. ހާދަހާ ނުބައި ވެގެންވާ ކަމެކެވެ! އަދި އެކަންތަކުން ތަޢުބާ ނުވި މީހާ (ދަންނާށެވެ!) ފަހެ، އެއުރެންނީ، ހަމަ އަނިޔާވެރިންނެވެ." (ޤުރްއާން 49:11)