ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) އެންމެފަހުން ޖަމާއަތުގައި އިމާމްވެ ކުރެއްވެވި ނަމާދަކީ ބުރާސްފަތި ދުވަހެއްގެ މަޣްރިބް ނަމާދެވެ. އެނަމާދުގައި އިތުރުމާތް ނަބިއްޔާ ވިދާޅުވީ ވަލްމުރްސަލާތު ސޫރަތެވެ.
އާލާސްކަންފުޅު ބޮޑުވެ އެރޭގެ ޢިޝާ ނަމާދަކަށް ވަޑައެއް ނުގެންނެވުނެވެ. އެއީ ކުޑަ ކަމެއް ނޫނެވެ. ހޭފުޅު ނެތި އޮންނެވުމަށްފަހު ހޭފުޅުއަރާއިރަށްވެސް ސުވާލުކުރައްވަމުން ގެންދެވީ މީސްތަކުން ނަމާދުކޮށްފިތޯއެވެ!
ވިސްނަންވީ ކަމަކީ ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ނަމާދަށް ދެއްވެވި އަހައްމިއްޔަތުކަމުގެ ބޮޑުކަމެވެ. ހޭފުޅު ނެތި އޮންނަވާފައި ހޭފުޅު އަރާއިރަށް ކުރެއްވެވީ ހަމަ އެ ސުވާލެވެ. ވިސްނައި ފިކުރުކުރާ މީހަކަށް އިބްރަތަކަށް ނުވޭހެއްޔެވެ؟
ނަމަވެސް މިއަދު ނަމާދަށް އަޅުގަނޑުމެންނަށް ސަމާލުކަން މިދެވެނީ ކިހައިވަރަކަށް ހެއްޔެވެ؟ އަމިއްލަ އަނބިދަރިން ނަމާދުކުރޭތޯ ބެލޭހެއްޔެވެ؟ ތިމާގެ ބެލެނިވެރިކަމުގެދަށުގައިވާ މީހުން ނަމާދުކުރިތޯ އެންމެ ސުވާލެއްވެސް ކުރެވޭ ހެއްޔެވެ؟
ކޮންމެ ކަމެއް އިތުރު މާތް ނަބިއްޔާ ކުރެއްެވެވި ގޮތަށް ނުކުރެވިދާނެއެވެ. އަދި ނަމާދުވެސް ނުކުރެވިދާނެއެވެ.
އެހެން ނަމަވެސް ފަރުޟު 5 ނަމާދު ޖެހޭނީ ހަމަ އަދާކުރާށެވެ. ތިމާގެ ބެލެނިވެރިކަމުގެދަށުގައިވާ އެންމެން ލައްވައިވެސް ޖެހޭނީ ހަމަ ނަމާދު ކުރުވާށެވެ. އެނޫން ގޮތަކަށް އަމަލުކޮށްގެން އެއްވެސް ސަލާމަތްކަމެއް ނެތެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -