އެންމެ ބޮޑު މައްސަލައަކަށް ވަމުން މިދަނީ އީމާންކަމަށް ސަމާލުކަން ނުދީ އަޅުކަން ކުރަން އުޅޭތީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 33ސ
އެންމެ ބޮޑު މައްސަލައަކަށް ވަމުން މިދަނީ އީމާންކަމަށް ސަމާލުކަން ނުދީ އަޅުކަން ކުރަން އުޅޭތީ
އަޅުގަނޑުމެންގެ ތެރެއިން ބައެއް މީހުން އަޅުކަން ކުރަން އުޅޭތަން ފެނެއެވެ. ނަމަވެސް އެފަދަ ބައެއް މީހުންގެ ހިތްތަކުގައި އިމާންކަން ވަރުގަދަކުރަން އެކަށީގެންވާ މަސައްކަތްތަކެއް ކުރަން އުޅޭކަމަކަށް އަމަލުތަކަކުން ނުފެނެއެވެ.

މިއީ ރަނގަޅު ގޮތެއް ނޫނެވެ. ފުރިހަމަ އީމާންކަމެއް ނެތި އަޅުކަން ކުރުމަކީ އެކަމުގެ ނަތީޖާ އާއިމެދު ސުވާލު އުފެދޭ ކަމެކެވެ. އީމާންކަމަކީ އިސްލާމްކަމުގެ ފުރަތަމަ ރުކުނެވެ. އެ ރުކުން ފުރިހަމަ ކުރަން ގަދައަޅައި މަސައްކަތްކުރުން އެއީ އެންމެ ފުރަތަމަ މަސްއޫލިއްޔަތެވެ.

ބައެއް މީހުންނަށް ޤަބޫލުކުރެވިފައި އޮންނަނީ މާތް ﷲ ގެ އެއްކައުވަންތަކަމާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ރަސޫލުކަން ޤަބޫލުކުރުމުން އީމާންކަން ފުރިހަމަކުރެވުނީ ކަމަށެވެ. ނަމަވެސް އެއީ މުޅިން ކުށްހީއެކެވެ. ސަބަބަކީ އީމާންކަން ފުރިހަމަވީކަމަށްވާނީ އީމާންވުމާއި ގުޅިގެން ކުރަންޖެހޭ އަމަލުތައް ފުރިހަމައަށް ކުރުމުން ކަމަށްވާތީއެވެ.

އީމާންވުމަށްފަހު ކުރަންޖެހޭ އަމަލުތައް ކުރެވޭނީ އީމާންކަމުގައި ސާބިތުވެ ހުރެވޭ މިންވަރަކުންނެވެ. މިސާލަކަށް މާތް ﷲ އަށް އީމާންވީކަމަށްވާނީ މާތް ﷲ ގެ އެންގެވުންތަކަށް ފުރިހަމައަށް އަމަލުކޮށްގެންނެވެ. އިތުރު މާތް ނަބިއްޔާ (ޞޢވ) އަށް އީމާންވީ ކަމަށްވާނީ އިތުރު މާތް ނަބިއްޔާ (ޞޢވ) ގެ ސުންނަތަށް އަމަލުކުރި މިންވަރަކުންނެވެ.

މާތް ﷲ އާއި އެކަލާނގެ ރަސޫލާ މުޙައްމަދު (ޞޢވ) އަށް ފުރިހަމައަށް އީމާންވެގެން ހުންނަ މީހާ މުންކަރާތްތަކަށް އަރައިގަންނަން ބިރުގަންނާނެއެވެ. މާތް ﷲ ނަހީކުރެއްވެވި އެއްވެސް ކަމެއް ނުކުރާނެއެވެ. ކީރިތި ޤްރްއާނާއި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ސުންނަތުން ބޭރެއް ނުވާނެއެވެ.

އީމާންކަން އެމީހާގެ ހިތުގައި ފުރިހަމަ ނުވާނަމަ އަބަދުވެސް ހުންނާނީ ފާފަތައް ކުރެވުންމަތީގައެވެ. ފާފަކުރުމަކީ ކިހައިވަރެއްގެ ނުބައިކަމެއްކަން ވަޒަނެއް ނުކުރެވޭނެއެވެ. ފާފަ ކުރަން ބިރެއް ނުގަންނާނެއެވެ. ވީމާ އެފަދަ ހާލުގައި ހުރެގެން ކުރާ އަޅުކަމަށް ވާނެގޮތަކާއިމެދު އަމިއްލައަށް ވިސްނާށެވެ.

މިހާލަތުން ސަލާމަތްވެވޭނީ އީމާންކަން ވަރުގަދަކޮށްގެންނެވެ. އީމާންކަންމަތީގައި ސާބިތުވެ ހުރެގެންނެވެ. އިމާންކަންމަތީގައި ސާބިތުވެ ނުހުރެވޭ މީހާގެ މިސާލަކަށްވާނީ ހުންގާނު ނެތް އުޅަނދެއްގެ މިސާލެވެ. ދަތުރުކުރާނީ މިސްރާބެއް ނެތިއެވެ. ނަތީޖާއަކަށްވާނީ އަބަދުވެސް ފަރަށް އެރުމެވެ. އަބަދު ފަރަށް އަރާފައި އޮންނަ އުޅަނދަކަށް ދަތުރު ފުރިހަމަކުރެވޭނެ ހެއްޔެވެ؟

މިއަހަރުގެ ރޯދަ މަސްވެސް އައިސް ޖެހުނީއެވެ. ރޯދަވެސް ހިފާނެއެވެ. ނަމަވެސް އީމާންކަން ފުރިހަމަ ނުވާ މީހާގެ ރޯދަ އޮންނާނީ އޮންނާނެ ގޮތަކަށެވެ. ފުރިހަމަ އީމާންކަމެއް ނެތި ހިފާ ރޯދައިން ކުރާނީ ކޮން ފައިދާއެއް ކަމާއިމެދުވެސް އަމިއްލައަށް ވިސްނައިލާށެވެ.

އީމާންކަން ވަރުގަދަކުރަން އެދޭމީހާ ކީރިތި ޤްރްއާން ކިޔަވައި މާނައަށް ވިސްނުން އިތުރުކުރަންވާނެއެވެ. ހަމައެއާއިއެކު ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ސިޔަރަތު މުރާޖަޢާކޮށް ޙަދީޘްފުޅުތައް ދަސްކުރަންވާނެއެވެ. މިކަންކަމުގެ ތެރެއަށް ތިމާ ވަންނަވަރަކަށް އީމާންކަން ދާނީ އިތުރުވެ ވަރުގަދަވަމުންނެވެ. މާތް ﷲ އާއި ރަސޫލާ (ޞޢވ) އަށް ހިތުގައި ލޯބި އިތުރުވަމުންނެވެ.

ނަތީޖާއަކަށްވާނީ އިސްލާމް ދީނުގައި ސާބިތުކަން އިތުރުވުމެވެ. ކުރާ އަޅުކަމުގެ ފުރިހަމަ ސަވާބު ލިބެމުންދިއުމެވެ. ހެޔޮ އަމަލުތަކުގެ ތިލަފަތަށް ބަރުބޮޑުވެގެންދިއުމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން