ﷲ ގެ އަތްޕުޅުން އާދަމްގެފާނު މަށިން އުފެއްދެވި ސަބަބަށް ވިސްނައިފިނަމަ ނަރަކައިން ސަލާމަތްވެވޭނެ - މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 25ސ
ﷲ ގެ އަތްޕުޅުން އާދަމްގެފާނު މަށިން އުފެއްދެވި ސަބަބަށް ވިސްނައިފިނަމަ ނަރަކައިން ސަލާމަތްވެވޭނެ - މުފްތީ މެންކް
ރަނާއި ޖަވާހިރާއި އެހެނިހެން އަގުބޮޑު މަޢްދަންތައް އުފެއްދެވި ﷲ، ﷲ ގެ އަތްޕުޅުން އާދަމްގެފާނު މަށިން އުފެއްދެވި ސަބަބަށް ވިސްނައިފިނަމަ ނަރަކައިން ސަލާމަތްވެވޭނެއެވެ.

އެ ސަބަބު ހޯދަންޖެހެނީ ވިސްނުމުންނެވެ. މާތް ﷲ ގެ އާޔަތްތަކުގެ އެހީތެރިކަމާއިއެކުގައެވެ. އެކަން އެގޮތަށް ދޫކޮށްލައްވަވާފައި އެވަނީ އެކަމަށް މީސްތަކުން ވިސްނައި ޢިބްރަތް ޙާޞިލު ކުރުމަށެވެ. އިންސާނުން އަމަލުކުރަންވީ ގޮތް ކަނޑައެޅުމަށް މަގުފަހިކޮށްދެއްވެވުމަށެވެ.

މާތް ﷲ އިންސާނާ މަށިން، ބިމުގެވެލިން އުފެއްދެވީ އިންސާނާއަށް މާތް ﷲ ދެއްވެވި އިޚްތިޔާރުގެ ބޭނުން އެމީހަކު ބޭނުން ގޮތަކަށް ހިފައި ދުނިޔޭގައި އުޅުމަށްފަހު އެނބުރި ދާންޖެހޭނީ މާތް ﷲ ގެ ޙަޞްރަތަށްކަން ބަޔާންކޮށްދެއްވެވުމަށެވެ.

އިންސާނާ މަރުވުމުން ވަޅުލައެވެ. ހަށިގަނޑު ދާނީ ވެއްޔާއި އެކުވެގެންނެވެ. މިއީ ކުޑަކުޑަ ކަމެއް ނޫނެވެ. މިދައްކަނީ އާދައިގެ ވާހަކައެއް ވެސް ނޫނެވެ. ޢިބްރަތުން ފުރިގެންވާ ވާހަކައެކެވެ.

މާތް ﷲ ބޭނުންފުޅުވެވޮޑިގެންނެވިނަމަ އެންމެ އަގުބޮޑު މަޢުދަނުންވެސް އިންސާނާ އުފެއްދެވުނީހެވެ. މައުދަންތަކަކީ ވެލީގައި ވަޅުލެވިފައި ހުރިނަމަވެސް ވެއްޔާއި އެކުވެގެންދާނެ އެއްޗެއް ނޫނެވެ. އެކަން ބަޔާންކޮށްދެއްވެވުމަށްޓަކައި ތަފާތު މައުދަންތައް ބިން ކޮނެގެން ނެގޭނެ ގޮތް މާތް ﷲ ވަނީ މިންވަރުކުރައްވަވައިފައެވެ.

ހަމައެއާއިއެކު ވެލިން އުފެއްދެވި އިންސާނާ ލައްވަވާފައިވަނީ މައުދަންތަކަށްވުރެ މާ އަގުބޮޑު އެއްޗެއްގެ ގޮތުގައެވެ. މައުދަނުގެ އަގު އެނގެނީވެސް އިންސާނުންނަށެވެ. އިންސާނުންނަށް އެކަމުގެ ބާރު ނުދެއްވެވިނަމަ މައުދަނުގެ އޮތީ ކޮން އަގެއް ހެއްޔެވެ؟ އެއްވެސް ޖަނަވާރަކަށް މައުދަނަކީ، މައުދަނުގެ އަގު ކިތަންމެ ބޮޑު ނަމަވެސް އެއްވެސް އަގެއް ހުރި އެއްޗެއް ނޫނެވެ. އެއްވެސް ޖަނަވާރެއް މައުދަން އެއްކުރޭހެއްޔެވެ؟ ރަނާއި ޖަވާހިރު އެއްކުރޭ ހެއްޔެވެ؟ އެތަކެތި ބޭނުންވެގެން އުޅޭ ހެއްޔެވެ؟ ނޫޅެއެވެ. މިއީ އިބްރަތުން ފުރިގެންވާ ކަމެއް ކަމުގައި ނޫނީ ނުވެއެވެ.

އަދިވެސް ވިސްނައިލާށެވެ. މާތް ﷲ އިންސާނުން އުފެއްދެވީ ތަފާތު ސިފަތަކަށެވެ. ތަފާތު ކުލަކުލައިގައެވެ. ބައެއް އިންސާނުން އުފައްދަވާފައިވަނީ ބޮޑެތި އައިބުތަކާއިވެސް އެކުގައެވެ. ނަމަވެސް އާޚިރަތް ދުވަހު މީސްތަކުން މަޙްޝަރުކުރައްވަވާނީ އެއްވެސް ތަފާތުކަމެއް ނެތިއެވެ. އެއް ސިފައެއްގައި އެއްގޮތެއްގައެވެ. ދަރަޖަތައް ތަފާތުވެގެންދަނީ މީހާ ދުނިޔޭގައި އުޅުނުގޮތުގެ މައްޗަށެވެ.

މީހާގެ ސިފަ ހުތުރުވެގެން ކަންބޮޑުވުމެއް ނެތެވެ. އެއްވެސް މީހެއްގެ ސިފައަކީ (ދުނިޔެއަށް ފޮނުއްވެވުނު) އާޚިރަތް ދުވަހުން އެއްވެސް މުހިންމު ކަމެއް އޮތް ކަމެއް ނޫނެވެ. ސިފައަށް ކަންބޮޑުވާ މީހުން ލޯގަނޑުން ނުބަލާށެވެ. އެއިރުން ސިފަ ނުވެސް އެނގޭނެއެވެ. މަސައްކަތްކުރަންވީ ހެޔޮ އަމަލުތައް ކުރުމުގައި ވާދަކުރުމަށެވެ. ސިފަ ރީތިކުރަން ވާދަކުރުމުގެ އެއްވެސް ބޭނުމެއް ނެތެވެ.

މާތް ﷲ ހުރިހާ އެންމެން ވެލިން އުފެއްދެވި މަޤްޞަދުތަކުގެތެރޭގައި ހިމެނޭ ދެވަނަ ކަމަކީ އެންމެން ވެސް އުފެއްދެވީ ހަމަހަމަކަމާއިއެކު އެކައްޗަކުންކަން ބަޔާންކޮށްދެއްވެވުމެވެ. މާނައަކީ މާތް ﷲ އަހަރެމެން އުފެއްދެވީ އެއް ފެންވަރެއްގައެވެ. ތަފާތުކަން މިލިބެނީ ހަމަ އެންމެ ކަމަކުންނެވެ. އެއީ ތަޤްވާވެރިކަމެވެ. މާތް ﷲ އަށް އީމާންވީ މިންވަރަކުންނެވެ. ހެޔޮ އަމަލުތައް ކުރި މިންވަރަކުންނެވެ.

އިންސާނުންގެ ތެރެއިން ވަކި ބައަކީ ނުވަތަ ވަކި ޤަބިލާއެއްގެ ނުވަތަ ވަކި ޤައުމެއްގެ މީހަކީ އެހެން މީހުންނަށްވުރެ މާ ދަރަޖަ މަތިވެރި ބައެއް ކަމަށް ވިސްނައިދެނީ ޝައިޠާނާއެވެ. ޝައިޠާނާ އެކަން ކުރަނީ މީސްތަކުންގެ މެދުގައި ފިތުނައުފެއްދުމަށެވެ.

މާތް ﷲ ގެ ކުޅަދުންވަންތަކަމަށް ނިކަން ވިސްނައިބަލާށެވެ. އެއްވެސް ދެ އިންސާނެއްގެ ލޮލާއި އިނގިލީގެ ނިޝާން ދިމައެއް ނުވާނެއެވެ. ދުނިޔޭގައި ތިބި 6 ބިލިއަން މީހުންނަށް ބެލި ނަމަވެސް މެއެވެ. އެއްވެސް ދެ ޖަނަވާރެއްގެ ނިޝާންތައް ދިމައެއް ނުވާނެއެވެ. ކޮންމެވެސް ތަފާތުތަކެއް ފެންނާނެއެވެ. މިވަރުންވެސް މާތް ﷲ ގެ ކުޅަދުންވަންތަކަން ޤަބޫލުކުރަން ފަސްޖެހެނީ ހެއްޔެވެ؟

މިކަންކަމާއިމެދު ފުންކޮށް ވިސްނައިލުމުން އެކަނިވެސް ނަރަކައިން ސަލާމަތްވުމަށް މަގުފަހިވެގެންދާނެއެވެ. ހަމައެކަނި ކުރަންޖެހޭ ކަމަކީ މިކަންކަމަށް ވިސްނައި ފިކުރުކުރުމެވެ. ވިސްނައި ފިކުރުކުރުމަށް މާތް ﷲ އަންގަވާފައިވަނީ މިފަދަ ސަބަބުތަކަށްޓަކައެވެ.

- މުފްތީ މެންކްގެ ދަރުސަކުން -

މިއަދު އޮންލައިން