ކައު އިތުރު ރަސޫލާ (صلى الله عليه وسلم) - ދުނިޔެއާ ދުނިޔޭގަ ވާހައި އެއްޗަކަށްވުރެ ބާރުފުޅުގަދަކަން އެނގޭތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 50ސ
ކައު އިތުރު ރަސޫލާ (صلى الله عليه وسلم) - ދުނިޔެއާ ދުނިޔޭގަ ވާހައި އެއްޗަކަށްވުރެ ބާރުފުޅުގަދަކަން އެނގޭތަ؟
ކައު އިތުރު ރަސޫލާ މުޙައްމަދު (صلى الله عليه وسلم) ގެ މުޢުޖިޒާތްތަކާއިމެދު ގިނަ ބައަކު ވާހަކަތައް ދައްކައެވެ. އިތުރު މުޢްޖިޒާތެއްގެ ވާހަކަ ކިޔައިދޭނެ މީހަކު ހުރިތޯވެސް ބަލައެވެ. ކިޔައިދޭ ވާހަކަތައް ޝައުޤުވެރިކަމާއިއެކު އަޑުވެސް އަހައެވެ. ނަމަވެސް އެންމެންނަށް ހާމައަށް ފެންނަން ހުރި އަދި ޔަޤީންވާ މުޢުޖިޒާތްތަކާއިމެދު ވިސްނަނީ ހާދަ މަދު ބައެކެވެ.

ނިކަން ވިސްނައިބަލާށެވެ. މާޒީގައި ހިނގާފައިވާ އެތައް ކަމެއްގެ ވާހަކަ އިތުރު މާތް ނަބިއްޔާ ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. އެންމެ ރަނގަޅެވެ. އެކަންކަން ހިނގިކަން ތިމަންނައަށް ނުއެނގޭކަމަށް ބުނާ ބައަކު އުޅެފާނެއެވެ. ނަމަވެސް އެހެން ބުނެވޭކަށް ނެތެވެ. އެއީ އެއްވެސް ސައިންސެއް އަދި ޓެކްނޮލޮޖީއެއް ނެތް ޒަމާނެއްގައި މީގެ 1400 އަހަރުކުރިން އިތުރު މާތް ނަބިއްޔާ ވަނީ ދުނިޔޭގައި ވާނެ ކަންތައްތަކުގެ ޚަބަރުތައް ދެއްވައިފައެވެ. އެއިން އެއްވެސް ކަމެއް އިތުރު މާތް ނަބިއްޔާ ބަޔާން ކޮށްދެއްވެވި ގޮތް ނޫން ގޮތަކަށް ވެއްޖެ ހެއްޔެވެ؟ ކައު އިތުރު ރަސޫލާ މުޙައްމަދު (صلى الله عليه وسلم)ގެ ޞަޙީޙް ޙަދީޘްފުޅެއްގައި ބަޔާންވެގެންވާ އެތައް ބައިވަރު ކަންތައްތަކެއް މިހާރުވެސް ހިނގައި ގޮސްފައިވާއިރު އެއިގެ ތެރެއިން ހަމަ އެންމެ ކަމެއްވެސް ޙަދީޘްފުޅަކާއި ތަފާތު ގޮތަކަށް ހިނގައިފިހެއްޔެވެ؟ ނުހިނގައެވެ. އަދި ނުވެސް ހިނގާނެއެވެ.

ދެން ނިކަން ކީރިތި ޤްރްއާނުގެ މިއާޔަތަށް ވިސްނައިލަބަލާށެވެ.

"ތިމަން ރަސްކަލާނގެ ފަރުބަދައެއްގެ މައްޗަށް މި ޤްރްއާން ބާވައިލެއްވެވިނަމަ ހަމަކަށަވަރުން އެފަރުބަދައެއް ﷲ އަށް ބިރުވެތިވުމުގެ ސަބަބުން ކުނޑިކުނޑިވެގެން ތިރިވާތީ ތިބާއަށް ފެނުނީހެވެ. އަދި އެ މިސާލުތައް މީސްތަކުންނަށް ތިމަން ރަސްކަލާނގެ ޖައްސަވަނީ، އެއުރެން ފިކުރު ކުރުމަށްޓަކައެވެ." (އަލްޙަޝްރް ސޫރަތް - 21)

މާތް ﷲ މިސާލު ޖައްސަވާފައި އެވަނީ ދުނިޔޭގައި ހުރި އެންމެ ބިޔަ އަދި އެންމެ ވަރުގަދަ އެއްޗެތީގެ ތެރޭގައި ހިމެނޭ ފަރުބަދައިންނެވެ.

ހަމަކަށަވަރުން ކީރިތި ޤްރްއާނަށް އެންމެ ބޮޑަށް ބިރުވެތިވެވަޑައިގެންވަނީ ކައު އިތުރު ރަސޫލާ މުޙައްމަދު (صلى الله عليه وسلم) އެވެ. ވަޙީ އަންނަ ވަގުތު ބިރުފުޅުން ތުރުތުރުފުޅު އެޅުން، ހަށިކޮޅުން އޮއްދައުފޮދު ހިއްލުން ފަަދަ ކަންކަން ކުރިމަތިވެވަޑައިގެންނެވިއެވެ. ނަމަވެސް މުޅި ޤްރްއާން ބާއްވަވައިލެއްވުނީ އިތުރު މާތް ނަބިއްޔާއަށެވެ. މާތް ﷲ ގެ ވަޙީ އިތުރު މާތް ނަބިއްޔާއަށް ޖިބްރީލްގެފާނު ގެނެސްދެއްވެވީ ސީދާ އިތުރު މާތް ނަބިއްޔާއަށެވެ. އިތުރު އެއްވެސް ހުރަހެއް ނެތިއެވެ.

މިކަމަކީ ބޮޑުވެގެންވާ މުޢުޖިޒާތަކަށް ނުވަނީ ހެއްޔެވެ؟ މިކަންކަމަށް ވިސްނުމުން މުޅި ދުނިޔެއާއި ދުނިޔޭގައި ވާހައި އެއްޗަކަށްވުރެ ގަދަ ބާރެއް މާތް ﷲ ކައު އިތުރު ރަސޫލާ މުޙައްމަދު (صلى الله عليه وسلم) އަށް ދެއްވެވިކަން ހަމަ ނުއެނގެނީ ހެއްޔެވެ؟

މުޢްޖިޒާތަކަށް ވަނީ ހަނދު ދެފަޅިއަށް އިރުއްވެވުން ފަދަ ކަންކަން އެކަނިހެއްޔެވެ؟ ހަމަ ޔަޤީނުން އެއީ ވެސް ހަމަ މުޢުޖިޒާތެވެ. ނަމަވެސް އެ މުޢުޖިޒާތްތައް ވަނީ ހިނގައި ގޮސްފައެވެ. މި ހާމަކުރި ބޮޑެތިވެގެންވާ މުޢްޖިޒާތްތައް ދިރިދެމިހުންނާނެއެވެ. ވިސްނައި ފިކުރުކުރާ މީހުންނަށް ޢިބްރަތަކަށްޓަކައެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން