ޝަރުޢީ ނިޒާމަށް ފާޑުކިޔުން މަދުކުރަން ޖޭއެސްސީއަށް ކުރެވޭނެ ކަމަކީ އިލްމީ ގޮތުން ގާބިލް ބޭފުޅުން ފަނޑިޔާރު ކަމަށް އައްޔަން ކުރުން ކަމަށާއި ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ދަނީ އެކަން ކުރަމުން ކަމަށް ޖޭއެސްސީގެ ނައިބު ރައީސް މުހައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.
ފައިޞަލް މިމޭރުމުން ވިދާޅުވީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓަށް ހަތަރު ފަނޑިޔާރުން އައްޔަންކޮށް، ފަތްކޮޅު އެރުވުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
ފައިސަލްގެ ވާހަކަފުޅުގައި ވަނީ މުޖުތަމައުން އެންމެ ބާރަށް ގޮވާލަމުން ގެންދަނީ ޝަރުޢީ ނިޒާމް އިޞްލާޙްކުރަންކަން ފާހަގަ ކުރައްވައިފައެވެ. "މުޖްތަމައު ގޮވާލަމުން އަންނަނީ ޝަރުއީ ނިޒާމް އިސްލާހު ކުރަން. އެ ފާޑު ކިޔުން މަދުކުރަން ޖޭއެސްސީ އަށް ކުރެވޭނެ ކަމަކީ އިލްމީ ގޮތުން ގާބިލް ބޭފުޅުން ފަނޑިޔާރު ކަމަށް އައްޔަން ކުރުން."
ފައިޞަލް ވިދާޅުވީ ފަނޑިޔާރުންނަށް މަލާމާތުގެ ބަސްތައް އަންނާނެ ކަމަށެވެ. އަދި އެކަން މަދު ކުރެވޭނެ ގޮތަކީ އިލްމީ ގޮތުން މޮޅު ނިންމުންތަކެއް ފަނޑިޔާރުން ނިންމެވުން ކަމަށާއި އެފަދަ މޮޅު ނިންމުންތައް ނިންމޭނެ ގާބިލްކަން ފަނޑިޔާރުންގެ ކިބައިގައި އެބަހުރި ކަމަށެވެ.
ކޯޓުތަކުން ހޯދަމުން އަންނަ ކުރިެރުން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ ރާއްޖޭގެ ކޯޓުތަކުން ނިންމާ މައްސަލަތަކުގެ އަދަދު އިތުރުވަމުން އަންނަ ކަމަށާއި އެއީ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ. އަދި މައްސަލަތައް އަވަހަކަށް ނިންމާ ނަމަ ޝަރުއީ ނިޒާމާއިމެދު އިތުބާރު ބޮޑުވެގެންދާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ 4 ފަނޑިޔާރުން ޢައްޔަނުކޮށްފައެވެ. އެއީ ކްރިމިނަލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރި ގއ. ޖުޑިޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓަކަށް ހުންނެވި ހަސަން ނަޖީބާއި ވ. ފެލިދޫ ވިނަރެސް، އިސްމާއިލް ރަޝީދު އާއި ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަންކުރި ވަޒީފާއާއިބެހޭ ޓްރައިބިއުނަލްގެ ރައީސަކަށް ހުންނެވި ހުސައިން ފާއިޒް ރަޝާދު އާއި ގދ. ފަރެސްމާތޮޑާ، މުޝްތަރީގޭ ހާފިޒާ އަބްދުއްސައްތާރު އެވެ.