ސައިކަލް ދުއްވައިގެން ސަވާބު ހޯދޭނެކަން އެނގޭތަ؟ ކުރާ ކޮންމެ އަމަލަކަށް ސަވާބު ލިބެންއޮތްއިރު ނުހޯދަނީ ކީއްވެ؟
މާތްﷲ އާއި އިތުރަށް ކުއްތަން ނުވެވޭ ގޮތަށް ކުރެވޭ ކޮންމެ އަމަލެއް ވާނީ މުޞީބާތަކަށެވެ. އެހެނީ މުސްލިމުން ކުރާ ކޮންމެ އަމަލަކީ މާތްﷲ އެންގެވި ގޮތުގައި ކުރާ އަމަލަކަށް ހެދޭނެއެވެ. މިކިޔައިދެނީއެވެ. ވިސްނައިގެން އަޑުއަހާށެވެ.
އެކަން އެގޮތަށް ނުކުރެވޭނީ މާތްﷲ އަންގަވާފައިވާ ގޮތާއި ޚިލާފަށް ކަންކަން ކުރާނަމައެކަންޏެވެ. އެފަދައިން ކުރެވޭ ކޮންމެ އަމަލަކުން ވެސް ލިބޭނީ ގެއްލުމާއި ހަލާކެވެ. ވާނީ އިތުރަށް ފާފަވެރިއެވެ.
ވަރަށް ކުޑަކުޑަ މިސާލެއް ބުނެލަފާނަމެވެ. މީހަކަށް އެއްޗެއް ދޭނަމަ ދޭން ޖެހޭނީ ކަނައަތުންނެވެ. މާތްﷲ އަންގަވާފައިވަނީ ކަނައަތް އިސްކުރުމަށެވެ. ނަމަވެސް ވައަތުން ދިނީމާ އެކުރެވުނީ ކީއް ހެއްޔެވެ؟
މާތްﷲ އަންގަވާފައިވަނީ ހިތް ހެޔޮކަމާއިއެކު ކޮންމެ އަމަލެއްވެސް ކުރުމަށެވެ. ވީއިރު މައިން ބަފައިންނަށާއި ޢާއިލާގެ މީހުންނަށް ނުވަތަ އެނޫން ދުރު މީހަކަށް ނަމަވެސް ކަމެއް ކޮށްދޭއިރު ހިތް ބުރަކޮށްގެން ހުރެ ކޮށްދިނުމުން ލިބޭނީ ކޮން ފައިދާއެއް ހެއްޔެވެ؟ އެއްވެސް ފައިދާއެއް ނުކުރާނެ އިރު ލިބޭނީ އަޒާބެވެ. އެއީ މާތްﷲ އެންގެވި ގޮތުގައި ކަންކަން ނުކުރުމުންނެވެ.
ތިބާ އަކީ ކާރު ނުވަތަ ސައިކަލް ދުއްވާ މީހަކަށްވެދާނެއެވެ. ވެހިކަލެއް ދުއްވުމަކީ އަޅުކަމަކަށް ނުވެދާނެއެވެ. ނަމަވެސް ތިބާގެ އަމިއްލަ ބޭނުމަށް ކުރާ ދަތުރު ފަށަމުން ދަތުރުު ދުޢާ ކިޔައިފިނަމަ އެ ދަތުރަކީވެސް އަޅުކަމަކަށް ބަދަލުވީއެވެ. އެއީ މާތްﷲ އެންގެވި ގޮތުގައި ދަތުރު ފެށީތީއެވެ. ފަރުވާތެރިކަމާއިއެކު ދުއްވައިފިނަމަ ސަވާބު އިތުރުވާނެއެވެ. އެއީ ތިމާ އާއި އެހެން މީހުންގެ ސަލާމަތާއި ރައްކައުތެރިކަމަށް ބެލިތީއެވެ؟
ތިބާ ގެއިން ނުކުންނަނީ ގޭ ކުރިމަތީގައި ހުރި ފިހާރައިން އެއްޗެއް ގަންނަން ކަމަށްވެދާނެއެވެ. ގެއިން ނުކުންނަމުން ދުޢާ ކިޔާފައި ނުކުތުމުން އެކަންވެސް އަޅުކަމަކަށް ބަދަލުވީއެވެ. އަބަދުވެސް ހަނދާންކުރަންވީ ޛިކުރުތައް ކިޔުމަށެވެ. ފާޚާނާ ކުރަންޖެހެއެވެ. އެކަމަށްވެސް ކިޔާނެ ޛިކުރުތަކެއް އެބަހުއްޓެވެ. ނުކިޔަންވީ ކީއްވެގެން ހެއްޔެވެ؟ އެކަމުން ހޯދެން އޮތް ސަވާބު ލިބި ނުގަންނަންވީ ކީއްވެގެން ހެއްޔެވެ؟
މިފާހަގަކޮށްލީ ވަރަށް އާންމު ވަރަށް ކުދިކުދި ކަންކަމެވެ. ބޮޑެތި ކަންކަން އަދި ހުރީއެވެ.
-- އިސްލާމީ ތިލަފަތުގެ ދަރުސަކުން