ވައްޖަހުތުގެ މާނައަކީ މިއަޅާ، މިއަޅާގެ މޫނު މިކުރިމަތިކުރަނީ އިސްވެގޮސްފައިވާ މިސާލެއް ނެތި އުޑުތަކާއި ބިންތައް އުފެއްދެވި ފަރާތަށެވެ. އުޑުތަކާއި ބިންތައް ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނެވި އިލާހަށެވެ.
މޫނު ކުރިމަތިކުރުމުގައި ދެ މާނައެއް ވެއެވެ. އެއް މާނައަކީ އޭނާ، އޭނާގެ މޫނު، އޭނާ އުފެއްދެވި އިލާހަށް ކުރިމަތިކޮށްގެން ހުރުމެވެ. ދެވަނަ މާނައަކީ އޭނާ ދިރިއުޅެމުންދާ ގޮތާއި އޭނާ އަމަލުކުރަމުން ގެންދާ ގޮތާއި އޭނާ އަމަލުކުރަމުންދާ ޝަރީއަތާއި ޙުކުމްތަކާއި ހުރިހާ ކަމެއް މާތް ﷲ އަށް ސީދާކޮށްފައިވުމެވެ.
އެހެންވީމާ މާތް ﷲ އާއި ދިމާއަށް ފިޔަވައި އެހެން އެއްވެސް ދިމާއަކަށް އޭނާގެ މޫނު އެނބުރުމެއް ނެތެވެ. އޭނާ ކުރިއަށް ދާ ގޮތުގެ އަސާސަކީ، މަންހަޖަކީ ﷲ ގެ ޝަރީއަތެވެ.
ދެން މިކިޔަނީ ޙަނީފަން މުސްލިމަން - ޙަނީފަންގެ މާނައަކީ ޝިރުކުން އެއްކިބާވެފައިވާ، އެހެން އެއްވެސް ފަރާތަކަށް ތަބަޢަވުމެއް ނެތި، އެހެން އެއްވެސް ފަރާތަކަށް އެނބުރުމެއް ނެތި، އަދި އެހެން އެއްވެސް ފަރާތަކަށް އިޚްލާޞްތެރިވުމެއް ނެތި، އެހެން އެއްވެސް ފަރާތަކަށް އަޅުވެތިވުމެއް ނެތި ހަމައެކަނި ﷲ އަށް ކަމުގައި ކަނޑައެޅުމެވެ. މުސްލިމަންގެ މާނައަކީ މާތް ﷲ ގެ އަމުރުފުޅުތަކަށް ތަބަޢަވާ އިސްލާމެއްގެ ގޮތުގައެވެ. (މިއަޅާވަމެވެ.) އެތެރެފުށާއި ބޭރުފުށުގެ އަމަލުތަކުން މާތް ﷲ އަށް ތަބަޢަވެފައިވާ މުސްލިމެއްގެ ގޮތުގައި ވަމެވެ. "ވަމާއަނަ މިނަލްމުޝްރިކީން" ޝިރުކުކުރާ މީހުންގެ ތެރެއިން މިއަޅާ ނުވަމެވެ.
މިއީ ނަމާދުގައި މާތް ﷲ އާއި ދައްކާވާހަކަތަކެވެ. ވަމުންދާ އިޤްރާރްތަކެވެ.
"އިންނަ ޞަލާތީ" މިއަޅާގެ ނަމާދާއި، "ވަނުސުކީ" މިއަޅާގެ އެހެނިހެން އަޅުކަންތަކާއި ހުރިހާ ކަމެއް ވަނީ ޢާލަމްތަކުގެ ވެރި ﷲ އަށެވެ. "ވަމަހްޔާޔަ" މިއަޅާގެ ހަޔާތް، މިއަޅާގެ ދިރިއުޅުމާއި، ދިރިހުރުމާއި، "ވަމަމާތިޔަ" އަދި މިއަޅާ މަރުވެ ދިއުމާއި "ލިﷲ ރައްބިލްޢާލަމީން" ޢާލަމްތަކުގެ ވެރި ﷲ އަށް ފިޔަވައި އެހެން ފަރާތަކަށް ނުވެއެވެ.
އަޅުގަނޑުމެންގެ މުޅި ހަޔާތުގެ މަޤްޞަދަކީ މިއީ އެވެ. ކުރާ ހުރިހާ ކަމެއް ކުރަންޖެހެނީ ﷲ އަށްޓަކައެވެ. ހަމައެއާއިއެކު މަރުވެދިއުމުން ސަވާބާއި ދަރުމަ މިއެދެނީވެސް ހަމަ ﷲ ގެ ޙަޟްރަތުންނެވެ.
ނަމަވެސް އަޅުގަނޑުމެން އަބަދު މިކިޔަނީ ތަފާތު ވާހަކަތަކެކެވެ. ލޯބިވެރިން އެކަކު އަނެކަކަށްޓަކައި ޤްރްބާންވާ ވާހަކައެވެ. މަރުވިއްޔާ ޝަރަފުގައި މަރުވާ ވާހަކައެވެ. ނަމަވެސް އަޅުގަނޑުމެންނަކީ މަރުވެއްޖިއްޔާ ޝަރަފުގައި މަރުވެވެންތިބި ބައެއް ނޫނެވެ.
ހަޔާތުގެ އެއްވެސް ކަމެއް އެހެން އެއްވެސް ފަރާތަކަށް ޤްރްބާން ކުރުމެއް ނެތެވެ. އެއީ އެހެން އެއްވެސް ފަރާތަކުން އަޅުގަނޑުމެންނަށް ދޭ އެއްވެސް ނިއުމަތެއް ނެތުމުންނެވެ. އެހެން އެއްވެސް ފަރާތަކުން ދޭ އެއްވެސް އެއްޗެއް ނެތުމުންނެވެ. ހުރިހާ އެއްޗެއް ދެއްވަވަނީ މާތް ﷲ ކަމަށްވުމުންނެވެ.
އެހެންވީމާ ހަޔާތުގެ، ކުދި ބޮޑު އެންމެހައި ކަންކަން ކުރުމުގެ މަޤްޞަދަކަށްވާންޖެހޭނީ މާތް ﷲ ގެ ރުއްސެވުން ހޯދުމެވެ. މާތް ﷲ އަށް އަޅުކަމުގެ ގޮތުގައި ނޫނީ ހަމަ އެއްވެސް ކަމެއް ނުކުރުމެވެ.
މިއީ ނަމާދަށް ފަށައިގަންނަމުން އަޅުގަނޑުމެންވާ ފުރަތަމަ އިޤްރާރެވެ. މިއިޤްރާރް ކޮންމެ ނަމާދެއްގައި މިކިޔަނީ އަޒުމް ވަރުގަދަ ކުރުމަށެވެ. އެގޮތުގައި ސާބިތުކަމާއިއެކު ދެމިތިބުމަށެވެ.
- ޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކުން -
- ގުޅުންހުރި ވީޑިއޯ: