ޤްރްއާނާއި ޚިލާފަށް ކުރާ ކޮންމެ ކަމަކީ އަނިޔާއެއް - އަނިޔާވެރިކަން ޢާންމުވެއްޖެ - ހުއްޓުވަންޖެހޭ!: އިސް އިމާމް ޝައިޚް ލަޠީފް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 29ސ
ޤްރްއާނާއި ޚިލާފަށް ކުރާ ކޮންމެ ކަމަކީ އަނިޔާއެއް - އަނިޔާވެރިކަން ޢާންމުވެއްޖެ - ހުއްޓުވަންޖެހޭ!: އިސް އިމާމް ޝައިޚް ލަޠީފް
އަބޫބަކުރުގެފާނު އެކަލޭގެފާނުގެ ޚިލާފަތުގައި މިންބަރުކޮޅުގައި ހުންނަވައި ވިދާޅުވިއެވެ. "އޭ މީސްތަކުންނޭވެ. ތިއަބައިމީހުން މިއާޔަތް ކިޔަވައި އުޅުނެވެ. އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ﷲ ގެ އެއްކައުވަންތަކަން ޤަބޫލުކޮށް މުޙައްމަދުގެފާނުގެ ރަސޫލުކަން ޤަބޫލުކޮށްގެން ތިބި މުއުމިން އަޅުންނޭވެ. ތިއަ ބައިމީހުންނަށް އޮތީ ތިއަބައިމީހުންގެ ނަފުސުތައް ސަލާމަތްކުރުމެވެ. ތިއަބައިމީހުން ހިދާޔަތުލިބިގެން ތިބިނަމަ މަގުފުރެދޭ މީހާގެ މަގު ފުރެދުން ތިއަބައި މީހުންނަށް ގެއްލުމެއް ނުކުރާނެއެވެ.

އަދި ހަމަކަށަވަރުން ރަސޫލާ (ޞޢވ) ޙަދީޘްފުޅުކުރައްވަނިކޮށް ތިމަން އަޑު އެއްސެވީމެވެ. މީސްތަކުންނަށް އަނިޔާވެރިއަކު އަނިޔާކުރަމުންދާތަން ތިއަބައިމީހުންނަށް ފެންނަ ހިނދު އެމީހެއްގެ އެކަންތައްތައް ނުހުއްޓުވައިފިނަމަ ﷲ ސުބްހާނަހޫ ވަތަޢާލާ އެ އެންމެން ޢުޤޫބާތެއްގެތެރެއަށް ލެއްވެވުން ކައިރިވެގެންވެއެވެ. އެބަހީ އެކަލާނގެ ޢަޒާބެއް އެމީހުންގެ މައްޗަށް ވެރިވެދާނެއެވެ. އެއީ ކައިރިކަމެކެވެ. ދުރުކަމެއް ނޫނެވެ." މިއީ ޞައްޙަ ސަނަދުން ރިވާވެގެންވާ ޙަދީޘްފުޅެކެވެ."

މިއާޔަތުގެ ބޭރުފުށުގެ މާނައަށް ބަލައިފިނަމަ އެ އަންގަވަނީ މީހަކު ކޮންމެ ކަމެއް ކުރި ނަމަވެސް އަޅައިލުމެއް ނެތް ކަމަށެވެ. ތިބާ ރަނގަޅު ގޮތުގައި ހުރިނަމަ އެކަން އެ ނިމުނީއެވެ. ނަމަވެސް އަބޫބަކުރުގެފާނު އެވިދާޅުވަނީ އެއާޔަތުގެ ޙަޤީޤީ މާނައަކީ އެއީ ނޫން ކަމަށެވެ.

މިތަނުގައި އަނިޔާވެރިކަން ނުވަތަ އަނިޔާވެރިވުމުގެ މާނައިގައި އިސްލާމް ދީނާއި ޚިލާފް ހުރިހާ ކަންކަން ހިމެނިގެންވެއެވެ. އެންމެ ބޮޑު އަނިޔާއަކީ ޝިރުކުކުރުމެވެ.

"އެބައިމީހުން އީމާންވެ އީމާންކަމާއިއެކުގައި އަނިޔާ ނުކޮށް ތިބި މީހުން، އެމީހުންނަށޭވަނީ އަމާންކަމާ ތެދުމަގު ލިބުން. އެމީހުންނޭ ހިދާޔަތު ލިބިގެންވާ މީހުންނަކީ ޤިޔާމަތް ދުވަހުން." މިއާޔަތް ބާވައިލެއްވުމުން ޞަހާބީން ކަންބޮޑުވެވަޑައިގެން، ރަސޫލާ (ޞޢވ) އަރިއަހަށް ވަޑައިގެން ކަންބޮޑުވުން ފައުޅު ކުރެއްވެވިއެވެ. އެ އާޔަތުގެ މާނައަށް ބަލާއިރު ހަމަ އެއްވެސް ބޭކަލަކަށް ސަލާމަތް ކަމެއް ނެތްކަމަށް ޤަބޫލުފުޅު ކުރެއްވެވިގެންނެވެ.

އެބޭކަލުން ދެންނެވިއެވެ. "އަޅުގަނޑުމެން މިތިބީ އީމާންވެގެންނެވެ. ނަމަވެސް އަނިޔާއެއް ނުކުރެވޭނީ ކާކަށްތޯއެވެ؟ ގެންގޫޅޭ ޖަނަވާރަކަށް ވެސް އެކަށީގެން ނުވާ މުޢާމަލާތެއް ކޮށްފިނަމަ އެއީ އަނިޔާއެކެވެ. ބުނަން ނުވާފަދަ ބަހެއް މީހަކާއި ދިމާއަށް ބުނެވުނު ނަމަވެސް އެއީ އަނިޔާއެކެވެ.
ކީރިތި ޤްރްއާނުގައި ބަޔާންވެގެންވާ ގޮތާއި ޚިލާފަށް ކުރާ ކޮންމެ ކަމަކީ އަނިޔާއެކެވެ. ކީރިތި ޤްރްއާނާއި ޚިލާފަށް ކަމެއް ކުރާނަމަ އަމިއްލަ ނަފުސަށް ވެސް ކުރަނީ އަނިޔާއެވެ. މީސްތަކުންނަށް ވެސް ކުރަނީ އަނިޔާއެވެ.

ވީމާ ކީރިތި ޤްރްއާނާއި ޚިލާފަށް މީހަކު ކަމެއް ކުރާނަމަ އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އެކަން ހުއްޓުވަން ޖެހޭނެ ކަމަށެވެ. ޤައުމުގައި ހިންގާ މުންކަރާތްތައް ސަރުކާރަށް ހުއްޓުވޭނެ ކަމަށެވެ. ޢާއިލާގައި ކުރާނަމަ އަޅުގަނޑުމެންނަށް ހުއްޓުވޭނެ ކަމަށެވެ.

މާތް ﷲ ނަހީ ކުރެއްވެވި އެންމެހައި ކަންކަން ޤައުމުގައި މިދަނީ ޢާންމުވަމުންނެވެ. މިކަންކަން ހުއްޓުވަން އެންމެންވެސް މަސައްކަތްކުރަން ޖެހޭނެއެވެ. ނުކުރާނަމަ ޢާންމުވެގެންވާ ކޯފާއެއް އަތުވެދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އެބައޮތެވެ.

- މަސްޖިދު މުޙައްމަދު ތަކުރުފާނުލްއައުޒަމްގެ އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފްގެ ދަރުސަކުން

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން