ރަސޫލާ (صلى الله عليه وسلم) ގެ ޙަޔާތްޕުޅުން ވެސް އަންހެންކަނބަލުންގެ ދަރަޖަ މަތިވެރިކަން ހާމަވޭ: ޝެއިޚް މުޙައްމަދު އަސްލަމު

ކިޔުމަށް ހޭދަވާނީ 2މ 10ސ
ރަސޫލާ (صلى الله عليه وسلم) ގެ ޙަޔާތްޕުޅުން ވެސް އަންހެންކަނބަލުންގެ ދަރަޖަ މަތިވެރިކަން ހާމަވޭ: ޝެއިޚް މުޙައްމަދު އަސްލަމު
އިނގިރޭސި ވިލާތަށް އުފަން ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޝެއިޚް މުޙައްމަދު އަސްލަމު، އޭނާގެ ދަރުހެއްގައި ވިދާޅުވެފައިވެއެވެ.

"މިޒަމާނަކީ، ގިނަ ބަޔަކު ވެގެން އަންހެން ކަނބަލުންގެ އަގު ވަރަށް ބޮޑަށް ވައްޓާލާފައިވާ ޒަމާނެކެވެ. އެކަނބަލުން ކުރާ ކަންކަން ބަލައި ނުގަނެވުމާއި، ކޮށްދޭ ކަންކަމަށް ފާޑު ކިޔުމަކީ، އަށަގެންފައިވާ ނޭދެވޭ އާދައެކެވެ.

ޙަގީގަތުގައި އަންހެން ކަނބަލުންނަކީ އިސްލާމްދީނުގައި ނުހަނު ޚާއްސަ ގަދަރަކާއި އިޚްތިރާމެއް ދީފައިވާ ބައެކެވެ. އެކަން އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު (صلى الله عليه وسلم) ގެ ޙަޔާތްޕުޅުންނާއި ޙަދީޘްފުޅުތަކުން ވެސް ހާމަވެއެވެ.

އެކަލޭގެފާނު ދުނިޔޭގެއަލިކަން ދެކެވަޑައިގަތުމުން އެންމެ ފުރަތަމައުރުވެޑުވީ އަންހެން ކަނބަލެކެވެ. ތުއްޕުޅުއިރު އެކަލޭގެފާނުގެ އެންމެ ފުރަތަމަ ހިނިތުންވުން ވެސް ފެނިވަޑައިގެންފައިވަނީ އަންހެން ކަނބަލަކަށެވެ.

ރަސޫލާ (صلى الله عليه وسلم) ގެ މައިކަމަނާ އަބްވާ ގައި އަވަހާރަވުމުން، ކީރިތި ކުރައްވަމުން އަނބުރާ މައްކާއަށް އެކަލޭގެފާނު ވަޑައިގެންނެވީ ވެސް އަންހެން ކަނބަލަކާއި އެއްކޮށެވެ.

ހިރާ ފަރުބަދައިގާ ހުންނަވަނިކޮށް، މާތް ރަސްކަލާނގެ ވަޙީ ބަސްފުޅު އެންމެ ފުރަތަމަ އިތުރު އެކަލޭގެފާނަށް އިވިވަޑައިގެންނެވުމުން، އެނބުރި ވަޑައިގެންނެވިއިރު ބިރުފުޅުން ތުރުތުރުއެޅުއްވި ހާލުކޮޅުގައި އޮންނެވި ހިނދު، އެކަލޭގެފާނުގެ ހަށިކޮޅުގައި ފޮށާކޮޅެއް އަޅުއްވާ ދެއްވެވީ ވެސް އަންހެން ކަނބަލެކެވެ. އަދި މާތް ﷲ ގެ ވަޙީ ބަސްފުޅު ލިބިލެއްވި ވާހަކަ އެންމެ ފުރަތަމަ ރަސޫލާ (صلى الله عليه وسلم) ޙަދީޘްފުޅު ކުރެއްވެވީ ވެސް އަންހެން ކަނބަލެއް އަރިހުގައެވެ.

އަދި ކިއެއްތަ، މާތް ވެގެންވާ އިސްލާމް ދީނަށް އެކަލޭގެފާނު ގޮވާލެއްވުމުން އެންމެ ފުރަތަމަ އިސްލާމް ދީން ޤަބޫލުފުޅު ކުރެއްވެވީ ވެސް އަންހެން ކަނބަލެކެވެ. އޭގެ އިތުރުން، އިތުރުއެކަލޭގެފާނާއިއެކު އެންމެ ފުރަތަމަ ނަމާދު ކުރެއްވެވީ ވެސް އަންހެން ކަނބަލެކެވެ.

މީގެއިތުރުން، މާތް ނަބިއްޔާ މުޙައްމަދު (صلى الله عليه وسلم) އެންމެ ފުރަތަމަ ޚުތުބާއެއް ދެއްވެވިއިރު، އެކަލޭގެފާނަށްޓަކައި މިންބަރުކޮޅެއް ތައްޔާރު ކޮށްދެއްވެވީ ވެސް އަންހެން ކަނބަލެއްކަން ދެނެހުރީމުތޯއެވެ؟

އެކަލޭގެފާނު މިދުނިޔެއާއި ވަކިވެ ވަޑައިގެންނެވުމުގެ ކުރިން އުނގަންނަވާދެއްވާފައިވާ ކަންތައްތަކުގެ ތެރޭގައި، 'ތިމާގެ އަނބިންނަށާއި އަދި އަންހެން ކަނބަލުންނަށް އޯގާތެރިވުމަށާއި ކަމޭހިތުމަށް' އަންގަވާފައިވެއެވެ.
މިއަދު އޮންލައިން