ސަމާސައަކަށްވެސް ފުރައްސާރަ ކުރުމެއް ނެތް - ފުރައްސާރަ ކުރުމަކީ ތިމާ އާ ﷲ އާ ދުރުވާ ސަބަބެއް.

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 2ސ
ސަމާސައަކަށްވެސް ފުރައްސާރަ ކުރުމެއް ނެތް - ފުރައްސާރަ ކުރުމަކީ ތިމާ އާ ﷲ އާ ދުރުވާ ސަބަބެއް.
ސަމާސައަކަށްވެސް ފުރައްސާރަ ކުރުމެއް ނެތެވެ. އެހެނީ ފުރައްސާރަ ކުރުމަކީ ތިމާ އާއި މާތް ﷲ އާއި ދުރުވާ ސަބަބެކެވެ. ބޮޑުވެގެންވާ ފާފައެކެވެ.

ބައެއް މީހުން ފުރައްސާރަ ކުރަނީ ކޮންމެހެން އެކަންކުރުމުގެ ބޭނުމެއްގައެއް ނޫނެވެ. ހަމަ ތިބެފައި މަޖަލަކަށްވެސް އެކަން އެބަކުރެއެވެ. ނަމަވެސް އެއީ މަޖަލަކަށްވެސް ކުރަން ހެޔޮވާވަރުގެ ކަމެއް ނޫނެވެ.

ދެ އަންހެން ކުއްޖަކު ވާހަކަ ދައްކަމުން މަޖަލަކަށް ހަދާފައި މިވެނި އަހްމަދަކު ސަލާމް ބުނިކަމަށް ބުނެފާނެއެވެ.

އެހެން ބުނުމުން ހަމަ މަޖަލަކަށް ހަދާފައި ރައްދުގައި "އާނ އެއްކަލަ އަހްމަދު ދޯ. ކުރުސްޗޮޕް. އެދެން މާކުރު ސޮރެއްނު." މިފަދަ ބަސްތައް ބުނެ އުޅެއެވެ. މިފަދަ ބަސްތައް ބުނުމަކީ ވެސް ފުރައްސާރަކުރުމެވެ. ސަބަބަކީ އެއިރުން އެކަން ވާނީ މާތް ﷲ އޭނާ އުފެއްދެވި ސިފައަށް ފުރައްސާރަކުރުން ކަމަށްވާތީއެވެ.

ވަރަށް މަޖާކޮށް އުޅޭ މީހެއްގެ ވާހަކަ ދައްކަމުން "އެއްކަލަ މަޖާ އަޙްމަދު" މިފަދައިން ބުނުމަކީ ފުރައްސާރަ ކުރުމެއް ނޫނެވެ.

މިދެކަންތަކުގައި ތަފާތުވާ ގޮތާއިމެދު ގިނަ ބައަކު ނުވިސްނައެވެ. މިސާލަކަށް މީހެއްގެ ކުރު ވާހަކަ ބުނުމުން އެމީހާ ދެރަވާނެއެވެ. ނަމަވެސް މަޖާކޮށް އުޅޭ މީހަކާއި ދިމާއަށް ތިއައީމަޖާ މީހެކެވެ ބުނުމަކުން އޭނާ ދެރައެއް ނުވާނެއެވެ.

އެއްވެސް މީހަކު ކުރުވެގެން ނުވަތަ ދިގުވެގެން ހުންނަނީ އޭނާ އަމިއްލައަކަށްވެސް ނޫނެވެ. އެއީ އޭނާ ހުރުމަށް މާތް ﷲ އެންމެ ލޯބިކުރައްވަވާ ސިފައެވެ. އެހެނީ ކޮންމެ މީހަކުވެސް ދުނިޔެއަށް ފޮނުއްވަވަނީ އެމީހަކު ހުރުމަށް މާތް ﷲ އެންމެ ލޯބިކުރައްވަވާ ސިފައިގައެވެ.

އެހެންކަމުން ސިފަކިޔުމުން އެމީހާ ދެރަވުމުގެ އިތުރުން އެމީހާ މާތް ﷲ އުފެއްދެވި ގޮތާއިވެސް އެބަ ބެހެވެއެވެ. މިއީ ކުރަން ހެޔޮވާ ވަރުގެ ކަމެއް ނޫނެވެ. ކުރެވިގެންވާނެ ކަމެއްވެސް ނޫނެވެ. ކަނޑައެޅިގެން މާތް ﷲ ނަހީ ކުރައްވަވާފައިވާ ކަމެކެވެ.

އަލްހުޖްރާތު ސޫރަތުގެ 11 ވަނަ އާޔަތާއި 12 ވަނަ އާޔަތަށް ވިސްނައިލާށެވެ. މާތް ﷲ ގެ ވަޙީ ބަސްފުޅު މިއޮތީ ފެންނާށެވެ.

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ފިރިހެނުންގެ އެއްބައަކު އަނެއް ބައަކަށް ފުރައްސާރަ ނުކުރާ ހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ އެ ފުރައްސާރަ ކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި އަންހެނުންގެ އެއްބައަކު އަނެއް ބައަކަށް ފުރައްސާރަ ނުކުރާ ހުށިކަމެވެ! އެހެނީ އެ ފުރައްސާރަކުރި މީހުންނަށްވުރެ އެ ފުރައްސާރަ ކުރެވުނު މީހުން މާހެޔޮކަން ބޮޑުކަމުގައި ވެދާނެއެވެ. އަދި ތިއަބައިމީހުންގެ އަމިއްލަ ނަފްސްތަކަށް ޢައިބު ނުކިޔާށެވެ! (އެބަހީ: އެކަކު އަނެކަކަށް ޢައިބު ނުކިޔާށެވެ) އަދި އެއްބައަކު އަނެއްބައަކަށް ނުރުހޭކަހަލަ ލަޤަބްތަކުން ނުގޮވާށެވެ! އީމާންވުމަށްފަހު ފާސިޤްވުމުގެ ނަން ލިބުމަކީ ހާދަހާ ނުބައިވެގެންވާ ކަމެކެވެ. އަދި (އެކަންތަކުން) ތައުބާ ނުވި މީހާ (ދަންނާށެވެ!) ފަހެ އެއުރެންނީ ހަމަ އަނިޔާވެރިންނެވެ."

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ހީގެ ތެރެއިން ގިނަ ކަންތަކާ ދުރުވެގަންނާށެވެ. ހަމަ ކަށަވަރުން ބައެއް ހީއަކީ ފާފައެކެވެ.
އަދި ތިއަ ބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ. އަދި އެއް ބައަކު އަނެއް ބައަކަށް ޣީބަ ނުބުނާށެވެ. ތިއަބައި މީހުންކުރެ އެކަކުވެސް އޭނާގެ އަޚާގެ މަސްމުޅަކޮށް ކެއުމަށް ލޯބިކުރާނެ ހެއްޔެވެ؟ ފަހެ ތިއަބައިމީހުން އެކަމަކަށް ނުރުހޭނޫއެވެ. އަދި ތިއަ ބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ. ހަމަކަށަވަރުން ﷲ އީ ގިނަގިނައިން ތައުބާ ޤަބޫލުކުރައްވަވާ ތަޙްމާންވަންތަ ރަސްކަލާނގެއެވެ."

ކީރިތި ޤްރްއާނުގައި މިހައިސާފު ޢިބާރާތުން މިކަންކަން ބަޔާންކުރައްވަވާފައިވާއިރުވެސް އެކަންކަމަށް ދޭންޖެހޭ ސަމާލުކަން ނުދެވެނީ ހަމަ އޮޅުން ނުފިލާތީ ކަމަށްވެދާނެއެވެ. އަދި އެކަންކަމަށް ހޭލުންތެރި ކުރުވިފައި ނެތުމުން ކަމަށްވެސް ވެދާނެއެވެ. ކީރިތި ޤްރްއާން އުނގެނެން ޖެހޭ ސަބަބަކީ މިއީއެވެ. ވީވަރަކުން ކީރިތި ޤްރްއާނުގެ މާނަ ދަސްކުރަން ޖެހެނީ މިފަދަ ސަބަބުތަކަށްޓަކައެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން