އެއީ ކިތަންމެ ހިތާމަވެރި ހާލަތެއް ނަމަވެސް މިއަދު އެންމެ ޢާންމު އެއް ކަމަކީ އެއީ އެވެ. އިޖުތިމާޢީ އެންމެ ބޮޑު މައްސަލައަކަށްވެފައިވަނީ އެކަންތަކެވެ. ކޮންކަމެއް ކަމަށްތޯއެވެ؟ ފިރިމީހާއަށް ލިބޭ އާމްދަނީ މަދުވުމުގެ މައްސަލައެވެ. ކުރަން ބޭނުން އެތައް ކަމެއް ނުކުރެވިގެން ކުރާ ޝަކުވާގެ އަޑުތަކުން މުޅި މުޖުތަމައު މިވަނީ ގުގުމާލައިފައެވެ.
ގޭތެރޭގެ ކަންތައްތައް މިފަދައިން ހުރިއިރު ވިޔަފާރިވެރިންގެ އެންމެބޮޑު ޝަކުވާއަކަށްވެފައި މިއޮންނަނީ ވިކުރާއަށް ލިބޭ ފައިސާ މަދުވުމުގެ މައްސަލައެވެ. ލިބުނު ފައިސާކޮޅު މަދުކަމުން މާދަމާ ކުރަންހުރި ކަންކަން ނުކުރެވޭނެތީ އެކަމުގެ ޝަކުވާއެވެ.
ޖުމުލަ ގޮތެއްގައި ބަލައިފިނަމަ އެންމެން ވެސް އުޅެނީ ލިބޭ ފައިސާ މަދުވެގެންނެވެ. ކުރަން ބޭނުންވާ ކަންކަން ނުކުރެވިގެންނެވެ. މިހެން މިވަނީ ކީއްވެގެން ކަމާއިމެދު ވިސްނައިލަނީ ކިތައް މީހުން ހެއްޔެވެ؟
ތިމާއަކީ އަތްމަތި ތަނަވަސް މީހަކަށް ވުމަށް އެދޭނަމަ ކުރަންޖެހޭ ކަމަކީ މިލިއަނުން ބިލިއަނުން ފައިސާ ލިބުމަށް އެދުމެއް ނޫނެވެ. މާތް ﷲ ގެ ޙަޟްރަތުގައި އެދެންވީ މިލިއަނުން ބިލިއަނުން ފައިސާ ދެއްވެވުމަކަށްވެސް ނޫނެވެ.
އެހެނީ މުއްސަނދިވާނީ އިތުރަށް ދެއްވަން އެދޭ މީހާއެއް ނޫނެވެ. ދެއްވެވި މިންވަރުގައި ބަރަކާތް ލައްވަވަން އެދޭ މީހާއެވެ. އެހެނީ އަތަށް ކިތަންމެ ގިނަ ފައިސާތަކެއް އެރި ނަމަވެސް އެއިގައި މާތް ﷲ ބަރަކާތް ނުލައްވަވާނަމަ އެއިން ކުރާނެ އެއްވެސް ހަޤީޤީ ފައިދާއެއް ނުއޮންނާނެއެވެ.
މިކަމުގެ ހެކި އެންމެންނަށް އެނގޭ މިންވަރަށް ތިލަވެސް ކޮށްފާނަމެވެ. ދާދިފަހުން މިއަވަށުގެ އެންމެ މުއްސަނދި މަހުޖަނުންގެ ތެރެއިން މަހުޖަނަކު ވަނީ ނިޔާވެފައެވެ. ތިބި 3 ދަރިންނަށް މުދައު ބެހީ އެއްވަރަކަށެވެ. މުދައު ބެހިތާ 5 އަހަރު ނުވަނީސް އެތަނުން އެއް ދަރި މިހާރު އެގެންދަނީ އޭނާއަށް ވާރުތަވީ ބިންތައް ވެސް ވިއްކަމުންނެވެ. ތަފްޞީލަށް ދާކަށް ނެތީމެވެ. އަވަށުގެ އެންމެންނަށް ކަމުގެ ހަޤީޤަތް ރަނގަޅަށް އެނގޭނެއެވެ.
ދެން ބަލައިލަންވީ އާންމު ދިރިއުޅުމަށެވެ. ގޭގޭގެ ދޮރުތަކުގައި ޓަކިޖަހައިގެން ނަމަވެސް ނިކަން ބަލައިބަލާށެވެ. އުފަލުގައި ދިރިއުޅެނީ މަހުޖަނުންތޯ ނުވަތަ އަޅުވެރިންތޯއެވެ.
މަހުޖަނުގެ ގެއަށް ވަންނައިރު ފެންނާނީ ބޮޑު ގޮނޑިއެއްގައި އިންނަ މަހުޖަނުގެ ނިތްކުރިން އޮއްދާ އޮހޮރޭތަނެވެ. އެއާކޮންޑިޝަން 16 ގައި ބަހައްޓާފައި ހުރި ނަމަވެސްމެއެވެ. ކީއްވެގެންހެއްޔެވެ؟ އެހުރިހާ ފައިސާތަކެއް ދެއްވެވުމުންވެސް އޭނާ ކުރަން ބޭނުންވާ ގިނަ ކަންތައްތަކެއް ނުކުރެވިގެން ކަންބޮޑުވެގެންނެވެ. ރާވައި ހިންގާ މަޝްރޫއުތަކުން ނެރެވޭނެ ކަމަށް ލަފާކޮށްފައި އޮންނަ އަދަދަށް ނަފާ ނުލިބޭތީއެވެ.
މާތް ﷲ ދެއްވެވި މިންވަރަށް އީމާންވެގެން ހުންނަ މީހާގެ ގެއަށް ވަދެބަލާށެވެ. އެއާކޮންޑިޝަނެއް ނުވެސް ހުރެދާނެއެވެ. ނަމަވެސް އޭނާ ހުންނާނީ ހަމަ ހަމަޖެހިލައިގެންނެވެ. ކުރަން ބޭނުން އެއްވެސް ކަމެއް ނުވެ ހުރެގެން އެކަމާއިމެދު ކަންބޮޑުވެގެނެއްވެސް ނުއުޅޭނެއެވެ. ލިބިފައި ހުރި ނިއުމަތްތައްތަކަށް ހުންނާނީ ފުދި ހިތް ފުރިގެންނެވެ.
އެއީ ކީއްވެގެން ހެއްޔެވެ؟ އޭނާ ކުރާ މަސައްކަތުން ހޯދާ ފައިސާގައި މާތް ﷲ ބަރަކާތް ލައްވަވާތީއެވެ. ބަރަކާތް ލައްވަވަނީ ކީއްވެގެން ހެއްޔެވެ؟ އެއީ އޭނާ އެދޭނީ ލިބޭ ފައިސާގެ އަދަދު އިތުރުވުމަކަށް ނޫނެވެ. އޭނާއަށް މާތް ﷲ ދެއްވަވާ މިންވަރުގައި މާތް ﷲ ބަރަކާތް ލެއްވެވުމަށެވެ.
ހަމައެކަނި ބަރަކާތް ލެއްވެވުމަށް އެދުމަކުންވެސް ނުފުދޭނެއެވެ. ލިބޭ އާމްދަނީއަކީ ޙަލާލު މަސައްކަތުން ލިބޭ އާމްދަނީއަށްވެސް ވާންޖެހޭނެއެވެ. ހަމަ އެއާއިއެކު އިސްރާފުކުރުމުން ސަލާމަތް ވެސް ވާންޖެހޭނެއެވެ.
ތަނަވަސް ދިރިއުޅުމަކަށް އެދޭނަމަ މިފަދަ އެތައް ކަމަކަށް އެބަ ވިސްނަން ޖެހެއެވެ. ފިރިމީހާއަށް ލިބޭ އާމްދަނީން ގޭތެރޭގެ ޚަރަދުތައް ހަމަޖައްސަނީ އަނބިމީހާއެވެ. ފިރިމީހާއަށް ލިބޭ އާމްދަނީ މަދުވުމުން އަރަންވީ ވަރިފަށަކަށް ނޫނެވެ. އަމަލުތައް އިޞްލާޙްކުރާށެވެ. ކަންކަން ތަރުތީބުކުރާށެވެ. މާތް ﷲ އާއި އިތުރަށް ކުއްތަންވުމަށް މަސައްކަތްކުރާށެވެ. ހުރިހާ ކަންކަން ވެސް ދާނީ ރަނގަޅުވަމުންނެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -