ގެންގުޅޭ ފޯނުގެ ސަބަބުން ކިތައް ހާސް އެތިފަހަރުން ތިބާ ތައުޒީރު ކުރަންޖެހިފައިވާކަން އެނގޭތަ؟- ތައުބާވުން އަވަސްކުރޭ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ގެންގުޅޭ ފޯނުގެ ސަބަބުން ކިތައް ހާސް އެތިފަހަރުން ތިބާ ތައުޒީރު ކުރަންޖެހިފައިވާކަން އެނގޭތަ؟- ތައުބާވުން އަވަސްކުރޭ!
މިސާލަކަށް މައިން ބަފައިންނަށް ނުވަތަ ޢާއިލީންނަށް ފޯނުކޮށް ޙާލު ބެލުމަކީ އަޅުކަމެކެވެ. ރައްޓެހި ރަހްމަތްތެރިންނަށާއި ނިކަމެތިންނަށްވެސް މެއެވެ. ނަމަވެސް ހިލޭ އަންހެނުންނަށާއި ފިރިހެނުންނަށް ފޯނުކޮށް ފާހިޝް ކަންކަމުގެ ވާހަކަ ދައްކައި ފޮޓޯތަކާއި ވީޑިއޯތައް ފޮނުވީމާ ހަމަ އެވަގުތުން ފެށިގެން ތިބާގެ މައްޗަށް ހައްދު ވާޖިބުވީއެވެ. އެތައް އެތިފަހަރަކުން ތައުޒިރުކުރަންޖެހުނީއެވެ.

މިއީ ހަމަ ވަރަށް ސީރިއަސް މައްސަލައެކެވެ. ފަނޑިޔާރަކާއި ހަމައަށް މައްސަލަ ނުދާތީ ޙުކުމް ނުކުރި ނަމަވެސް ފޮނުވާ ކޮންމެ ނޭދެވޭ ފޮޓޯއަކާއި ވީޑިއޯއަކުން ތިބާގެ މައްޗަށް ހައްދު ލާޒިމްވާނެއެވެ. ކްރިމިނަލް ކޯޓުގެ ފަނޑިޔާރަށް އެކަމުގެ މައުލޫމާތު ނުލިބޭތީ މިދުނިޔޭގައި ހައްދުތަކުން ސަލާމަތްވެވިދާނެއެވެ. ނަމަވެސް ބޮޑު ދުވަސް އޮތީ ކުރިއަށެވެ. މަލާއިކަތް ބޭކަލުން އެގެންދަވަނީ ބަރާބަރަށް ތިބާގެ ފަތުގައި ލިޔުއްވަމުންނެވެ. ހުރިހާ ހައްދުތަކެއް އެއްފަހަރާ ތިބާގެ މައްޗަށް އަންނާނެ ދުވަހުގެ ބިރުވެރިކަން މާބޮޑެވެ. މި ބުނަނީ ޤިޔާމަތް ދުވަހުގެ ވާހަކައެވެ.

މިހާރު އެކަންކަން ކޮށްފައި ފޯނުން ޑިިލީޓްކުރެވިދާނެއެވެ. ފޯން ފޯމެޓްވެސް ކުރެވިދާނެއެވެ. އެދުވަހު އެކަމުގެ ފުރިހަމަ ކޮންޓްރޯލް އޮންނާނީ މާތް ﷲ ގެ ހަޟްރަތުގައެވެ. ތިބާއަށް މިދުނިޔޭގައި ތިބާގެ ފޯނުން ޑިލީޓް ކުރެވުނު ނަމަވެސް އެދުވަހު ތިބާގެ ފަތުން ހަމަ އެންމެ ތިއްކެއްވެސް ޑިލީޓް ކުރުމަކީ ތިބާއަށް ކުރެވޭނެ ކަމެއް ނޫނެވެ.

މީސްތަކުންގެ ދިރިއުޅުމުގެ ގިނަ ކަންތައްތަކެއް މިހާރު ގުޅިފައިވަނީ އަބަދުވެސް އަތުގައި ގެންގުޅޭ ފޯނާއިއެވެ. ފޯނު ފޯނަކަށް މިވަނީ އިންޓެރނެޓާއި ގުޅުމުންނެވެ. އެ ނެޓަށް ފިތުނަ ނެޓޭ ވެސް ކިޔައެވެ. އަދި ޝައިޠާނާގެ ނެޓޭ ވެސް ކިޔައެވެ. މަސައްކަތްކުރަންވީ އެ ނެޓަކީ މާތް ﷲ ގެ ނެޓަކަށް ހެދުމަށެވެ.

ފިތުނަ ނެޓެވެ ކިޔަނީ މީސްތަކުންގެ މެދުގައި ފިތުނަ އުފައްދާތީއެވެ. ޝައިޠާނާ ނުވަތަ އިބިލީހުގެ ނެޓެވެ ކިޔަނީ ޝައިޠާނާ ކުރާ މަސައްކަތްތައް އެ ނެޓު ބޭނުންކޮށްގެން އިންސާނުން ކުރާތީއެވެ.

ހަމަ އެ ނެޓަކީ މާތް ﷲ ގެ ދީން މަތިވެރިކުރާ އެއްޗަކަށްވެސް ހެދިދާނެއެވެ. ހަމަ އެނެޓު ބޭނުންކޮށްގެން ސުވަރުގެއިން މަތީ ދަރަޖަތައްވެސް ހޯދިދާނެއެވެ.

ތިބާއަކީ ފާޑުފާޑުގެ މެސެޖުތައް ފަތުރާ މީހެއް ކަމަށްވާނަމަ ފާޑުފާޑުގެ މެސެޖުތައް ފެތުރުން މިހާރުންސުރެ އަވަހަށް ހުއްޓައިލާށެވެ. އިސްލާމް ދީން މަތިވެރިކުރުމުގެ މެސެޖުތައް ފޮނުވަން ފަށާށެވެ. އެއިން އެންމެ މެސެޖެއްގެ ސަބަބުން ހަމަ އެންމެ މީހަކަށް ނަމަވެސް މާތް ﷲ އާއި އިތުރަށް ކައިރިވުމަށް މަގުފަހިވެއްޖެނަމަ އެކުރެވުނީ ހާދަ މަތިވެރިކަމެވެ. ހާދަހާ ގިނަ ސަވާބުތައް އެކަމުން ލިބިގެންދާނެއެވެ.

ފޯނާއި އިންޓަރނެޓް ހަމަ ބޭނުންކުރަންވީއެވެ. ޔަޤީން ކުރަންޖެހޭނީ ތިމާ މިކުރަނީ މާތް ﷲ ހުއްދަ ކުރެއްވެވި ކަންކަން ކަމެވެ. ފޯނުގެ ބޭނުން މިކުރަނީ މާތް ﷲ ހުއްދަ ކުރެއްވެވި ކަންކަން ކުރުމަށް ކަމެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން