ފަހަކަށް އައިސް ރާއްޖޭގައި ރަމަޟާން މަސްވެފައި އޮންނަނީ ކުޅިވަރު ޢީދަކަށެވެ. އޮފީސްތަކުގެ ކުޅިވަރު މުބާރާތްތަކާއި ތަފާތު ކުޅިވަރު މުބާރާތްތަކުގެ ޢީދަކަށެވެ.
އަޅުގަނޑުމެން ފަޚުރުވެރިވެލާފައި ބުނަނީ މިއީ ސައްތައިން ސައްތަ މުސްލިމުންގެ ރާއްޖެ ކަމަށެވެ. ރާއްޖެ ދެމި އޮންނަން ޖެހޭނީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ކަމަށެވެ. ނަމަވެސް ރަމަޟާން މަހު ކުރުމަށް މާތް ﷲ އަންގަވާފައިވާ އަޅުކަން މާތް ﷲ އަންގަވާފައިވާ ގޮތުގައި ކުރާ މީހުންގެ، ޚާއްޞަކޮށް ޒުވާނުންގެ އަދަދާއި ކުޅިވަރުތަކުގައި އުޅޭ މީހުންނާއި ޒުވާނުންގެ އަދަދަށް ބެލުމުން ފެންނަނީ ހަމަ އެމަންޒަރުބާވައެވެ!
މާތްﷲ އެންގެވި ގޮތުގައި ރޭ އަޅުކަންކޮށް ޤްރްއާން ކިޔަވައި އުޅޭ މީހުންވެސް އެބަތިއްބެވެ. އެއީ ޝައްކެއް އޮތް ކަމެއް ނޫނެވެ. ހަމައެއާއިއެކު ސަރުކާރުން ޝައިޠާނާގެ ހަނދާނުގައި ބާއްވާ ނާޗަރަންގީ ޝޯތަކަށް ގޮސްއުޅޭ މީހުންނާއި ޓީވީއިން ބަލާ މީހުންގެ އަދަދަށް ބެލުމުން ދެ އަދަދުގެ ތަފާތު ފެނެއެވެ.
ރަމަޟާން މަސް ފެށުމާއިއެކު ބައެއް އޮފިސްތަކުގެ ރަސްމީ މަސައްކަތަކަށްވެފައި އޮންނަނީ އެރޭ ކުޅޭ މެޗަށް ތައްޔާރުވުމެވެ. ކުޅުންތެރިން ކުޅެން ތައްޔާރުވަމުން ގެންދާއިރު ދެން ތިބި މުވައްޒިފުންގެ މަސައްކަތަކަށްވެފައި އޮންނަނީ އޮފީސް ޓީމަށް ސަޕޯޓް ކުރަން ތައްޔާރުވުމެވެ.
އަނބި ދަރިން ގޮވައިގެން ގޭގައި އިނދެ ރަމަޟާން މަސް އިޙްޔާ ކުރުމުގެ ބަދަލުގައި މައިން ބަފައިން ދަރިންކޮޅު ދޫކޮށްލާފައި އައިސް ތިބެނީ ސްޓޭޑިއަމް ފަދަ ތަންތަނަކު ނޫންތޯއެވެ؟ އެތަންތަނުގައި އެ ކުރާ ކަމަކީ ރަމަޟާން މަހުގެ ރޭތައް އިޙްޔާ ކުރުން ކަމަށްވާނަމަ ރާއްޖޭގެ ސައްތައިން ސައްތަ އިސްލާމް ކަމާއިމެދު ހަމަ ފަޚުރުވެރިވާންވީއެވެ.
ރަމަޟާން މަސް އައުމުން މުސްލިމުން ކުރަން މާތް ﷲ އެންގެވި ކަންކަމުގެ ތެރޭގައި ނާޗަރަންގީ ޝޯތައް ބޭއްވުމާއި ބަނޑުމުސާރައަށް ބެއްދުމާއި ވައު ދެމުމާއި އީދުގައި ބާއްވާ ބަނޑު މުސާރައަށް ބެއްދުމުގެ މުބާރާތަށް ފަރިތަކުރުމާއި ކުޅިވަރު މުބާރާތްތައް ބޭއްވުމާއި އެކަންކަމުގައި ވަގުތު ހޭދަކުރުން ހިމެނޭކަމަށް އެއްވެސް ދީނީ އިލްމުވެރިއަކު ވިދާޅުވާ އަޑު އިވިފައެއް ނެތެވެ. އަދި އިސްލާމީ ސިޔަރަތުން ވެސް މިފަދަ އެއްވެސް ކަމެއް ފެންނާކަށް ނެތެވެ.
އެހެންކަމަށްވާއިރު "ސައްތައިން ސައްތަ މުސްލިމްކަން ދިރުވައި އާލާކުރަން" ރާއްޖޭގައި ސަރުކާރާއި ކުންފުނިތަކުން މިހިންގާ ކަންކަން ހިމެނޭނީ ކޮން ކެޓަގަރީއެއްގައިކަމާއިމެދު ސުވާލު އުފެދެއެވެ. އަދި މިކަންކަން މަނާކުރަން ކުރެވެނީ ކޮން ކަމެއް ކަމާއިމެދުވެސް ސުވާލު އުފެދެއެވެ.
އައްޝައިޚް މުޙައްމަދު މަންޞޫރު ރޭ ބަންޑާރަ މިސްކިތުގައި ދެއްވި ދަރުސަކުން:
މުޖުތަމައުގައި މުންކަރާތްތައް ހިންގާނަމަ އެއީ އަހަރެމެންނާއި ބެހޭ ކަމެއް ނޫން ކަމަށް ބުނެ އަތްއުރާލައިގެން ތިބުމެއް ނެތެވެ. މުސްލިމުންނަކީ އެގޮތަށް ތިބެވޭނެ ބައެއް ނޫނެވެ. ޖެހޭނީ އެކަމެއް ހުއްޓުވަން ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރާށެވެ.
އެހެން ނޫންނަމަ މާތް ﷲ ގެ މުޞީބާތްތައް އެންމެންގެ މައްޗަށް އަންނާނެއެވެ.
މުންކަރާތްތައް މަނާކުރުމުގެ ވާހަކަ ދެއްކީމާ ބައެއް މީހުން އެކަމަށް ނަފްރަތުކުރާނެއެވެ. ޝައިޚުން ނުބެހޭ ކަމެއް ނުއޮންނަ ކަމަށް ބުނާނެއެވެ. ބެހުނު ނަމަވެސް ތިމަންނަމެން އުޅޭނީ ތިމަންނަމެން ބޭނުން ގޮތަކަށް ކަމަށް ވެސް ބުނާނެއެވެ. އެފަދަ ބަސްތައް ބުނި ނަމަވެސް ޙައްޤު ބަސް ބުނުމަކީ ދީނީ އިލްމުވެރިންނަށް ކުރަންޖެހޭ ކަމެކެވެ. އެއީ މާތް ﷲ ދީނީ އިލްމުވެރިންނާއި ހަވާލުކުރައްވަވާފައިވާ މަސްއޫލިއްޔަތެކެވެ.
ކީރިތި ޤްރްއާނުގެ އާޔަތްތަކުން މިކަން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. ވީމާ ޙައްޤު ބަސް ބުނެ މުންކަރާތްތައް މަނާކުރުންމަތީގައި ދެމިތިބެންޖެހެއެވެ.