މަނާ އެންމެ އެއްޗެއް ފަރިއްކުޅުއްވެވުމުން އުޑުން ބިމަށް - އަހަރެމެން އަބަދު ކާއިރު ފައިބަންޖެހޭނީ ނަރަކައިގެ ކިހާ އަޑިއަށްތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
މަނާ އެންމެ އެއްޗެއް ފަރިއްކުޅުއްވެވުމުން އުޑުން ބިމަށް -  އަހަރެމެން އަބަދު ކާއިރު ފައިބަންޖެހޭނީ ނަރަކައިގެ ކިހާ އަޑިއަށްތަ؟
އާދަމްގެފާނު ހުންނެވީ ފުރިހަމަ ސުވަރުގޭގައި ކަމަކަށް ނުބުނާނަމެވެ. އެހެނީ ފުރިހަމަ ސުވަރުގޭގައި އެއްވެސް މީހަކަށް އެއްވެސް ކަމެއް މަނާކުރެވިގެނެއް ނުވެއެވެ. ހިތް އެދޭހައި ކަމެއް ހަމަ ކުރަންވީއެވެ. އެހެންވީމާ އަހަރެން ބުނާނީ އާދަމްގެފާނު އުފައްދަވައި އަދި ހައްވާގެފާނާއިއެކު މާތް ﷲ ބަހައްޓަވާފައިވަނީ ސުވަރުގޭގެ ބަގީޗާއެއްގައި ކަމަށެވެ.

ކޮންމެއަކަސް އެހުންނެވި ތަނަކުން އާދަމްގެފާނަށް ބިމަށް ފައިބާވަޑައިގަންނަވަން ޖެހިވަޑައިގަތީ މަނާ އެންމެ އެއްޗެއް ފަރިއްކުޅުއްވިގެންނެވެ. މިކަމަކީ ފުންކޮށް ވިސްނައިލުން ހަމަ އެންމެ ރަނގަޅު ކަމެކެވެ.

އަހަރެންނަށް ޤަބޫލުކުރެވޭ ގޮތުގައި މިކަމުންވެސް މާތް ﷲ މީސްތަކުންނަށް އަންގަވައިދެއްވަވަނީ މާތް ﷲ މަނާ ކުރެއްވެވި ތަކެތި ކައިބޮއިހަދާނަމަ އެމީހަކަށް ދެއްވަވާނެ އަޒާބުގެ ގަދަފަދަކަމެވެ. ކުރިމަތިކުރައްވަވާނެ މުޞީބާތްތަކެވެ. ޚިޔާލު ތަފާތުވެދާނެއެވެ. މިއީ އަހަރެންގެ ވިސްނުމެވެ.

ދެން ބަލައިލަންވީ މިއަދުގެ ޙާލަތަށެވެ. މިއަދު މިފެންނަނީ މާތް ﷲ ޙަރާމްކުރެއްވެވި ތަކެތި އަބަދު ކައި ބޮއި ހަދާތަނެވެ. އެހެން ކަމަށްވާއިރު އެކަންކަން ކުރާ މީހުންނަށް ޤިޔާމަތް ދުވަހުން ފައިބަންޖެހޭނީ ނަރަކައިގެ ކިހާ އަޑިއަކަށް ހެއްޔެވެ؟

ކަން އޮތީ މިގޮތަށް ނަމަވެސް މިއިން އެއްވެސް ކަމަކަށް ވިސްނާ މީހުން ދަނީ މަދުވަމުންނެވެ. މާތް ﷲ ހަރާމް ކުރެއްެވެވި ތަކެތި ކައި ބޮއި ހަދަނީއެވެ. މިހެން ބުނުމުން ބައެއް މީހުންނަށް ހީވަނީ އެދައްކަނީ ބަނގުރަލާއި އޫރުމަހުގެ ވާހަކަ އެކަނި ކަމަށެވެ.

އެއީ ރަނގަޅު ވިސްނުމެއް ނޫނެވެ. މާތް ﷲ ހުއްދަ ކުރެއްވެވި ގޮތްތަކަށް ނޫން ގޮތްގޮތަށް ހޯދާ ކޮންމެ އެއްޗަކީ ޙަރާމް އެއްޗެކެވެ. ވައްކަމާއި މަކަރާ ހީލާތާއި ރިޝްވަތާއި ހުއްދަ ނޫން ވިޔަފާރިތަކާއި މިފަދަ ކޮންމެ ގޮތަކުން ހޯދި ނަމަވެސް އެއީ ހަމަ ހުއްދަ ނޫން ތަކެއްޗެވެ. މާތް ﷲ ޙަރާމްކުރެއްވެވި ކަންކަން ކޮށްގެން ހޯދާ ތަކެއްޗަކީ ވެސް ހަމަ ހަރާމް ތަކެއްޗެވެ.

ވަރަށް ރީތި ނަންތައް ކިޔައިފާނެއެވެ. މަސާޖް ޕާލަރ ފަދައެވެ. ބަނގުރާ ބޯންދޭ މީހާއަށް ވައިން ސްޓްވާޑް ކިޔައިފާނެއެވެ. ނޫނީ ބަޓްލަރ ވެސް ކިޔައިފާނެއެވެ. ރިބާ ހޯދާ މީހާ ނުކިޔައި ބޭންކް އޮފިޝަލް ކިޔައިފާނެއެވެ. ބައްލަވާ! ޙަރާމްވެގެން މިއުޅެނީ ކިޔާ ނަމެއް ނޫނެވެ. ކުރާ މަސައްކަތެވެ. އާމްދަނީ ހޯދާ ގޮތެވެ. މުދައު ހޯދާ ގޮތެވެ. މާތް ﷲ އަޒާބު ދެއްވަވަނީ ކުރާ އަމަލަށެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން