ރޭންޖާސްގެ ކޯޗުގެ މަޤާމަށް ޖެރާޑް ހަވާލުވެއްޖެ

ކިޔުމަށް ހޭދަވާނީ 1މ 9ސ
ރޭންޖާސްގެ ކޯޗުގެ މަޤާމަށް ޖެރާޑް ހަވާލުވެއްޖެ


ސްކޮޓްލޭންޑްގެ ފުރަތަމަ ޑިވިޝަންގައި ކުޅެމުން އަންނަ ރޭންޖާސްގެ ކޯޗުކަމަށް ފުޓުބޯޅަ ލެޖެންޑު ސްޓީވަން ޖެރާޑް ހަވާލުވެއްޖެއެވެ.

އަންނަ ސީޒަން ފެށިގެން ރޭންޖާސްގެ ކޯޗުކަމަށް ޖެރާޑް ހަމަޖެއްސިކަން އިއްޔެ ރަސްމީކޮށް އިއުލާންކުރިއިރު، އެ ކްލަބާއެކު އޭނާ ސޮއިކޮށްފައިވަނީ ހަތަރު އަހަރު ދުވަހުގެ އެއްބަސްވުމެއްގައެވެ. މި ސީޒަން ފެށިގެން އައިއިރު ޖެރާޑު ހުރީ ލިވަޕޫލްގެ ޔޫތު އެކެޑަމީގެ ކޯޗުކަމުގެ މަޤާމުގައެވެ.

ގިނަ ދުވަސްތަކެއް ވަންދެން އިނގިރޭސި ޤައުމީ ޓީމާއި ލިވަޕޫލްގެ ކެޕްޓަން ބޭންޑް އެޅި ޖެރާޑް ވަނީ ކްލަބް ފުޓުބޯޅައިގައި ލިވަޕޫލާއެކު ނުވަ ތަށްޓެއް ކާމިޔާބުކޮށްފައެވެ. އެހެން ނަމަވެސް އިނގިރޭސި ޤައުމީ ޓީމާއެކު ޖެރާޑަށް އެއްވެސް މުބާރާތެއް ކާމިޔާބުކުރެވިފައެއް ނެތެވެ. ލިވަޕޫލަށް 710 މެޗު ކުޅެ، އިނގިރޭސި ޤައުމީ ޓީމަށް 114 މެޗު ކުޅެދީފައިވާ ޖެރާޑު ރިޓަޔާވީ އެމެރިކާގެ މޭޖާ ލީގު ސޮކާގެ އެލްއޭ ގެލެކްސީއަށް ކުޅެދިނުމަށްފަހުގައެވެ.

ރޭންޖާސްއަށް ސްކޮޓްލޭންޑް ފުރަތަމަ ޑިވިޝަން ލީގުގައި ބާކީ ތިން މެޗު އޮތްއިރު، އެ ޓީމު އޮތީ ލީގު ތާވަލުގެ ތިންވަނައިގައެވެ. ސްކޮޓްލޭންޑް ފުރަތަމަ ޑިވިޝަން ލީގުގެ ޗެމްޕިއަން ޓީމަށް ޔޫއެފާ ޗެމްޕިއަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބޭއިރު، ލީގުގެ ދެވަނައާއި ތިންވަނަ ޓީމަށް ޔޫއެފާ ޔޫރޮޕާ ލީގުގައި ވާދަކުރުމުގެ ފުރުސަތު ލިބެއެވެ.
މިއަދު އޮންލައިން