ރާއްޖޭގައި ޢާންމުވަމުން އަންނަ ފާހިޝް އަމަލުތައް ކުރުން ހުއްޓުވުމަށް އައްޝައިޚް ޢަލީ ރިޟާ ގޮވާލައްވައިފިއެވެ.
ޝައިޚް ޢަލީ ރިޟާ މިކަމަށް ގޮވާލެއްވީ އިއްޔެގެ ޢަޞްރު ނަމާދަށްފަހު ވިޔަފާރިވެރިންގެ މިސްކިތުގައި ދަރުސް ދެއްވަމުންނެވެ.
ޝައިޚް ޢަލީ ރިޟާ ވިދާޅުވީ ހަށިވިއްކުން ރާއްޖޭގައި ވެސް މިހާރު ވަނީ ޢާންމު ކަމަކަށްވެފައި ކަމަށެވެ. ޒިނޭ ކުރުމަކީ ފާފައެއް ކަމަށް ޤަބޫލު ވެސް ނުކުރާ ހިސާބަށް ބައެއް މީހުންގެ އަމަލުތައް ގޮސްފައިވާ ކަމަށެވެ.
ޝައިޚް ޢަލީ ރިޟާ ވިދާޅުވީ ޒިނޭކުރުމާއި ފާހިޝް އަމަލުތައް ކުރާ މީހުންނަށް ކައްވަޅުގައިވެސް އަދި ޤިޔާމަތްވުމުން ނަރަކައިގައި ވެސް ހޫނު ގަދަ އަލިފާނުގެ އަޒާބު ލިބިލިބި ހުންނާނެކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ބަޔާންކޮށްދެއްވަވާފައިވާ ކަމަށެވެ. ޒިނޭ ކުރުމާއި ފާހިޝް ޢަމަލުތައް ކުރުމަކީ އެންމެ ބޮޑު ފާފައިގެ ތެރޭގައި ހިމެނޭ ކަންކަން ކަމަށާއި ބޮޑެތި ފާފަތައް ކުރާ މީހުންނަށް ކައްވަޅުގައި ލިބޭ އަޒާބު، ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ހުވަފެންފުޅުގައި މާތްﷲ ދެއްކެވި އިރުވެސް ޒިނޭކުރާ، ފާހިޝް އަމަލުތައް ކުރާ މީހުންނަށް ހޫނު ގަދަ އަލިފާނުން އަޒާބު ދެއްވަމުން ގެންދަވާތަން ދައްކަވާފައިވާ ކަމަށެވެ.
ޝައިޚް ޢަލީ ރިޟާ ވިދާޅުވީ މިފަދަ ބޮޑެތި ފާފަތަކަށް ދަރިން އަރައިގަންނަމުންދާއިރު އެކަން ހުއްޓުވައި އެކަންކަމުން ދަރިން ސަލާމަތްކުރަން މައިން ބައިފައިންނަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ވެސް ކުރަންޖެހޭނެ ކަމަށެވެ.