"ރަމަޟާން މަސް އެމީހަކާއި ބައްދަލުކޮށް އެމީހާގެ ފާތައް ނުފޮހެވުނު މީހާއަށް ހަލާކު ހުއްޓެވެ!" މިއީ ޖިބްރީލްގެފާނު ކުރެއްެވެވި ދުޢާއެކެވެ. މިދުޢާއަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ އާމީން ވިދާޅުވެފައެވެ. ވީމާ ޖިބްރީލްގެފާނުގެ މިދުޢާގައި ހިމެނުނު މީހުންގެ ތެރެއިން ނުވާށެވެ. އެކަމަށް ގަދައަޅައި މަސައްކަތްކުރާށެވެ.
މިއީ މާތްﷲ އިޖާބަ ކުރައްވަވާފައިވާ ދުޢާއެއްކަން ޔަޤީނެވެ. ދުޢާ ކުރެއްވެވީ ވަޙީގެ މަލާއިކަތާ ޖިބްރީލްގެފާނެވެ. އެ ދުޢާ އިޖާބަކުރެއްވެވުން އެދިވަޑައިގެން އާމީން ވިދާޅުވެ ދުޢާ ކުރެއްވެވީ މީސްތަކުންގެ ތެރެއިން އެންމެ މާތްކުރެއްވެވި އިތުރު މާތް ނަބިއްޔާ (ޞޢވ)އެވެ.
ކަންމިހެން އޮތްއިރު އެފަދަ މާތްކަން ލިބިގެންވާ ރަމަޟާން މަހުގެ ދުވަސްތައް މާތްﷲ ނަހީ ކުރެއްވެވި ކަންކަމުގައި ހޭދަކުރި މީހުންނަށް ހުރި ހަލާކުގެ ބޮޑުކަމާއިއެވެ! "ކޮބައިތޯ އެމީހުންނަށް ހުރި ހަލާކުގެ ބޮޑުކަން!"
ނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު ރަމަޟާން މަސް ދެކެނީ ކުޅިވަރުކުޅުމާއި މަޖާ ކުރުމުގެ މައްސަރެއްގެ ގޮތުގައެވެ. އެމީހުން ތައްޔާރުވަނީ ރަމަޟާން މަސް އައުމުން ކުޅިވަރުތައް ކުޅުމަށާއި މުނިފޫހި ފިލުވުމުގެ ޙަރަކާތްތައް ހިންގުމަށެވެ.
މާތްﷲ ރަމަޟާން މަސް މާތް ކުރެއްވެވީ އެ މައްސަރުގައި ކުޅިވަރުކުޅެ ސަކަރާތް ޖެހުމަކަށް ނޫނެވެ. އެ މައްސަރުގެ ޙުރުމަތް ނަގާލައި އެ މައްސަރުގެ ދުވަސްތައް ﷲއަށް އުރެދުމުގައި ހޭދަކުރާކަށް ނޫނެވެ. މާތްﷲ އުރެދުމުގެ ތެރެއަށް ލައްވަވާފައިވާ ކަންތައްތައް ރާވައި ހިންގާކަށްވެސް ނޫނެވެ.
ރަމަޟާން މަސް ނިމުމުން ޖެހިގެން އަންނަ 6 މަސް ދުވަހު ޞަހާބީން ދުޢާ ކުރެއްވެވީ އެމީހުން ހިފި ރޯދަ މާތްﷲ ޤަބޫލުފުޅުކުރައްވަވާތޯއެވެ. ދެން ޖެހިގެން އަންނަ 6 މަސް ދުވަހު ދުޢާ ކުރައްވަވަނީ އަންނަ އަަހަރުގެ ރަމަޟާން މަހު ރޯދަ ހިއްޕެވުމަށްޓަކައި ދުނިޔޭގައި ބައިތިއްވައި ދެއްވަވާތޯއެވެ! ތައްޔާރުވެވަޑައިގަންނަވަނީ އަންނަ ރޯދަ މަހު ވީހައި ގިނަ އަޅުކަންތައް ކުރެވުމަށެވެ.
މާތްﷲ ރަމަޟާން މަހަކީ ކީރިތި ޤްރްއާން ބާވައިލެއްވެވި މައްސަރުަކަމަށް ވުމުން އަޅުގަނޑުމެންނަކީ ހެޔޮ ވިސްނޭ ބައެއް ނަމަ އެ މައްސަރުގެ ބޭނުން ހިފަންޖެހޭނީ ކީރިތި ޤްރްއާން ކިޔަވައި ކީރިތި ޤްރްއާނަށް އަމަލުކުރުމަށް ކަމަށެވެ. ވީހައި ގިނައިން އަޅުކަން ކުރުމުގެ މައްސަރުގެ ގޮތުގައި ކަމަށެވެ.
(ޝައިޚް މުޙައްމަދު ސިނާން ރޭ ދެއްވެވި ދަރުސަކުން)