ރޯދަ ހިފުމުގެ މުބާރާތުގެ ތަށި ﷲ ގެ ހަޟްރަތުން ލިބިގަންނަން ތައްޔާރުތަ؟: ޑރ. ޒާކިރް ނައިކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 12ސ
ރޯދަ ހިފުމުގެ މުބާރާތުގެ ތަށި ﷲ ގެ ހަޟްރަތުން ލިބިގަންނަން ތައްޔާރުތަ؟: ޑރ. ޒާކިރް ނައިކް
ރަމަޟާން މަހުގެ ރޯދަ ހިފުމަށް ނިޔަތް ގަތުމަކީ ރަމަޟާން މަހަށް ހަނދުބެލުމުން ކުރަންޖެހޭ ކަމެއް ނޫނެވެ. އެއީ އެއިގެ މާކުރިން ކުރަންޖެހޭ ކަމެކެވެ. މިބުނާ ބަހުގެ މާނައަކީ ރޯދަ، ރޯދައިގެ ގޮތުގައި ހިފަން ބޭނުންވާ މީހާ އެކަމަށް ނިޔަތް ގަނެ ރަމަޟާން މަސް އައުމުގެ މާކުރިންސުރެ އެކަމަށް މަސައްކަތްކުރަންޖެހޭނެ ވާހަކައެވެ. ރަމަޟާން މަސް ގާތްވަމުން އަންނަ ވަރަކަށް އެ މަސައްކަތްތައް އިތުރުކުރަންޖެހޭނެ ވާހަކައެވެ.

ރަމަޟާން މަހަކީވެސް މުބާރާތެކެވެ. އެއީ ރޯދަ ހިފުމުގެ މުބާރާތެވެ. މަހުގެ ހުރިހާ ރޯދަތަކެއް މާތް ﷲ އެންގެވި ގޮތުގައި ހިފުމުގެ މުބާރާތެކެވެ. ވީހައި ގިނަ ހެޔޮ އަމަލްތައް ކުރުމުގެ މުބާރާތެކެވެ. އެ މުބާރާތް ފެށެނީ ރަމަޟާން މަހުގެ ހަނދު ފެނުމުންނެވެ. ނިމެނީ ޝައްވާލު މަސް އައުމުންނެވެ. އެހެން ކަމުން މިއީ 29 ނުވަތަ 30 ދުވަހަށް ދިގުދެމިގެންދާ މުބާރާތެކެވެ.

ރަމަޟާން މަހުގެ ހަނދު ފެނުމާއިއެކު އޮތީ އެމަހުގެ ފުރަތަމަ ރޯދަ ހިފުމަށް ނިޔަތް ގަތުމެވެ. ނިޔަތް ގަތުން ކޮންމެހެން ފަސްކުރާކަށްވެސް ނުޖެހެއެވެ. ކިތަންމެ ކުރިން ނިޔަތް ގަތް ނަމަވެސް ރޭގަނޑުގެ ކެއުން ހުއްދަ ކޮންމެ ވަގުތަކުވެސް ކައިބޮއި ހެދިދާނެއެވެ. ކެއިން ބުއިން ހުއްޓާލަންޖެހޭ ވަގުތު ޖެހުމުން އަވަހަށް ހުއްޓާލަންވީއެވެ. ފުރަތަމަ ރޯދައަށް މިފެށެނީ އެހިސާބުންނެވެ. ނަމަވެސް ރޯދަ ހިފުމުގެ މުބާރާތް ވަނީ ހަނދުފެނުމާއިއެކު އެރޭގެ އިރާކޮޅު ފެށިފައެވެ.

މުބަރާތުގެ ފުރަތަމަ ޙަރަކާތަކީ އެރޭގެ ތަރާވީސް ނަމާދެވެ. ދެން އޮތީ އެމީހަކަށް ކުޅަދާނަވީ މިންވަރަކުން ޤްރްއާން ކިޔެވުމާއި އެނޫންވެސް އަޅުކަންތައް ކުރުމެވެ. އެއިގެ ފަހަތުން އަންނަނީ ދަމުނަމާދެވެ. އެހެންވީމާ އެރޭގެ ރޯދައަށް ފެށުމުގެކުރިން މުބާރާތުގެ ގިނަ ޙަރަކާތްތަކެއް މިއޮންނަނީ ހިންގައި ނިމިފައެވެ.

ދުނިޔޭގެ މުބާރާތެއްގައި ބައިވެރިވާއިރުވެސް މެޗް ފެށޭނީ ރެފްރީގެ ކަށިގަނޑުގެ އަޑާއިއެކު ނަމަވެސް ފުރަތަމަ ވަނީ މުބާރާތަށް ތައްޔާރު ނޫންހެއްޔެވެ؟ ކުރިއާލައި ޕްރެކްޓިސްތައްކޮށް ވޯމްއަޕްވެސް ކުރަމު ނޫންހެއްޔެވެ؟ ރޯދަ ހިފުމަކީވެސް ހަމަ އެފަދައިން ތައްޔާރުވާންޖެހޭ ކަމެކެވެ. ފަށަމުން މިބުނެދިނީ އެކަމުގެ ވާހަކައެވެ.

ރޯދަ ހިފުމުގެ މުބާރާތަށް ފަރިތަކުރާއިރު ދެކަމަކަށް ޚާއްޞަ ސަމާލުކަމެއް ދޭންޖެހެއެވެ. ފުރަތަމަ ކަމަކީ ދުލުގެ ބޭނުން ހެޔޮ ގޮތުގައި ހިފުމެވެ. ދައްކަން ނުޖެހޭ ބޭކާރު ވާހަކަތައް ދައްކައި އުޅޭ މީހުންގެ ރޯދަ، އޮންނާނީ ރޯދައަކަށް ނުވެފައެވެ. ހަމަ އެއާއިއެކު ރޯދަ ރޯދައަކަށްވާނީ ކީރިތި ޤްރްއާން ކިޔަވައި ޛިކުރުކޮށް ދުލުން ހެޔޮ ބަސްތައް ބުނެ ހެދުމުންނެވެ.

ދެން އޮތީ އަތުގެ ދައުރެވެ. އަތުން ނުބައި އަމަލުތައް ކުރަމުން ހިފާ ރޯދަ، ރޯދައަކަށް ނުވާނެއެވެ. ރޯދަ ރޯދައަކަށްވާނީ އަތުން ހެޔޮ އަމަލުތައް ކުރުމުންނެވެ.

މިދެކަންތައް ޔަޤީންކޮށްދޭ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ގެ ޙަދީޘްފުޅެއް އެބައޮތެވެ. އެ ޙަދީޘްފުޅުގައި ވަނީ ދުލާއި އަތް ސަލާމަތް ނުކުރެވޭ މީހާ ރޯދަ ހިފުމުގެ ނަމުގައި ނުކައި ނުބޮއި ހުރުމުގެ އެއްވެސް ބޭނުމެއް ނެތް ކަމަށެވެ. އެކަމުން އެމީހަކަށް ކުރާނެ އެއްވެސް ފައިދާއެއް ނެތް ކަމަށެވެ. ރޯދަ ހިފަން ފަރިތަކުރަންޖެހޭނެ ކަމަށް މިބުނަނީ މިކަންކަމަށް ތިމާގެ އަމަލުތައް ހާނުވަންޖެހޭނެތީއެވެ.

ރޯދަ ހިފުމުގެ މުބާރާތަށް ފަރިތަކުރަންޖެހޭ ސަބަބާއި މުބާރާތް ކާމިޔާބުކުރާ މީހުންނަށް މާތް ﷲ ދެއްވަވާ އެވޯޑްވެސް އިތުރު މާތް ނަބިއްޔާ (ޞޢވ)ގެ ޙަދީޘްފުޅުން ފެނި އެނގެން އެބައޮތެވެ. "މާތް ﷲ އެންގެވި ގޮތުގައި ރަމަޟާން މަހުގެ ރޯދަ ހިފައިފި މީހާގެ އިސްވެ ގޮސްފައިވާ ފާފަތައް މާތް ﷲ ފުއްސަވައި ދެއްވަވާނެ" ކަމެވެ. މިއަށްވުރެ އަގު ބޮޑު އެވޯޑަކީ ކޮބައިހެއްޔެވެ؟

ދެން ބަލަންވީ މިއެވޯޑް ހަވާލުކުރައްވަނީ ކޮން ފަރާތަކުންތޯއެވެ! އެކަން ވެސް ހަމަ އިތުރު މާތް ނަބިއްޔާގެ ޙަދީޘްފުޅުން އެނގެން އެބައޮތެވެ. "އާދަމްގެ ދަރިން ކުރާ ހުރިހާ އަމަލުތަކެއް ވަނީ އެމީހުންނަށެވެ. ރޯދަ ފިޔަވައެވެ. ރޯދަ ވަނީ ތިމަން ﷲ އަށެވެ. ރޯދައަށް ޖަޒާ (އެވޯޑް) ދެއްވަވާހުށީ ތިމަން ﷲ އެވެ." ވީމާ ރޯދަ ހިފަންޖެހޭ ގޮތަށް ރޯދަ ހިފުމުން އެވޯޑް ޙަވާލުކުރައްވަވާނެ ފަރާތްވެސް އެއޮތީ ވަރަށް ސާފުކޮށް އެނގޭށެވެ.

- ޑރ. ޒާކިރު ނައިކް/ އިސްލާމީ ތިލަފަތުގެ ދަރުސެއް
މިއަދު އޮންލައިން