ރަމަޟާންމަހު ﷲ ނަހީ ކުރައްވަވާފައިވާ ކަންކަން ކުރަނީ ﷲއަށް ބިރުވެތިކަމެއް، ތަޤްވާވެރިކަމެއް ހިތުގަ ނެތުމުން!: ޝައިޚް ސިނާން
ރަމަޟާން މަހަކީ އެންމެ ބަރަކާތްތެރި މައްސަރެވެ. އެންމެ ގިނަ ބައަކަށް މަންފާ ހޯދެން އޮތް މައްސަރެވެ. މާތްﷲގެ ޙަޟްރަތުން ސަވާބާއި ދަރުމަ މީސްތަކުންގެ މައްޗަށް އޮއްސަވަމުން ގެންދަވާ މައްސަރެވެ.
ރަމަޟާން މަހު ކުރަންޖެހޭ ކަންކަން މާތްﷲ ވަނީ ވަރަށް ސާފުކޮށް ބަޔާންކޮށްދެއްވަވައިފައެވެ. އެހެންކަމުން އެންމެންވެސް މަސައްކަތްކުރަންވާނީ މާތްﷲ އެންގެވި ކަންކަން ވީހައި ގިނައިން ކުރުމަށެވެ.
އެހެންކަމާއިއެކުވެސް ރޯދަ މަހުވެސް މާތްﷲ ނަހީ ކުރެއްވެވި ކަންކަން ކުރާ މީހުން އަޅުގަނޑުމެންގެ ތެރޭގައި އެބަ އުޅެއެވެ. އެފަދަ މީހުންނަކީ އެމީހުންގެ ހިތުގައި މާތްﷲ އަށް އެއްވެސް މިންވަރަކަށް ބިރުވެރިކަން ނެތް މީހުންނެވެ. ތަޤްވާވެރިކަމެއް ނެތް މީހުންނެވެ.
ތަޤްވާވެރިވުމަކީ މާތްﷲ ނަހީ ކުރެއްވެވި އެންމެހައި ކަންކަމުން ދުރުހެލިވުމެވެ. އަދި ހަމަ އެހެންމެ ތަޤްވާވެރިވުމަކީ މާތްﷲ ސުބްހާނަހޫ ވަތަޢާލާއަށް ބިރުވެތިވެ މާތްﷲ އަންގަވާފައިވާ ކަންތައްތައް ކުރުމެވެ. ހަމަ އެއާއިއެކު އެ އިލާހް ނަހީކުރައްވަވާފައިވާ ކަންތައްތައް ކުރުން ހުއްޓައިލުމެވެ. މާތްﷲ ނަހީ ކުރެއްވެވި އެންމެހައި ކަންކަންކަމާއި ދުރެހިލުވުމެވެ.
ރަމަޟާން މަހުގެ ދުވަސްތައް ދާދި އަވަހަށް ވަކިވެގެން ހިނގައިދާނެ އެވެ. މިދިއަ އަހަރުގެ ރޯދަ މަސް ވަކިވެގެން ދިއައީ ދާދި އިހަށް ދުވަހުއެވެ. ދުވަސްތައް ފާއިތުވަމުން ދިއުން މިވަނީ އަވަސްވެފައެވެ. ދާނުދާ ގޮތެއް ނުވެސް އެގޭހައި އަވަސްވެފައެވެ.
އެހެންކަމުން މިއަހަރުގެ ރަމަޟާން މަހަށް އަޅުގަނޑުމެން ފުރިހަމައަށް ތައްޔާރުވާން އެބަޖެހެއެވެ. މައްސަރުގެ ހުރިހާ ދުވަސްތަކެއްގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފަން ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ. ނޫންނަމަ އެ މާތް ދުވަސްތައް ބޭކާރުވެގެން ހިނގައިދާނެއެވެ.
-- ޝައިޚް މުޙައްމަދު ސިނާންގެ ދަރުސަކުން