އިބިލީހަށްވުރެ ނުބައި މީހުން އިތުރުވަނީ - ﷲ ގެ ކޯފާއަށް ހަމަ ބިރު ނުގަންނަނީތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އިބިލީހަށްވުރެ ނުބައި މީހުން އިތުރުވަނީ - ﷲ ގެ ކޯފާއަށް ހަމަ ބިރު ނުގަންނަނީތަ؟
އިބިލީހަށްވުރެ ނުބައި މީހުން އެބަތިބިކަން އަހަރެމެންނަށް އެނގޭއިރުވެސް އެފަދަ މީހުންގެ މަޅީގައި ޖެހެނީ ކީއްވެގެންހެއްޔެވެ؟ އިބިލީހަށްވުރެ ނުބައި މީހާއަށްވުރެ ތިބާގެ ނުބައިކަން އެހިސާބުން ބޮޑު ނުވޭހެއްޔެވެ؟

މިކަމުގެ އެއް މިސާލަކީ ބަންގީގެ އަޑެވެ. ބަންގީގެ އަޑުއިވުމާއިއެކު އިބިލީސް ދުވެ ފިލައެވެ. ހަމަ އެއާއިއެކު ބަންގީގެ އަޑު އިވުމުން އިތުރު ރައްޓެހިންނާއިއެކު މިސްކިތާއި ދުރަށް ދުވާ މީހުން މަދީހެއްޔެވެ؟ ދުވެ ގޮސް ރެސްޓޯރަންޓްތަކާއި ތަންތަނަށް ވަދެ ކައި މަޖާކުރަން ތިބޭ މީހުން މަދީ ހެއްޔެވެ؟

ކައިވެނި ހެޔޮ ނުވާ ދެމީހެއްގެ ބޮލަށް އިބިލީސް ވަދެ އެމީހުން ލައްވައި ފާހިޝް އަމަލުތައް ކުރުވައެވެ. އެމީހުން އެ އަމަލުތައް ކުރަން ފަށާއިރަށް އިބިލީސް ދުވެ ފިލައެވެ. ނަމަވެސް މިއަދު މިފެންނަނީ އެފަދަ ކަންކަން ކުރަން ހިތްވަރުދީ އެކަންކަން ކުރުވާ މީހުންނެވެ. އެމީހުން ދުވެ ފިލާކަށްވެސް ނޫޅެއެވެ. ބަލަންވެސް އެބަތިބެއެވެ. އެއްޖިންސުން ދެމީހަކު ގުޅުން ހިންގާއިރުވެސް މެއެވެ.

މިފަދަ ކަންކަމުން މިއެނގެނީ އިބިލީހަށްވުރެ ނުބައި މީހުން މިއަދު ގިނަވަމުން އަންނަ ކަމެވެ. އަދި މާތް ﷲ ބާވައިލައްވަވައިފާނެ ކޯފާއަށް އިބިލީހަށްވުރެވެސް ބިރު ނުގަންނަ މީހުން އެބަ އުޅޭ ކަމެވެ. އެފަދަ އަމަލުތައް ކުރާއިރު ކޮންމެ ފަދަ ކޯފާއެއްވެސް މާތް ﷲ ބާވައިލައްވަވައިފާނެކަން އިބިލީހަށް އެނގޭފަދައިން އިންސާނުންނަށް ވެސް އެނގެއެވެ. އެކަންކަން ކުރަނީ ހަމަ ހުރިހާ ކަމެއްވެސް ރަނގަޅަށް އެނގިތިބެގެންނެވެ.

އެކަމެއް ކުރުމުން މާތް ﷲ ބާވަވައިލައްވަވައިފާނެ ކޯފާއަކަށް ބިރުން އިބިލީސް ފިލާވަރުގެ ކަންކަން އަމިއްލައަށް ކުރާ މީހުންނަކީ ވެސް އިބިލީހަށްވުރެ ނުބައި ބައަކަށް ނުވޭހެއްޔެވެ؟ އިބިލީސް ގަންނަ ބިރު އެފަދަ ކަންކަން ކުރާ މީހާ ގަންނަ ނަމަ އެއްވެސް މީހަކު އެފަދަ އެއްވެސް ކަމެއް ނުކުރާނެއެވެ.

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން