މީސްތަކުންނާއިއެކަހެރިވެ ވަކިވެގަނެގެން އުޅޭނަމަ އެމީހާގެ އީމާންތެރިކަމާއިމެދު ސުވާލު އުފެދެއެވެ. އެހެނީ އެންމެ ވަރުގަދަ އީމާންތެރިންނަކީ މީހުންނާއި ގުޅުން ބާއްވާ އަދި ގުޅުން ބޭއްވުމުގެ ފުރުޞަތު އެހެން މީހުންނަށް ދޭ މީހާކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ވަނީ ޙަދީޘްފުޅުކުރައްވައިފައެވެ.
އީމާންކަމާއި ރިވެތި އަޚްލާޤާއި ވަނީ ގުޅި ލާމެހިފައެވެ. އީމާންކަމާއި ރިވެތި އަޚްލާޤް ވަކިކުރުމަކީ ހަމަ އެއްވެސް ގޮތަކުން ކުރެވޭނެ ކަމެއް ނޫނެވެ.
އިންސާނުން ދުނިޔޭގައި އުޅޭއިރު އެންމެ ބޮޑު ސަމާލުކަމެއް ދޭން މިޖެހެނީ އީމާން ކަމަށެވެ. އީމާންކަން ފުރިހަމަ މިވަނީ ރިވެތި އަޚްލާޤާއިއެކުގައެވެ. އަބަދުވެސް ހިނިތުންވެފައި ހުރެގެން މީސްތަކުންނަށް ކުރިމަތިލުމާއި އެހެން މީހުންގެ އަތުން ތަކެތި ހޯދުމުގެ ބަދަލުގައި އަބަދުވެސް އެމީހެއްގެ އަތުގައި އެއްވެސް އެއްޗެއް އޮތްނަމަ އެއެއްޗެއް އެހެން މީހުންނަށް ދީލަތިކަމާއިއެކު ބަހާ މީހެއްގެ ގޮތުގައި ހުރުމަކީ ވެސް ފުރިހަމަ އީމާންތެރިންގެ ސިފަތަކެވެ.
ފުރިހަމަ އިMާންތެރިއެއްގެ ކިބައިގައި ހަރުކަށިކަން އެއްވެސް ވަރަށް ހުރެގެން ނުވާނެއެވެ. އަނިޔާވެރިކަމާއި މަކަރުވެރިކަން ހަމަ އެއްގޮތަކަށްވެސް ހުރެގެން ނުވާނެއެވެ. އަދުލުވެރިވުމާއި އޯގާތެރިކަމަކީވެސް އީމާންކަމުގެ ސިފަތަކެވެ.
އީމާންތެރިންގެ ކިބައިން ފެންނާނެ އިތުރު އެއްކަމަކީ މީސްތަކުން ކުރާ ރަނގަޅު ކަންކަމުގައި ތިމާ އަމިއްލައަށް ބައިވެރުވެ އެންމެންނާއި ގުޅިގެން އުޅުމެވެ. އެހެނީ ފުރިހަމަ އީމާންތެރިއެއްގެ ހިތުގައި އެއްވެސް ވަރަކަށް ބޮޑާ ކަމެއް ނުހުންނާނެއެވެ. ޤަބީލާގައި ކިތަންމެ މައްޗަށް މަޤާމާއި ޤަދަރު އުފުލިފައިވީ ނަމަވެސް ފުރިހަމަ އީމާންތެރިއެއްގެ ހިތުގައި އެއްވެސް ވަރަކަށް ބޮޑާކަމެއް އަދި ކިބުރުވެރިކަމެއް ނުއޮންނާނެއެވެ. ހުރިހާ ކަމެއްގައިވެސް މީސްތަކުންނާއި ގުޅިގެން އެކުގައި އުޅުމަށް ލޯބިކުރާނެއެވެ. އެހެނީ އެ ސިފަތަކަކީ މާތް ﷲ އެންމެ ބޮޑަށް ރުހިވޮޑި ނުގަންނަވާ ސިފަތައް ކަމުގައި ވާތީއެވެ.
ހިތާމައަކީ މީހުން މިއަދު މިކަންކަމަށް ނުވިސްނާކަމެވެ. މީހުންގެ ކިބައިގައި އީމާންތެރިކަން ހުންނަ މިންވަރާއިމެދު ނުވިސްނާ ކަމެވެ. ދީނަކީ މީހާގެ އަމަލުތައް ކަމަށް ބުނާ ބަހަށް ސަމާލުކަން ނުދޭކަމެވެ. ދީންވެރިއަކަށްވާނީ ދީނަށް ލޯބިކޮށްގެންނެވެ. ދީނަށް ލޯބިކުރެވޭނީ އެމީހެއްގެ ކިބައިގައި އީމާންތެރިކަން ހުރެގެންނެވެ. އީމާންތެރިކަން ހުރިނަމަ ބޭރު ފުށުގެ އަމަލުތަކުންވެސް އެކަން ފެންނާނެއެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -