ހައްޖު ނުވަތަ އުމުރާއަށް ތައްޔާރުވާ ފަދައިން ރަމަޟާން މަހަށް ތައްޔާރުވާންޖެހޭ: ޝައިޚް ސިނާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ހައްޖު ނުވަތަ އުމުރާއަށް ތައްޔާރުވާ ފަދައިން ރަމަޟާން މަހަށް ތައްޔާރުވާންޖެހޭ: ޝައިޚް ސިނާން

ރަމަޟާން މަސް ކައިރިވުމުން އެމަހަށް ތައްޔާރުވުމުގެ ގޮތުން ގިނަ ބައަކު ކުރަނީ ބޭކާރު ކަންތައްތަކެއް ކަމަށާއި ރަމަޟާންމަހަށް ތައްޔާރުވުމަށް ފުރަތަމަ ކުރަންޖެހޭ ކަމަކީ އެމައްސަރު ރަސޫލާ (ޞޢވ) އަމަލުކުރެއްވެވި ގޮތް ދަސްކުރުމެވެ. ނަމަވެސް އެކަމަށް ސަމާލުކަން ދެނީ ވަރަށް މަދު ބައެކެވެ.

ރަމަޟާންމަހާއި ބައްދަލުކުރުމަށްޓަކައި އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނެ އެއްކަމަކީ ފާފަތަކުން ޠޯހިރުވުމެވެ. ރަމަޟާން މަހުގެ ސަވާބާއި ދަރުމަ ފުރިހަމަ ގޮތުގައި ހޯދޭނީ ފާފަތަކުން ސަލާމަތްވެވި ސާފު ހިތަކާއިގެން އެމަހާއި ކުރިމަތިލުމުންނެވެ.

ހައްޖު ނުވަތަ އުމުރާއަށް ދިއުމުގެ ކުރިން ފާފަތަކުން ތައުބާވެ މީސްތަކުންގެ ހައްޤުތައް އެބަ އަދާކުރަމުއެވެ. ރަމަޟާން މަހުގެ އަޅުކަމަކީ ކުޑަ އަޅުކަމެއް ނޫނެވެ. ވީމާ ހައްޖު ނުވަތަ އުމުރާއަށް ދިއުމަށް މީހާ ތައްޔާރުވާ އުޞޫލުން ރަމަޟާން މަހާއި ކުރިމަތިލުމަށްވެސް ތައްޔާރުވާންޖެހެއެވެ.

ޙައައްޖު ނުވަތަ އުމުރާއަށް ދިއުމުގެ ފުރުޞަތު ކޮންމެ މީހަކަށް ނުލިބިވެސް ހިނގައިދާނެއެވެ. ނަމަވެސް ދުނިޔޭގައި ހުރިނަމަ އެމީހަކާއި ރަމަޟާން މަސް ބައްދަލުކުރާނެއެވެ. ކުރެވިފައިވާ ފާފަތައް އެކުގައި ފުހެލުމުގެ ފުރުޞަތު ރަމަޟާން މަހު އެބަލިބެއެވެ. ވީމާ އެކަމަށްޓަކައި ކުރެވެންހުރި ހުރިހާ މަސައްކަތްތަކެއް ކުރަން އެބަޖެހެއެވެ.

ފާފަކުރުން ހުއްޓާނުލައިފިނަމަ ހެޔޮ ކަންތައްތައް ކުރަން ހުރަސްއަޅާނެއެވެ. ހެޔޮ ކަންތައްތައް ކުރުމަށް މީހާ ފޫހި ކުރުވާނެއެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަނީ ތައުބާވުމަކީ އެންމެފަހުން ކުރަން އޮންނަ ކަންތައް ކަމުގައެވެ. އެއީ އެކަން އޮތް ގޮތެއް ނޫނެވެ. އަޅުގަނޑުމެންނަށް އޮތީ ފާފަ ކުރެވުމާއިއެކު ތައުބާވުމެވެ. ތައުބާވުމަށްފަހު އެ ކުށް އަލުން ތަކުރާރު ނުކުރުމަށް ހިތުގައި އަޒުމް ކަނޑައެޅުމެވެ.
-- ޝައިޚް މުޙައްމަދު ސިނާންގެ ދަރުސަކުން
މިއަދު އޮންލައިން