ކޮފީއަށް ދާން ބަރާބަރަށް ހަނދާން ކޮށްދޭ ފަދައިން ތައުބާވާން ހަނދާންކޮށް ނުދޭނަމަ އެއީ ރައްޓެހިންނެއް ނޫން: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 13ސ
ކޮފީއަށް ދާން ބަރާބަރަށް ހަނދާން ކޮށްދޭ ފަދައިން ތައުބާވާން ހަނދާންކޮށް ނުދޭނަމަ އެއީ ރައްޓެހިންނެއް ނޫން: މުފްތީ މެންކް
އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައަކު ކޮންމެ ދުވަހަކުވެސް ކޮފީއަށްދާން ބަރާބަރަށް ހަނދާން ހުރެއެވެ. އެކަން ބަރާބަރަށް ކުރެއެވެ. ކޮފީއަށް ދިއުން ލަސްވެއްޖެނަމަ ގުޅައި ހަނދާންކޮށްދޭ ބައަކުވެސް އުޅެއެވެ. ވައިބަރ ގްރޫޕުތަކުގައި ލިޔެގެންވެސް ހަނދާންކޮށްދެއެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ބަލައިފިނަމަ އިތުރު މާތް ނަބިއްޔާގެ އިސްވެ ގޮސްފައިވާ ފާފަތަކާއިއެކު ހުރިހާ ފާފަތަކެއް ފުއްސަވައިދެއްވަވާފައިވާކަން މާތް ﷲ ވަނީ އިތުރު މާތް ނަބިއްޔާ އަށް އަންގަވައިފައެވެ. އެހެނަމަވެސް ދުވާލަކު މަދުވެގެން 70 ފަހަރު ތައުބާވެވަޑައިގެންނެވިއެވެ.

އަހަރެމެންނަކީ ފާފަތަކުން ފުރިގެންވާ ބައަކީމުއެވެ. އިސްވެ ގޮސްފައިވަނީ ވެސް ފާފަތަކެވެ. މިހާރު ކުރެވެނީވެސް ފާފަތަކެވެ. ކުރިއަށް އޮތީވެސް ފާފަތައް ކުރެވޭށެވެ. އެހެންކަމާއިއެކުވެސް ނިކަން ބުނެބަލާށެވެ. ތައުބާވާން އަހަރެމެންނަށް ހަނދާންވަނީ ކިތައް ދުވަހު ހެއްޔެވެ؟ ކިތައް ދުވަހު ތައުބާ ވެވޭހެއްޔެވެ؟

މީސްތަކުންނޭވެ. އަހަރެމެން އެންމެންނަކީވެސް އަބަދުވެސް ތައުބާވުންމަތީގައި ދެމިތިބެންޖެހޭ ބައެކެވެ. ގިނަގިނައިން "އަސްތަޣްފިރުﷲ" ކިޔައި ތައުބާވާން ޖެހޭ ބައެކެވެ. އެކަން ހަނދާނުން ނައްތައިނުލާށެވެ. ހަމަ އެއާއިއެކު ތިބާގެ ހަޤީޤީ ރަޙްމަތްތެރިންނަކީ ތައުބާވުމަށް ތިބާއަށް ހަނދާންކޮށްދޭ މީހުން ކަމުގައި ހަދާށެވެ.

ވައިބަރ ގްރޫޕުތައް ހަދަންވީ އެބޭނުމަށެވެ. ގިނަގިނައިން ތައުބާވުމަށް އަޚުންނަށާއި އުޚުޠުންނަށް ހަނދާންކޮށްދޭށެވެ. އަދި ބުނަންހެއްޔެވެ. ފޭސްބުކާއި ސޯޝަލް މީޑިއާ ގްރޫޕުތަކުގައި އެވާހަކަ ލިޔުމަކުން އެކަނި ނުފުދޭނެއެވެ. ތިމާވެސް އަމަލުކުރަންވާނެއެވެ.

އަހަރެމެން ހެޔޮ އަމަލުތައް ކުރަމުއެވެ. ނަމާދުވެސް ކުރަމުއެވެ. ނަމަވެސް ދެ ނަމާދު ދޭތެރޭގައިވެސް އަހަރެމެންނަށް އެބަ ފާފަތައް ކުރެވެއެވެ. ކުދި ފާފަތައް ބުރަވެ ކުރާ ހެޔޮ އަމަލުތައް އެބަ ނެތިކޮށްލައެވެ. ތައުބާ ނުވިނަމައެވެ. ތަކުރާރުކޮށް ކުރަމުން ގެންދާނަމައެވެ.

ކުރާ ޒައްރެއްގެ މިންވަރުގެ ހެޔޮ އަމަލަށް ސަވާބު ދެއްވަވާ އުޞޫލުން ކުރާ ޒައްރެއްގެ މިންވަރުގެ ނުބައި އަމަލުތައްވެސް ކިރުއްވަވާނެ ކަމަށް ޝައްކު ނުކުރާށެވެ. ތައުބާ ނުވި ނަމައެވެ. އެކަންކަން ކުރުން ހުއްޓައި ނުލިނަމައެވެ. ތައުބާވުމާއި ނުބައި އަމަލުތަކުން ދުރުހެލިވުމުގެ ފުރުޞަތު މިއަދު މާތް ﷲ ވަނީ ދެއްވަވައިފައެވެ. ނަމަވެސް އެދުވަހަކުން އެފަދަ އެއްވެސް ފުރުޞަތެއް ހަމަ އެކަކަށްވެސް ނުލިބޭނެއެވެ.

ވަރަށް ކުޑަކުޑަ މިސާލެއް ބުނެދެން ހެއްޔެވެ؟ އިތުރު މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) ގެ އަނބިކަނބަލަކު އެއްދުވަހަކު އެހެން އަނބިކަނބަލަކަށް ނިޞްބަތްކުރައްވައި އެއީ ކުރު އަންހެނެއް ކަމަށް ވިދާޅުވިއެވެ. އެހިނދު ރަސޫލާ (ޞޢވ) އެކަން ކުށްވެރި ކުރައްވަވައި، އެކުރެއްވި ފާފައިގެ ބޮޑުކަން ބަޔާންކޮށްދެއްވަވަމުން ހަދީޘްފުޅު ކުރެއްވެވީ އެކަމަނާގެ ބަސްފުޅު ދެއްޔަކުން ލިޔެފައި ކަނޑަށް އަޅައިލިނަމަ އެއީ ކަނޑުގެ ކުލަވަރުވެސް ބަދަލުވެގެންދާ ފަދަ ބޮޑު ފާފައެއް ކަމަށެވެ.

- މުފްތީ މެންކުގެ ދަރުސަކުން -
މިއަދު އޮންލައިން