މާތްﷲ ކީރިތި ޤްރްއާން ބާވައިލައްވަވައިފައި ނިންމަވައިލެއްވެވީއެއް ނޫނެވެ. ކީރިތި ޤްރްއާނުގައި ވަނީ ޞައްޙަ ތެދުކަން ބަޔާންކޮށްދެއްވެވުމަށް ހެކިތައްވެސް ލެއްވެވިއެވެ.
އެގޮތުން ބަލައިފިނަމަ ދުނިޔެއަކީ އެކަމުގެ އެންމެ ބޮޑު އެއް ހެކިކަން ޔަޤީނެވެ. އެހެންކަމުން ބައެއް ޢިލްމުވެރިން ދުނިޔެ ސިފަ ކުރައްވަވާފައިވަނީ ކީރިތި ޤްރްއާނުގެ ހެކިދައްކައިދޭ ފޮތެއްގެ ގޮތުގައެވެ. ތަފްސީރެއްގެ ގޮތުގައެވެ.
މިސާލަކަށް މަރުވާނެ ކަމާއި މަރުވުމަކީ ނިމުމެއް ނޫންކަމާއި އެއީ އައު ޙަޔާތެއްގެ ފެށުންކަން ކީރިތި ޤްރްއާނުން އެނގެން އެބައޮތެވެ.
މަރުވުމުން އެއްބައެއްގެ ހަޔާތް ބަދަލުވެގެންދަނީ އަރާމުތަންމައްޗަކަށެވެ. މަލާއިކަތް ބޭކަލުން ކައްވަޅުގައި ކުރައްވަވާ ސުވާލުތަކަށް ފުރިހަމައަށް ޖަވާބުދެވޭ މީހުންނަށް ކައްވަޅަކީ އަރާމު ތަންމައްޗެކެވެ. އެމީހުންނާއި ސުވާލުތައް ކުރެއްވެވުމަށްފަހު އަރާމުގައި ނިދާލަން އެބޭކަލުން އަންގަވާ މީހުން ޤިޔާމަތާއި ހަމައަށް ތިބޭނީ އަރާމު ނިންޖަކުން ނިދައިފައެވެ. ޤިޔާމަތްވުމުގެ ތާޅަފިލި ފުންމަވައިލައްވަންދެން އެމީހުން ތިބޭނީ އެގޮތުގައި ނިދައިފައެވެ. ތާޅަފިލީގެ އަޑަށް ެމީހުން ހޭލާނީ، ނިދިން ހޭލަންޖެހުނީތީ ޝަކުވާކުރަމުންނެވެ.
ކައްވަޅަކީ ބިލާހަކަށްވަނީ މަލާއިކަތް ބޭކަލުންގެ ސުވާލުތަކަށް ޖަވާބު ނުދެވުނު މީހުންނަށެވެ. އެއީ ދުނިޔޭގައި އުޅުނުއިރު މާތްﷲ އަށް އީމާން ނުވެ ހިތުހުރި ގޮތަކަށް އުޅުނު މީހުންނެވެ. އެމީހުން ކައްވަޅުގައި ތިބޭނީ ގަދަފަދަ އަޒާބުގައެވެ. އެފަދަ ގަދަފަދަ އަޒާބުގައި ތިބޭއިރުވެސް ޤިޔާމަތްވުމަކަށް އެމީހުން ނުއެދޭނެއެވެ. އެއީ ނަރަކައިން އެމީހުންނަށް ލިބޭނެ އަޒާބު ކައްވަޅުގެ އަޒާބަށްވުރެވެސް މާގަދަފަދަ ވާނެކަން އެނގޭތީއެވެ. އެމީހުންނަށް ނަރަކައިން ލިބޭނެ ޖާގަ ކޮންމެ ދުވަހަކު އެމީހުންނަށް މާތް ﷲ ދައްކަވާތީ އެކަން އެނގެނީއެވެ.
ކަންކަން މިހެން ހުރުމުން ކައްވަޅަކީ އަރާމު ތަންމައްޗަކަށް ހެދުމުގެ ފުރުޞަތާއި އަދި ތިމާއަކީ ޤިޔާމަތްވުމަށް ނުއެދޭ، ކައްވަޅުގައި އަޒާބު ލިބިލިބި އޮންނަން އެދޭ މީހަކަށް ވުމާއި މިދެ ފުރުޞަތުވެސް މާތް ﷲ މިވަނީ މީސްތަކުންނަށް ދެއްވަވައިފައެވެ. ޔަޤީންކުރަންޖެހޭ ކަމަކީ ކިތަންމެ ބޭނުން ނުވިނަމަވެސް ކައްވަޅުގެ ޙަޔާތް ވެސް ނިމޭނެ ކަމެވެ. ޤިޔާމަތްވާނެ ކަމެވެ. ނަރަކައަށް ވަންނަން ޖެހޭމީހުންނަށް އެތަނަށް ނުވަދެ ފަރުޖެއްސޭނެ އެއްވެސް ގޮތެއް ނުއޮންނާނެ ކަމެވެ.
މަރުވުމުން އެއީ ހަޔާތް ނިމުނީ ކަމަށް ބުނާ މީހުން އެބުނަނީ ތެދެއް ނޫންކަން އެނގޭ ހެކިތައް ވަރަށް ގިނައެވެ. ގަސްގަހާގެހިވެސް އެކަމަށް ހެކިދެއެވެ. ޢިބްރަތަކަށް ފުދޭނެ ހެކިތައް އެގެންދަނީ ދައްކަމުންނެވެ.
މިސާލަކަށް ގަސް މަރުވެއެވެ. ގަސް މަރުވި ނަމަވެސް ގަހުގެ މޫތަކުން ކުރިފަޅައިގެން ހެދެއެވެ. ބިންމައްޗަށް ފައިބައިފައި ހުންނަ އޮއްތައް ވަޅުލެވި އަލުން ގަސްފަޅައި ހެދި ބޮޑުވެއެވެ. މޭވާ އަޅާގަހެއް ނަމަ މޭވާ އަޅައެވެ. މައު އަޅާ ގަހެއް ނަމަ އަލުން މައު އަޅަން ފަށައެވެ. އެހެންކަމަށްވާއިރު ގަސް މަރުވުމަކީ ގަސް ނެތިދިއުން ކަމަށް ބަލައި ނިންމައިލެވެން އެބައޮތް ހެއްޔެވެ؟
ގަސް އެދައްކައިދޭ ވާހަކަތައް އެނގި އިބްރަތެއް ޙާޞިލުކުރެވޭނީ ހަމަ ވިސްނައި ފިކުރުކުރީމައެވެ. ސިކުނޑި ފުރިހަމައަށް ހުޅުވާލައިގެން ވިސްނީމައެވެ.
- ލަވް އިސްލާމް އާއި އިސްލާމީ ތިލަފަތުގެ ދަރުސަކުން -