ރޯދަމަހު ތައުބާވާން ހުރި މީހަކަށް ރޯދަ މަހެއް ނުލިބޭނެ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 42ސ
ރޯދަމަހު ތައުބާވާން ހުރި މީހަކަށް ރޯދަ މަހެއް ނުލިބޭނެ: މުފްތީ މެންކް
ފާފަކުރުމާއި އިންސާނާއާއި ދެމެދުގަވާ ފަރުދާ އަކީ ތަޤްވާވެރިކަމެވެ. ތަޤްވާވެރިވެވޭނީ ތައުބާވެގެންނެވެ. ތަޤްވާވެރިވުމަކީ ހަމަ ހުރެފައި ކުރެވޭ ކަމެއް ނޫނެވެ. ތައުބާ ނުވެ ތަޤްވާވެރިއެއް ނުވެވޭނެއެވެ. އެހެންކަމަށްވާއިރު މާތް ﷲ އަށް ބިރުވެތިވެ އިޞްލާޙްވުމުގެ ބައި މިފެށެނީ ތައުބާވުމުންނެވެ.

ކަން މިހެން އޮތް ނަމަވެސް ބައެއް މީހުން ބުނަނީ އެމީހުން ތައުބާވާނީ ރަމަޟާން މަސް އައުމުން ކަމަށެވެ. އަހަރެން ދެކޭ ގޮތުގައި އެބުނާ ބުނުމުގައި ވަރަށް ބޮޑު މައްސަލައެއް އެބަ އުޅެއެވެ. އެހެނީ ތައުބާ ވެވޭނީ މާތް ﷲ އަށް ބިރުވެތިވެގެންކަމަށްވާއިރު މާތް ﷲ އަށް ބިރުވެތިވާ މީހަކު ތައުބާ ނުވެ އެންމެ ހިނދުކޮޅަކު މަޑުކުރާނެ ކަމަށް އަހަރެން ޤަބޫލު ނުކުރާނީއެވެ. ތައުބާވުމަކީ ވަކި ދުވަހަކު ވަކި މޫސުމެއްގައި ކުރަން އޮތް ކަމަކަށް ނުވާތީއެވެ.

މާތް ﷲ އަށް ބިރުވެތިވާ މީހާއަށް އޮތީ އަބަދުވެސް ތައުބާވޭވެ ހުރުމެވެ. މަރުވާނެ ވަގުތު ނުއެނގޭތީއެވެ. ތައުބާ ނުވެ ހުއްޓައި މަރު އައިސް ކުރިމަތިލައިފާނެތީއެވެ. އެކަން މެދުވެރިވާނެ ވަގުތު ހަމައެކަކަށްވެސް ނުއެނގޭނެތީއެވެ.

އެހެންކަމުން ރޯދަ މަހު ތައުބާވާން މަޑުކުރުމެއް ނެތެވެ. ރޯދަ މަސް އައުމުން މަސައްކަތްކުރަންވީ ތަޤްވާވެރިކަން އިތުރުކުރުމަށެވެ. އެކަން ކުރެވޭނީ ތައުބާވެގެން ހުންނަ މީހަކަށެވެ.

ތަޤްވާވެރިކަން އިތުރުކުރުމަކީ ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. އެކަމަށްޓަކައި ގަދައަޅައި މަސައްކަތްތަކެއް ކުރަންޖެހޭތީއެވެ. ޤްރްބާންތަކެއްވާން ޖެހޭތީއެވެ. ތިމާގެ ކިބައިގައި ހުރިނަމަ ހުރި އުނިސިފަތަކެއް ނައްތައިލަން ޖެހޭތީއެވެ. ނުބައި އާދަތެކެއް ހިފިފައިވާނަމަ އެއާދަތައް ދޫކޮށްލައި އެކަންކަމުން މުޅިން ސަލާމަތްވާން ޖެހޭތީއެވެ.

ތައުބާވުމަކީ ގިނަގިނައިން ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އެއީ ފޯނުން ގޭމްކުޅޭހެން ކުރަން އޮތް ކަމެއްވެސް ނޫނެވެ. އެއް ގޭމް މަތިން ފޫހިވުމުން އަނެއް ގޭމަކަށް ބަދަލުކޮށްލާ އުޞުލުން ކުރަން އޮތް ކަމެއްވެސް ނޫނެވެ. ތައުބާވުމަކީ ކުރެވޭ ކުށްތައް ދޫކޮށްލައި މާތް ﷲ ގެ މަގަށް ރުޖޫޢަވުމެވެ. މާތް ﷲ ގެ މަގަކީ ހަމަ އެންމެ މަގެކެވެ. އެއީ ކީރިތި ޤްރްއާނުގައިވާ މަގެވެ. އެއީ ސީދާވެގެންވާ ތެދުމަގެވެ.

މާތް ﷲ ގެ މަގަކީ ކަފިކަފިވެގެންވާ މަގުތަކެއް ނޫނެވެ. ވީމާ ރަމަޟާން މަހުގެ ސަވާބާއި ދަރުމަ ފުރިހަމަ ގޮތުގައި ލިބިގަތުމަށް އެދޭ މިހާއަށް އޮތީ ކުރިއާލައި އަވަހަށް ތައުބާވުމެވެ.

- މުފްތީ މެންކުގެ ދަރުސަކުން -
މިއަދު އޮންލައިން