އިތުރު އެއްވެސް ޗެކިންގ އަކާނުލާ "ރަތް ޕާސްޕޯޓް"ގަ ސުވަރުގޭގެ ރައްޔާން އެވެ ކިޔުނު ދޮރާށިކޮޅުތަކުން ވަންނަން ތައްޔާރުތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
އިތުރު އެއްވެސް ޗެކިންގ އަކާނުލާ "ރަތް ޕާސްޕޯޓް"ގަ ސުވަރުގޭގެ ރައްޔާން އެވެ ކިޔުނު ދޮރާށިކޮޅުތަކުން ވަންނަން ތައްޔާރުތަ؟
ފަސިންޖަރުންގެ ސަމާލުކަމަށްޓަކައި މިކިޔައިދެނީ މިދަތުރު ރޭވިފައިވާ ގޮތާއި ފަސިންޖަރުން އަމަލުކުރަންޖެހޭ ގޮތާއި ފައިނަލް ޑެސްޓިނޭޝަނުގެ މައުލޫމާތެވެ. ވަރަށް ރަނގަޅަށް ސަމާލުކަންދީގެން ވިސްނާށެވެ.

ބެލެވޭ ގޮތުން މިމަހުގެ 17 ވަނަ ދުވަހު ފުރަން މި ފުރުޞަތު ލިބެނީ ޙަޔާތުގެ އެންމެ މުހިންމު ދަތުރަށެވެ. މި ދަތުރުގައި 3 މަންޒިލެއް ވެއެވެ. އެއީ މާތް ﷲ ގެ ރަޙްމަތް ލެއްވެވުމާއި ފާފަ ފުއްސެވުމާއި ސުވެރުގެ ލިބުމެވެ.

ދަތުރުގެ ދިގުމިނަކީ ގިނަވެގެން 30 ދުވަހެވެ. ދަތުރު ކުރިއަށް ދާނީ ކޮންމެ 10 ދުވަހަކުން ބައެއް ލިބޭ ގޮތަށެވެ.

ދަތުރަކީ އެމީހަކު ދަތުރުކުރާނެ ކްލާސް އެމީހަކު އަމިއްލައަށް ކަނޑައަޅާ ދަތުރެކެވެ. ކިތަންމެ ފައިސާވެރި ނަމަވެސް ހަމަ އެކަނި ފައިސާ ދީގެން ހަމަ އެއްވެސް ކްލާހަކުން އެންމެ ޓިކެޓެއްވެސް ނުގަނެވޭނެއެވެ.

ފައިސާ ވެރިންނަށް އެމީހުންގެ އަތުގައި ހުރި ފައިސާ ހޭދަކުރުމުން ކްލާސް މަތިކުރުމުގެ ފުރުޞަތު ލިބެއެވެ. ނަމަވެސް ހަމައެކަނި ފައިސާ ޚަރަދުކޮށްގެނެއް ނޫނެވެ. ކްލާސް މަތިކުރެވޭނީ އަމަލީ ގޮތުން ކުރަންޖެހޭ ކަންކަން އެންމެ ފަޤީރު މީހާ ފަދައިން ކުރުމާއިއެކު ފައިސާ ހޭދަކުރުމުންނެވެ. އެކަމަށް މިކިޔަނީ ހިފަންވީ ގޮތުގައި ރޯދަހިފުމާއިއެކު ޞަދަޤާތްކުރުމެވެ.

އަތުގައި ފައިސާ ނެތް ފަޤީރުންނަށް ވެސް މި ދަތުރުގައި އެއްވެސް މާޔޫސްކަމެއް ނެތެވެ. މުއްސަނދިންނާއި ވާދަކޮށް ކްލާސް މަތިކޮށްލެވިދާނެއެވެ. ހެޔޮ އަމަލުތައް ކުރުން އިތުރުކޮށްލައިގެންނެވެ. ގިނަކޮށްލައިގެންނެވެ.

މިއީ ދުނިޔޭގެ އެންމެންނަށް ވެސް ފުރުޞަތު އޮތް ޢާންމުކޮށް ހުޅުވާލެވިފައިވާ ދަތުރެކެވެ. މިދަތުރުގައި ބައިވެރިން ސާބިތުކަމާއިއެކު ދެމިތިބެއްޖެނަމަ ފްލައިޓް ގޮސް މަޑުކޮށްލާނެ އާޚިރު މަންޒިލަކީ ސުވަރުގޭގެ ރައްޔާން އެވެ ކިޔުނު ދޮރުކޮޅުތައް ކައިރިއެވެ.

އެހެން ފްލައިޓްތަކަށް އަރަން ބޯޑިންގ ޕާސް ބޭނުންވާ ފަދައިން މި ފްލައިޓަށް އަރަންވެސް ބޯޑިންގ ފާހެއް ބޭނުންވެއެވެ. އެއީ އީމާންކަމެވެ. އެހެން ފްލައިޓްތަކުން ފައިބާއިރު އެއްވެސް ފާހެއް ބޭނުމެއް ނުވާނެއެވެ. ނަމަވެސް މިފްލައިޓުން ފެއިބޭނީ ފާހަކާއިއެކު އެވެ. އެއީ ރައްޔާން އެވެ ކިޔުނު ސުވަރުގޭގެ ދޮރުކޮޅުތަކުން ވަނުމުގެ ފާހެވެ. މިއީ އިތުރު އެއްވެސް ޗެކިންގ އަކާއި ނުލައި ސުވަރުގެ ވަނުމަށް ބޭނުންކުރެވޭނެ "ރަތްޕާސްޕޯޓް" ވެސްމެވެ.

ދަތުރުގެ ޚުލާޞާ ބަޔާނެއް ކިޔައިދެވިއްޖެކަމަށް ހީކުރަމެވެ. ތައްޔާރުވެ ދަތުރުފަށައި ފުރިހަމަކުރުން އޮތީ ފަސިންޖަރުންެގެ އަތްމަތީގައެވެ. .

- އިސްލާމީ ތިލަފަތުގެ ދަރުސަކުން -
މިއަދު އޮންލައިން