ބިރުވެރިކަމާއެކު ހޭލަންޖެހޭނެ އެއްވެސް ހުވަފެނެއް ﷲ ނުދައްކަވާނެ - ބިރުވެރި ހުވަފެން ދައްކަނީ ޝައިޠާނާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 50ސ
ބިރުވެރިކަމާއެކު ހޭލަންޖެހޭނެ އެއްވެސް ހުވަފެނެއް ﷲ ނުދައްކަވާނެ - ބިރުވެރި ހުވަފެން ދައްކަނީ ޝައިޠާނާ!
ހުވެފެން ފެނުމުގައި 3 ބާވަތެއް ހިމެނެއެވެ. އެއް ބާވަތަކީ މާތް ﷲ ދައްކަވާ ހުވަފެންތަކެވެ. ދެވަނަ ބާވަތަކީ ޝައިޠަނާ ދައްކާ ހުވަފެންތަކެވެ. 3 ވަނަ ބާވަތަކީ މީހަކު ކަމަކާއިމެދު މާބޮޑަށް ވިސްނުމުން އެމީހަކަށް ފެންނަ ހުވެފެނެވެ.

މާތް ﷲ އިރާދަކުރައްވައިފި އަޅަކަށް ހުވަފެން ދައްކަވައެވެ. ވާން ހުރި ކަމެއްވެސް އިލްހާމް ކުރައްވަވައިފާނެއެވެ. އަދި ހަޔާތުގައި ކުރިމަތިވެފައިވާ ކަމެއްވެސް ދައްކަވައިފާނެއެވެ. އުފާވެރިކަން ލިބޭ ޚަބަރުތަކާއި ހިތް ހަމަ ނުޖެހޭނެ ކަންކަން ވެސް ދައްކަވައިފާނެއެވެ.

ޔަޤީންކުރަންޖެހޭ ކަމަކީ މާތް ﷲ ގެ ޙަޟްރަތުން މީހަކަށް ދައްކަވާ އެއްވެސް ހުވަފެނެއް ފެނިގެން މީހާ ބިރު ނުގަންނާނެ ކަމެވެ. ބިރުގަނެގެން ބިރުވެރިކަމާއިއެކު ހޭލަން ނުޖެހޭނެ ކަމެވެ. އެއީ ހިތާމަވެރި ހުވަފެނެއް ނަމަވެސްމެއެވެ.

ބިރުވެރި ހުވަފެންތައް ދައްކަނީ ޝައިޠާނާއެވެ. މިވެނި ބިރުވެރިކަމެއް ކުރިމަތިވެދާނެ ކަމަށް ފެންނަ ހުވަފެންތައް ދައްކަނީ ޝައިޠާނާއެވެ. ޝައިޠާނާ ދައްކާ ހުވަފެން ފާހަގަކުރަންވެސް ފަސޭހަވާނެއެވެ. އެއީ ހޭލެވޭނީވެސް ބިރުން ތުރުތުރުއަޅަމުންނެވެ. ހަށިގަނޑުން އޮއްދާ ހިއްލާފައިވެސް ހުރެދާނެއެވެ. ހުވަފެނަކާއި ގުޅިގެން ބިރުގަނެ އެވާހަކަ މީހެއްގެ ގާތު ދައްކައިފިނަމަ ޝައިޠާނާގެ މަޅީގައި ޖެހުނީކަން އެނގި މަލާމާތްކޮށްފައި ހޭނެއެވެ. އެހެންވެ ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ޝައިޠާނާ ދައްކާ ހުވަފެނުގެ ވާހަކަ އެއްވެސް މީހެއްގެ ގާތު ނުބުނުމަށެވެ.

ފާހިޝް ހުވަފެންތައް ދައްކަނީވެސް ޝައިޠާނާއެވެ. އެފަދަ ހުވަފެނެއް ފެނުމަކީ އެއްވެސް މީހެއްގެ ކުށެއް ނޫނެވެ. ފެނިއްޖެ ނަމަ ކޮށްލަންޖެހޭނެ ހަމައެކަނި ކަމަކީ ހިނައިގަތުމެވެ.

އަމިއްލައަށް ވިސްނާ ކަންކަމާއި ގުޅިގެން ފެންނަ ހުވަފެންތައް ވެސް ފާހަގަކުރެވޭނެއެވެ. އެންމެ ފަސޭހަ ގޮތަކީ ހުވަފެން ފެނިގެން ހޭލެވުނު ނަމަވެސް ކުޑައިރުކޮޅެއްގެ ތެރޭގައި ހަނދާން ނެތޭނެ ކަމެވެ.

ރަސޫލު ބޭކަލުންނަށް ފެނިވަޑައިގެންނެވި ކޮންމެ ހުވަފެން ފުޅަކީ މާތް ﷲ ގެ ވަޙީ އެވެ. ރަސޫލު ބޭކަލުންނަށް ހުވަފެން ދެއްކުމަކީ ޝައިޠާނާއަށް ކުރެވޭނެ ކަމެއް ނޫނެވެ.

މިވާހަކަތައް ކިޔައިދޭން މިޖެހެނީ ފެންނަ ހުވަފެންތަކަށް ގިނަ ބައަކު ކަންބޮޑުވެގެން އުޅޭތީއެވެ. ޝައިޠާނާ ދައްކާ ހުވަފެންތަކަށްވެސް ބިރުން އުޅޭތީއެވެ. ޝައިޠާނާ ހުވަފެނެއް ދައްކައިފިނަމަ ހޭލެވުމުން ކަންކަން ކުރަންވީ ގޮތް ރަސޫލާ (ޞޢވ) ވަނީ ބަޔާންކޮށްދެއްވަވައިފައެވެ.

- ލަވް އިސްލާމްގެ ދަރުސަކުން -
މިއަދު އޮންލައިން