ﷲ އަޅުގަނޑުމެންގެ ކުށްތައް ފަޟީޙަތް ކުރައްވަވާނަމަ އެކުގަ އުޅެވޭނެ ދެމަފިރިން ވަރަށް މަދުވާނެ: ޝައިޚް ސަމީރު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
ﷲ އަޅުގަނޑުމެންގެ ކުށްތައް ފަޟީޙަތް ކުރައްވަވާނަމަ އެކުގަ އުޅެވޭނެ ދެމަފިރިން ވަރަށް މަދުވާނެ: ޝައިޚް ސަމީރު
މާތް ﷲ އަޅުގަނޑުމެންނަށް ދެއްވަވާފައިވާ ނިޢުމަތްތަކާއިމެދު އެކަނި ވިސްނައިލި ނަމަވެސް އަޅުގަނޑުމެންގެ ތެރެއިން އެންމެ ނިކަމެތި މީހާއަށް ވެސް ޖެހޭނީ ލަދުވެތިވާށެވެ. މާތް ﷲ ގެންދަވަނީ އެހައި ގިނަ ނިޢުމަތްތައް މީސްތަކުންނަށް މިންވަރުކުރައްވަވަމުންނެވެ. ވިސްނޭނީ އެކަލާނގެ ދެއްވެވި ނިއުމަތްތަކަށް ވިސްނައި ފިކުރުކުރާ މީހުންނަށެވެ.

އަޅުގަނޑުމެން މިގެންދަނީ ކެނޑިނޭޅި މާތް ﷲ ޙަރާމް ކުރެއްވެވި ކަންތައްތައް ކުރަމުންނެވެ. ނަހީ ކުރެއްވެވި ކަންކަމަށް އަރައިގަންނަމުންނެވެ. އެކަންކަން ކުރަން ނިޔަތް ގަތީންސުރެ އެކަން މާތް ﷲ ދެނެވޮޑިގެންވެއެވެ. އެކަންކަން ކުރާއިރު މާތް ﷲ ބައްލަވައިވޮޑިގެންވެއެވެ. އެކަމުގެ މައުލޫމާތު ހުށަހަޅާނެ އެއްވެސް ފަރާތަކަށް ބޭނުންފުޅުވެވޮޑިގެނެއް ނުވެއެވެ.

އެހެންކަމާއިއެކުވެސް މާތް ﷲ މީސްތަކުން ކުރާ ކުށްތައް ވަންހަނާކޮށް ދެއްވަވައެވެ. އެކަންކަން ސިއްރުކޮށްދެއްވަވައެވެ. މާތް ﷲ ލޯބިކުރައްވަވަނީ ފާފަކުރުން ހުއްޓައިލުމަށްފަހު ތައުބާވުމަށެވެ. ފުރިހަމަ ގޮތުގައި ތައުބާވުމުން އެމީހަކަށް ކުރެވިފައިވާ ފާފަތައް އަޅުކަމަށް ބަދަލުވެސް ކޮށްދެއްވަވައެވެ. ކިހައި ބޮޑު ދީލަތިވަންތަކަމެއްތޯއެވެ!

ނިކަން ވިސްނައިލަބަލާށެވެ. މާތް ﷲ ބޭނުންފުޅުވެވޮޑިގެންވާނަމަ ކުށެއް ކުރުމުން އެމީހެއްގެ ނިތްކުރީގައި ލިޔުއްވެވިދާނެއެވެ. އެކަމެއް ކުރި ތަނެއްގެ ފާރުތަކުގައިވެސް ލިޔުއްވެވިދާނެއެވެ. އަދި އެނޫން ގޮތްގޮތުންވެސް އެކަން އެންމެހައި މީސްތަކުންނަށް ފައުޅުކޮށްލައްވަވައި ފަޟީޙަތްކޮށްލެއްވެވުމަށް މާތް ﷲ ކުޅަދުންވަންތައެވެ.

މިފަދަ ގޮތްތަކުން މީސްތަކުން ފަޟީޙަތް ކުރައްވަވާނަމަ އަޅުގަނޑުމެންގެ ތެރެއިން އެއްވެސް ދެމަފިރިއަކަށް އެކުގައި އުޅެވޭނެތޯއެވެ؟ އެއްވެސް ދެމީހަކަށް ގުޅިގެން ވިޔަފާރި ކުރެވިދާނެތޯއެވެ؟ އެއްވެސް މީހަކަށް އެމީހެއްގެ ވަޒީފާގައި ދެމިހުރެވިދާނެތޯއެވެ؟ ޢާއިލާގެ މެދުގައި ގުޅުން ދެމެހެއްޓިދާނެތޯއެވެ؟ ކުރިމަތިވާނީ މިފަދަ ކިތައް މައްސަލަތޯއެވެ؟

މިކަންކަން މާތް ﷲ ވަންހަނާކޮށް ނުދެއްވަވާނަމަ އަޅުގަނޑުމެންނަށް އެކަކު އަނެކަކަށް މޫނު ދިމާކުރެވިދާނެތޯއެވެ؟ ލަދުން ހަލާކުނުވާނެތޯއެވެ؟ ނަަމަވެސް އެހައި ބޮޑެތި ފާފަތައްކޮށް ހިތުހުރި ގޮތަކަށް އުޅޭއިރުވެސް މާތް ﷲ ކެތްތެރިވެވޮޑިގަންނަވައެވެ. މީސްތަކުން ފަޟީޙަތެއް ނުކުރައްވަވައެވެ.

ދެން ނިކަން އަޅުގަނޑުމެންނަށް އަމަލުކުރެވޭ ގޮތާއިމެދު ވިސްނައިލަބަލާށެވެ. މީހަކު އެމީހަކަށް ކަމެއް ކުރާއިރަށް އެކަމުގެ ވާހަކަތައް އެބަދައްކަމުއެވެ. އެމީހަކު ފަޟީޙަތް އެބަކުރަމުއެވެ. އެމީހަކު ފަޟީޙަތް ކުރުމަކީ އުފަލެއް ކަމުގައި އެބަ ދެކެމުއެވެ.

ﷲ އަޅުގަނޑުމެން ފަޟީޙަތް ނުކުރައްވާ ކަމާއިމެދު ވިސްނައިލި ނަމަވެސް ﷲ ގެ ދީލަތިވަންތަކަން އެނގިގެންދެއެވެ. ނިކަން ވިސްނައިލަބަލާށެވެ. އަޅުގަނޑުމެންގެ ކިބައިން މާތް ﷲ އެއްވެސް ކަމަކަށް ބޭނުންފުޅުވެ ވޮޑިގެނެއް ނުވެއެވެ. ނަމަވެސް އަޅުގަނޑުމެންނަށް ކޮންމެ ކަމެއްގައި ވެސް މާތް ﷲ ގެ ޙަޟްރަތުން ވާގި އެދެންޖެހެއެވެ. ކޮންމެ ކަމެއްވެސް ހާޞިލު މިވަނީ މާތް ﷲ އެކަމެއް ފުއްދަވައި ދެއްވެވުމުންނެވެ.

އެހެންކަމާއިއެކުވެސް އަޅުގަނޑުމެންނަށް މިގެންދެވެނީ ތަކުރާރުކޮށް މާތް ﷲ ޙަރާމް ކުރެއްވެވި ކަންކަމަށް އަރައިގަނެވެމުންނެވެ. ކިތަންމެ ކުޑަ މިންވަރަކުން ކުރި ނަމަވެސް ކިތަންމެ ބޮޑު މިންވަރަކުން ކުރި ނަމަވެސް މާތް ﷲ އަޅުގަނޑުމެންގެ އެންމެހައި އަމަލުތައް ދެކެދެނެވޮޑިގެންވެއެވެ. އެހެންކަމާއިއެކުވެސް މާތް ﷲ ހަމަ ކެތްތެރިވެވޮޑިގެން މީސްތަކުންނަށް ތައުބާވުމަށް ފުރުޞަތު ދެއްވަވާކަމީ ދީލަތިވަންތަކުގެ ކޮންފަދަ ބޮޑު މިސާލެއްތޯއެވެ؟

އެހައި ދީލަތިވަންތަކަމާއިއެކު މާތް ﷲ ކަންތައްތައް ކޮށްދެއްވަވައި އަޅުގަނޑުމެންގެ އަމަލުތައް ފަޟީޙަތް ނުކުރައްވަވާކަމަށް އެކަނި ވިސްނައިލިނަމަވެސް މާތް ﷲ އަށް އަޅުގަނޑުމެން ލަދުވެތިވެ ޝުކުރުވެރިވާންޖެހޭ މިންވަރު އެނގިގެންދެއެވެ.

- އައްޝައިޚް އަޙްމަދު ސަމީރުގެ ދަރުސަކުން -

ގުޅުންހުރި ވީޑިއޯ:
މިއަދު އޮންލައިން