އެމީހަކަށް ޙައްޤު ނުވާ އެއްޗެއް ލިބިގެންފި މީހާއަށް ޖެހޭނީ ނަރަކައިގައި އެއެއްޗަކާއިއެކު އަނދައަނދައި އޮންނާށެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) މިމޭރުމުން ޙަދީޘްފުޅު ކުރެއްވެވުމުން ޞަޙާބީން ނަރަކައިގެ އަލިފާނަށް ބިރުފުޅުގަންނަވާ ވަރުން ހަނގުރާމައިގެ ޣަނީމާ ނުބައްސަވަނީސް އެއިން ބޭކަލަކަށް ނެންގެވިފައިވާ ނާޑުވައެއް އޮތް ނަމަވެސް ގެންނަވައި އިތުރު މާތް ނަބިއްޔާ މުޙައްމަދު (ޞޢވ) އާއި ޙަވާލުކުރެއްެވެވިއެވެ.
މިކަން ހިނގައިދިއައީ ހަނގުރާމައެއް ނިމުނު ވަގުތުގައެވެ. މިމޭރުމުން ޙަދީޘްފުޅު ކުރެއްވެވީ ޣަނީމާ މުދާ ނުބައްސަވަނީސް އެއިން ވައްކަން ކުރުމުގެ ހުރި ނުބައިކަމުގެ ބޮޑުކަން ބަޔާންކޮށްދެއްވަވަމުންނެވެ.
މިކަމުގެ އިތުރު ތަފްޞީލަށް ވިސްނައިފިނަމަ އެތައް ބައެއްގެ ހައްޤުތައް އެކުލެވޭ މުދަލުން ނުވަތަ ފައިސާއިން ވައްކަންކުރުމުގެ ހުރި ނުބައިކަމުގެ ބޮޑުކަން ކިތަންމެ ރަނގަޅަށް ވެސް އެނގިގެންދެއެވެ. ކައްވަޅުގެ އަޒާބާއި ނަރަކައިގެ އަޒާބަށް ބިރުވެތިވާނަމަ މިކަންކަމަށް ފުންކޮށް ވިސްނައި ބިރުވެތިވާން އެބަޖެހެއެވެ.
ކައްވަޅުގެ އަޒާބަށް ބިރުވެތިވާންޖެހެނީ ކައްވަޅުގެ އަޒާބު ލިބޭނީ ކާކަށް ކިހައިވަރަކަށް ނުއެނގޭތީއެވެ. އެއީ އެއްވެސް މީހަކަށް އެނގޭނެ ކަމެއް ނޫނެވެ.
އެނގޭ ކަމަކީ މާތް ﷲ އަށް އީމާންނުވާ މީހާއަށް ޤިޔާމަތް ދުވަހާއި ހަމައަށްވެސް ކައްވަޅުގައި ދާނީ އަޒާބުލިބެމުންނެވެ. ނަމަވެސް މާތް ﷲ އަށް އީމާންވީ މީހުންނަށް ކައްވަޅުގައި އަޒާބުލިބޭނީ އެމީހަކު ކުރި ފާފައިގެ ނިޞްބަތުންނެވެ. ފާފަކޮށްފައިވާނަމަ އެމީހަކަށް ކައްވަޅުގައި އަޒާބު ލިބޭނެއެވެ.
ކައްވަޅުގައި އަޒާބު ލިބޭނީ ހަމައެކަނި ބޮޑެތި ޙަރާމް ކަންތައްތައް ކުރި މީހުންނަކަށް ނޫނެވެ. ކުޑަކަމު ދިއުމުގައި ފަރުވާކުޑަކޮށް ގައަށް ބުރާގޮތަށް ކުޑަކަމު ދިއުމަކީ ވެސް ކައްވަޅުގައި އަޒާބު ލިބޭ ކަމެކެވެ. ނެތިމޮށުމާއި ޣީބަ ބުނުމަކީވެސް ކައްވަޅުގައި އަޒާބުލިބޭ ކަންކަމެކެވެ. މީސްތަކުންގެ މެދުގައި ފިތުނަ އުފެއްދުމަކީވެސް ކައްވަޅުގައި އަޒާބުލިބޭ ކަމެވެ. މިކަންކަމުން ވެސް އެނގެނީ ބޭރުފުށުގެ ސާފުތާހިރުކަމާއި ދުލުގެ ތާހިރުކަން އިސްލާމް ދީނުގައި މުހިންމުވާ މިންވަރެވެ.
ކައްވަޅުގައި އަޒާބުލިބޭ ކަންކަމުގެ ތެރޭގައި ދޮގުބުނުމާއި، ކީރިތި ޤްރްއާނަށް ފަރުވާކުޑަކުރުމާއި ޒިނޭކުރުމާއި ރިބާ ހިމެނެއެވެ. ނަމަވެސް މިކަންކަމަށް މީސްތަކުން މިއަދު މިވަނީ ވަރަށް ބޮޑަށް ޣާފިލުވެފައެވެ. މިކަންކަމަކީ އެއްވެސް ފާފައެއްގެ ގޮތުގައި ނުދުށުން މިއަދު މިވަނީ ޢާންމުވެފައެވެ.
- ބިލާލް އައްސަދުގެ ދަރުސަކުން -