މިފެށޭ ރަމަޟާން މަހަކީ އެންމެ ގިނަ ސަވާބާ ދަރުމަ ލިބޭ މަހަށް ހެދުމަށްޓަކާ ރަނގަޅަށް ޕްލޭންކުރަން ޝައިޚް ޢަލީ ޒާހިރު އިލްތިމާސްކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 15ސ
މިފެށޭ ރަމަޟާން މަހަކީ އެންމެ ގިނަ ސަވާބާ ދަރުމަ ލިބޭ މަހަށް ހެދުމަށްޓަކާ ރަނގަޅަށް ޕްލޭންކުރަން ޝައިޚް ޢަލީ ޒާހިރު އިލްތިމާސްކުރައްވައިފި
މިފެށޭ ރަމަޟާން މަހަކީ އެންމެ ގިނަ އަޅުކަންކޮށް އެންމެ ގިނަ ސަވާބާ ދަރުމަ ލިބޭ މަހަށް ހެދުމަށް ގަދައަޅައި މަސައްކަތްކުރުމަށް ފަޟީލަތުއްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމް އިލްތިމާސްކުރައްވައިފި އެވެ.

ޝައިޚް ޢަލީ ޒާހިރު މިކަމަށް އިލްތިމާސްކުރައްވާފައިވަނީ ރަމަޟާންމަހަށްޓަކައި އިރުޝާދުތަކެއް ދެއްވައި ޢާންމުކުރެއްެވެވި ވީޑިއޯ މެސެޖެއްގައެވެ.

ޝައިޚް ޢަލީ ޒާހިރު ވިދާޅުވެފައިވަނީ ރަމަޟާންމަހަށްޓަކައި ކުރަން އޮތް އެންމެ މުހިންމު އެއްކަމަކީ އެމީހަކު ރަމަޟާން މަހު އަޅުކަންތައް ކުރާނެ ގޮތުގެ ޕްލޭނެއް ކުރިއާލައި އެކުލަވާލުން ކަމަށެވެ. އެގޮތުން ފަރުޟުނަމާދުތަކާއި ސުންނަތް ނަމާދުތަކާއި ރޭ އަޅުކަންކުރާނެ ގޮތާއި މިންވަރާއި އަދި ކީރިތި ޤްރްއާން ކިޔަވާނެ ގޮތުގެ ޕްލޭނެއް އެކުލަވައިލުން ވަރަށް މުހިންމު ކަމަށެވެ.

ހަމައެއާއިއެކު ނިކަމަެތިންނަށް އެހީތެރިވުމާއި ޞަދަޤާތްދިނުމާއި މައިންބަފައިންނަށާއި ޢާއިލާއަށް އެހީތެރިވެދޭނެ ގޮތުގެ ޕްލޭނެއް އެކުލަވައިލުންވެސް ވަރަށް ކަމަށެވެ.

"1439 ވަނަ އަހަރުގެ ބަރަކާތްތެރި ރަމަޟާން މަސް ދާދިއަވަހަށް އައިސް އަޅުގަނޑުމެންނާއި އެބަ ކުރިމަތިލާ. އެމަހަށްޓަކައި ކުރިއާލައި ޕްލޭންތަކެއް ހަދަން އެބަޖެހޭ. އެހެން ނޫންނަނަމަ އެއްވެސް ކަމެއް ނުވެ ތިއްބާ އެމަސް އަޅުގަނޑުމެންނާ އަލްވަދާޢު ކިޔާފާނެ."

ޝައިޚް ޢަލީ ޒާހިރު ވަނީ ފުރަތަމަކަމެއްގެ ގޮތުން ތައުބާވުމަށް އިލްތިމާސްކުރައްވައިފައެވެ. "ތައުބާވެ މާތްﷲގެ މަގަށް އެނބުރި ރުޖޫޢަވެގެން ތިބެ ރަމަޟާން މަހާއި ކުރިމަތިލުމަށް އަޒުމް ކަނޑައަޅަންޖެހޭ."

"ޖަމާއަތުގައި ފަރުޟު ނަމާދުތައް ކުރުމަށް ސަމާލުކަންދޭންޖެހޭ. ހަމައެފަދައިން ސުންނަތް ނަމާދުތައް ކުރުމަށާއި ރޭ އަޅުކަން ކުރުމަށްވެސް ސަމާލުކަންދޭން ޖެހޭ. ކީރިތި ޤްރްއާނުން ކިޔަވާނީ ކިތައް ފޮތްތޯ ކުރާނީ ކިތައް ޚަޠިމްތޯ މިއަދު އަޅުގަނޑުމެން އަޒުމް ކަނޑައަޅަން އެބަޖެހޭ. އެއިރުރުން ރަމަޟާން މަހު އެފޮތާއި ކައިރީގައި އަޅުގަނޑުމެންނަށް އުޅެވޭނީ."

ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ ދަރިންނަށް ރަނގަޅު މަގު ދައްކައިދިނުމަށާއި ރަނގަޅު ގޮތުގައި ތަރުބިއްޔަތުކުރުމަށް ރަމަޟާން މަހު ކުރަން ޤަޞްދުކުރާ ކަންކަމުގެ ޕްލޭނެއްވެސް އެކުލަވައިލަން ޖެހޭ ކަމަށެވެ.

"މިކަންކަން ފުރިހަމައަށް ޕްލޭންކޮށްގެން ރަމަޟާން މަހާއި ކުރިމަތިލައި އަމަލުކޮށްފިނަމަ މި ރަމަޟާން މަސް ވެގެންދާނީ ބަރަކާތާއި ސަވާބާއި ދަރުމައިން ފުރިގެންދާ މަހަކަށް. މި ރަމަޟާން މަސް އަޅުގަނޑުމެން ހަދަންވާނެ، އެންމެ ބަރަކާތް ޙާޞިލުކުރެވުނު އަދި އެންމެ ގިނައިން ސަވާބު ލިބުނު މަހެއްގެ ގޮތުގަ."

ޝައިޚް ޢަލީ ޒާހިރު ވިދާޅުވީ މީހެއްގެ ހަޔާތުގައި ރަމަޟާން މަހެއް ހޭދަކޮށްލަން ލިބުމަކީ ލިބޭ ވަރަށް މަތިވެރި އަދި ވަރަށް ބޮޑު ހެޔޮ ކަމެއް ކަމަށެވެ. އެހެންކަމުން ބާކީ މިއޮތް ދުވަސްކޮޅުގައިވެސް ދުޢާކުރަންވީ ރަމަޟާން މަސް އަޅުގަނޑުމެންނަށް ދެއްވެވުން އެދި އާއި އެ މައްސަރުގައި މާތްﷲ ފާފަ ފުއްސަވާ އަޅުންގެ ތެރޭގައި ހިމަނުއްވައި ދެއްވެވުން އެދި ކަމަށެވެ.



މިއަދު އޮންލައިން