ރަމަޟާންމަހަށް ޝައިޠާނުންތައް ކަސްތޮޅު އެޅުއްވެވީމާވެސް ފާފަތައް ކުރެވެނީ ކީއްވެ ކަމާއިމެދު ވަރަށް ގިނަ މީހުން ސުވާލުތައް ކުރެއެވެ.
މިނިކާވަގާއި ސިންގާއަށް ވިސްނާށެވެ. އެތަކެތި ޗޭނުޖެހީމާ އެތަކެތީގެ ބިރުވެރިކަމުން ސލާމަތްވެވެއެވެ. ނަމަވެސް ކިހައިވަރަކަށް ހެއްޔެވެ؟ އެތަކެތީގެ އަތްފޯރާ ފަށަށް ކައިރިވެއްޖެނަމަ ހަމަ ނޮޅައި ކައިލުމުގެ ފުރުޞަތު އެބައޮތެވެ.
އަހަރެންނަށް ވިސްނޭ ގޮތުން ރަމަޟާން މަހުވެސް މިވަނީ އެފަދަ ގޮތެކެވެ. މާތްﷲ ޝައިޠާނުންތައް މަރުއްވަވައެއް ނުލައްވަވައެވެ. ކަސްތޮޅު އަޅުއްވަވަނީއެވެ. ކަސްތޮޅު އެޅުއްވެވުމުން މިވާގޮތަކީ ބާރުފޯރުވޭ މިންވަރު ކުޑަވެގެން ނުވަތަ ނެތިގެންދަނީ އެވެ. ނަަމަވެސް ޝައިޠާނާ އާއި މާބޮޑަށް ކައިރިވެނީމާ އެހިސާބުން ޝައިޠާނާއަށް ބާރުފޯރުވެނީއެވެ. އަތު ނުޖެހޭ ހިސާބު ދުރުން އުޅުނީމާ ސަލާމަތް ވެވޭނެއެވެ.
އެކަން އެނގެނީ ބަޤަރާ ސޫރަތުގެ 168 ވަނަ އާޔަތުންނެވެ. "އަދި ޝައިޠާނާގެ ފިޔަވަޅުތަކަށް ތިއަބައިމީހުން ތަބަޢަ ނުވާށެވެ. (އެހެނީ) ހަމަކަށަވަރުން ޝައިޠާނާ އީ، ތިއަބައިމީހުންނަށް ހުރި ކަނޑައެޅިގެންވާ ޢަދާވާތްތެރިއެކެވެ."
މި އާޔަތުގައި ޝައިޠާނާގެ ފިޔަވަޅުތަކަށް ސަމާލުކަންދޭން މާތްﷲ އަންގަވާފައި މިވަނީ ކީއްވެގެން ހެއްޔެވެ؟ އެއީ ޝައިޠާނާ ޝައިޠާނާގެ ސިފައިގައި އައިސް ކަމެއް ކުރަން ބުނެފިނަމަ އެއްވެސް މުސްލިމަކު އެކަމެއް ނުކުރާނެތީއެވެ. ބިރުން ދުރުހެލިވާނެތީއެވެ.
އެހެންކަމުން ޝައިޠާނާގެ ފޔަވަޅުތައް މިވަނީ މާ ނުރައްކާތެރި އެއްޗަކަށެވެ. އެއީ އިންސާނުން އެއަށް ހެއްލެވޭތީއެވެ.
މިކިޔައިދޭ ވާހަކައަށް ވިސްނާށެވެ.
ޒުވާން އަންހެން ކުއްޖަކު ތިބާގެ ކުރިމަތީގައި ހުރެ ޒިނޭކުރަން އެދިއްޖެނަމަ ތިބާ އެކަން ނުކޮށްފާނެއެވެ. ފާފައަށް ބިރުންނެވެ. އެހެންވެ ޝައިޠާނާ އެކަން ކުރުވަނީ ވަރަށް ހީލަތްތެރި ގޮތަކަށެވެ.
އަންހެން ކުއްޖާ ފުރަތަމަ ކުރާނީ ފޯނެވެ. "ފޯނުކޯލެއްދޯ؟ މާ ބޮޑުކަމެއް ނޫން" ކަމަށް ހިތަށް އަރުވައި ވާހަކަ ދައްކާލާނީއެވެ. އެގޮތަށް ދެތިން ދުވަސްވީމާ އަންހެން ކުއްޖާ އެދޭނީ މެކް ޑޮނަލްޑްސްއަށް ގޮސްލުމަށެވެ. "މެކްޑޮނަލްޑްސްދޯ؟ ވާނީ ކުޑައިރުކޮޅެއް." ކަމަށް ބަލައި އެތަނަށްވެސް ދާނީއެވެ. އެއިގެ ދެތިން ދުވަސްފަހުން އަންހެން ކުއްޖާ އެދޭނީ ބޮޑު ހޮޓަލެއްގެ ރެސްޓޯރަންޓަކަށް ކާން ދިއުމަށެވެ. "އާނ. ކާލަންދޯ. ގިނަވެގެން ވާނީ 3،2 ގަޑިއިރު، ގޮސްލާނީ." އެރޭގެ ކެއުމަށްވެސް ދިއައީ އެވެ.
ކާން ތިބެ ވާހަކަދައްކަމުން ގޮސް ދަންވީއެވެ. އަންހެން ކުއްޖާ އެދޭނީ ޒިނޭކުރުމަކަށް ނޫނެވެ. ދެން އެރޭ ހޮޓަލުގެ ކޮޓަރިއެއްގައި ރޭކޮށްލާފައި ހެނދުނު ދިއުމަށެވެ. އެކަންވެސް ޤަބޫލުކުރެވޭނެއެވެ. އެހިސާބުން އެއޮތީ ނުކުރަންވީ ހުރިހާ ކަންކަން ކުރެވިފައެވެ.
މިއީ ހަމަ ހިނގާފައި ހުރި ކަންކަމެވެ. ދެ ޖިންސަށްވެސް މެއެވެ. މިވާހަކައިން މިއެނގެނީ ކުރިން ބުނި ވާހަކައިގެ ތެދުކަމެވެ. އެ ނުބައި ފާފަ އެކުރެވުނީ ޝައިޠާނާގެ ފިޔަވަޅުތަކުގެ ފަހަތުން ދެވުނީމައެވެ. އަމަލުކުރެވުނީމައެވެ. ޝައިޠާނާގެ ފިޔަވަޅުތަކާއި ކައިރިނުވުމަށް މާތްﷲ އަންގަވާފައި އެވަނީ މިފަދަ ކަންކަން ހިނގާނެތީއެވެ.
ޝައިޠާނާ ކަސްތޮޅު އެޅުއްވެވީމާ އެއިގެ ފިޔަވަޅުތަކަށް ހުއްޓުން އާދެއެވެ. ވަސްވާސްދެވުން ކުޑަވެގެންދެއެވެ. ނަމަވެސް މާކައިރިއަށް ދެވުނީމާ ކަންކަން ގޯހުން ގޯހަށް ދަނީއެވެ. ބޮޑެތި ފާފަތައް ކުރުމުގެ ފުރުޞަތު ބޮޑުވެ ފާފަތަކަށް އަރައިގަނެވެނީއެވެ.
(ޑރ. ޒާކިރް ނައިކުގެ ދަރުހަކުން)