ޑްރަގާއި މިޔުޒިކާއި ފާހިޝް އަމަލުތައް ޝައިޠާނާ ވިއްކަނީ އެއް ޕެކޭޖެއްގައި އެއް ބާސްކެޓަކަށް އަޅައިފައެވެ. 3 ކަމަކީ ވަކި 3 ކަންތައް ނަމަވެސް މިއީ ގުޅި ލާމެހިފައިވާ 3 ކަންތަކެވެ.
އެކަން އެނގިގެންދާ ހެކިތައް ވަރަށް ގިނައިން ލިބެން އެބަހުއްޓެވެ. މިސާލަކަށް މީހަކަށް ލަވަކިޔުންތެރިއަކު މަޤްބޫލްވެދާނެއެވެ. އެހިސާބުން އެމީހަކަށް ލަވަކިޔުންތެރިޔާއަށް އަޅުކަން ކުރެވެން ފަށައެވެ. ހަޔާތުގެ ހުރިހާ ކަމަކީ އެ ލަވަކިޔުންތެރިޔާ ކަމަށްވެގެންދެއެވެ.
އަބަދުވެސް ބޭނުންވާނީ އޭނާގެ ލަވަތައް އަޑުއަހާށެވެ. ވީޑިއޯ ބަލާށެވެ. އެމީހާ ހަމަ ލޮލުން ދެކޭށެވެ. އެމީހާ ޝޯއެއް ދޭނަމަ ކޮންމެ އަގެއް ދީފައި ނަމަވެސް އެންމެ ކައިރިން ޓިކެޓް ނަގާނެއެވެ.
ދިރާސާތަކަށް ބަލާއިރު ލަވަކިޔުންތެރިއަކު ކަޅި އަޅައިލި ނަމަވެސް ސަޕޯޓަރުން އަރާހިކެއެވެ. ކިހައި މިންވަރަކަށް ހެއްޔެވެ؟ 99 މީހުން އެމީހުން ސަޕޯޓުކުރާ މީހާއަކީ މުސްކުޅިއެއް ނަމަވެސް އެމީހަކާއިއެކު ޖިންސީ ގުޅުން ހިންގުން ވެސް ދެކެނީ ފަޚުރެއްގެ ގޮތުގައެވެ.
މިއީ ޝައިޠާނާ މި ޕެކޭޖް ރާވާފައިވާ ގޮތެވެ. ޙާޞިލުކުރަން ބޭނުންވާ މަޤްޞަދެވެ.
މިއީ މިސްކިތެކެވެ. އެލްވިސް ޕްރިސްލީ އެވެ އެކިޔާމީހާގެ ވާހަކަ މިސްކިތުގައި ދައްކާކަށްވެސް ބޭނުމެއް ނޫނެވެ. ނަމަވެސް ގިނަ އަދަދެއްގެ ޒުވާނުން މިތަނުގައި ތިބުމުން މިވާހަކަ ކިޔައިދޭނަމެވެ.
އޭނާ މަޝްހޫރުވީ ކީއްވެގެންހެއްޔެވެ؟ ކޮންކަމެއް ކޮން ގޮތަކަށް ކޮށްގެން ހެއްޔެވެ؟ ތިއަ ޒުވާނުންނަށް އެނގޭހެއްޔެވެ؟
އޭނާގެ މަޝްހޫރުކަން އިތުރުވެ އެންމެ މަޤްބޫލު މީހާއަށް އެހައިތަނަށް ލަވަކިޔުންތެރިން އެކަން ނުކުރާ މިންވަރަށް ސްޓޭޖްތަކުގައި ފާހިޝް އަމަލުތައް ކުރާ ވައްތަރު ޖައްސައިގެންނެވެ. ބަލަން ހުންނައިރު ހީވާނީ ހަމަ ތިމާއަށްވެސް ކަންތައްތަކެއް ކުރެވެނީ ހެންނެވެ.
އެކަމުގެ ސަބަބުން ފިރިހެނުންނަށްވުރެ އޭނާއަށް ތާއީދުކުރި އަންހެނުންގެ އަދަދު 75 އިންސައްތަ އިތުރުވިއެވެ. އެ ބޮޑު މަޝްހޫރު މީހާ މަރުވީ އަމިއްލައަށެވެ. ބެލެވޭ ގޮތުން ޑްރަގް އޯވަރޑޯޒްވެގެންނެވެ. މަރުވީމާ ދެންވީ ކިހިނެއް ހެއްޔެވެ؟ ބައެއް އަންހެނުން އޭނާ ނެތް ދުނިޔެއެއްގައި ނުތިބެންވެގެން ގޭގެ ބެލްކަނީން ފުންމާލައިގެން އަމިއްލައަށް މަރުވިއެވެ.
މިއީ ޝައިޠާނާގެ މި ޕެކޭޖްގައި ނުރައްކާތެރިކަން ހުރި މިންވަރެވެ.
ދެން ޑްރަގަށް ބަލައިލާށެވެ. ޕާޓީ ޑްރަގް ނުވަތަ އެނޫންވެސް ޑްރަގަކާއި ނުލައި މިހާރު ލަވަކިޔުންތެރިއަކަށް އެކަމެއް ނުކުރެވެއެވެ. ކުޅިބަލަންދާ މީހުންނަކަށް ކުޅިބަލާކަށްވެސް ނުދެވެއެވެ. ދުނިޔޭގެ ބާޒާރުގައި އެންމެ ގަދައަށް ހިނގަނީ ޕާޓީ ޑްރަގް ކަމަށް ބުނެއެވެ.
ބުނަންހެއްޔެވެ! މިބާސްކެޓްގައި ހިމެނޭ 3 ބާވަތުންކުރެ އެއްވެސް ބާވަތެއް ބޭނުންކޮށްފިނަމަ ކޮންމެވެސް ގޮތަކުން ދެން އޮތް ދެ ކަންތައް ތިބާ އާއި އައިސް އަރާ ހަމަކުރާނެއެވެ. އެއީ ޝައިޠާނާ އެކަންތައްތައް ރާވައި ޕެކޭޖްކޮށްފައިވާ ގޮތެވެ.
ރަނގަޅަށް ވިސްނާށެވެ! މިހާރަކަށް އައިސް މުސްލިމުންނަށް ޝައިޠާނާ އޭނާގެ އެޖެންޓުން މެދުވެރިކޮށް ވިއްކާލާނީ އޭނާގެ ބާސްކެޓުން މިޔުޒިކެވެ. ލަވައެވެ. އެއިގެ ފަހަތުން ދެންހުރި ކަންކަން އޮޓޮމެޓިކުން އަންނާނެއެވެ. ވީމާ ތިބާ ލަވަ އާއި މިޔުޒިކްގެ ތެރެއަށް ވައްދުވަން ކުރާ ކޮންމެ ކަމަކީ ޝައިޠާނާ ކުރާ ކަމެކެވެ. އެކަން ކުރަނީ ޝައިޠާނާގެ އެޖެންޓުން މެދުވެރިކޮށެވެ.
ތިބާ ޝައުޤުވެރިކުރުވަން ބޮޑެތި އިނާމުތައް ވެސް ހުށަހަޅައިގެން ވެސް މީސްތަކުން މަޅީގައި ޖައްސުވާނެއެވެ. އެ އިނާމުތައް ހިފައިގެން ތިބާއަށް ގޮސް ވަންނަން ޖެހޭނީ ނަރަކައަށްކަން ޔަޤީންކުރާށެވެ. މިކަންކަމަށް ވިސްނައި ބިރުވެތިވާށެވެ! އާޚިރަތުގައި ސަލާމަތް ކަމަށް އެދޭނަމައެވެ.
- ލަވް އިސްލާމްގެ ދަރުސަކުން -